ސްޓޫޑަންޓް ލޯނަށް ޝަރުތު ހަމަވީ އެންމެނަށް ލޯނު ދޭން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް "މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ޖަލްސާ 2021-2022"ގައި ވާހަކަދައްކަވަނީ -- ފޮޓޯ/ރައީސް އޮފީސް

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީން ހާސިލުކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯން ސްކީމަށް މި އަހަރު ކުރިމަތިލީ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވީ ހުރިހާ ކުދިންނަށް ލޯން ދޭން ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާނުކުރީ، އޭ-ލެވަލް އިމްތިހާނުން އެންމެ މޮޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމު ދޭން ބޭއްވި "މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ޖަލްސާ 2021-2022"ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

އެގޮތުން މި އަހަރު ސްޓޫޑަންޓް ލޯނަށް ކުރިމަތިލައި، ޝަރުތު ހަމަވީ 1225 ކުދިންނަށް ލޯން ދޭން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ކަމުގެ ތަފުސީލުތައް ހަޔާ އެޑިއުކޭޝަން މިނިސްޓަރު މާދަމާ ހިއްސާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސްޓޫޑެންޓް ލޯނު ސްކީމަށް މި ގެނެވުނު ބަދަލު އިއުލާނުކުރައްވަމުން ރައީސް ވަނީ މި އަހަރު ދޭން ނިންމާފައިވާ 1225 ލޯނާ އެކު، މިހާތަނަށް ދޫކުރި ސްޓޫޑެންޓް ލޯންގެ ޖުމުލަ 3211 އަށް އަރާނެ ކަމަށް ވިދާޅުވެފައެވެ.

މި ޖަލްސާގައި ރައީސް ވަނީ މި ސަރުކާރުގެ ތައުލީމު ސިޔާސަތާ ގުޅުވައި، ތައުލީމާއި ތަމްރީންގެ މިހާ ފަހި ފުރުސަތުތަކެއް އެއްވެސް ސަރުކާރަކުން މީގެ ކުރިން ފަހިކޮށްދީފައި ނުވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ ތެރެއިން ފާހަގަކުރެއްވި އެއް ކަމަކީ ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދިނުމަށް ސަރުކާރުން ކުރިޔަށް ގެންދާ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އެވެ. މިއީ ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، ޢިމާރާތްކުރުމުގެ އިތުރުން މަސްވެރިކަމާއި ދަނޑުވެރިކަން އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރަން ހިންގާ ޕްރޮގްރާމެކެވެ.

"ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް"ގެ ދަށުން މިހާތަނަށް 15 ކުންފުންޏަކުން ހަމަޖެއްސި 1370 ޖާގައިގެ ތެރެއިން 665 ޒުވާނަކަށް ވަނީ ފުރުސަތުތައް ފަހިކޮށްދީފައި ވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޕްރޮގްރާމް ހިންގަން އިތުރު ކުންފުނިތަކާ އެކީ ސޮއިކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

"[ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމު] ހިންގުމަށް އިތުރު 8 ކުންފުންޏަކާ އެކު އެމްއޯޔޫގައި ސޮއި ކުރުމަށް މި އަންނަނީ ތައްޔާރުވަމުން" ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކައިގައި، ހަމައެކަނި ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދެނީ ނޫން ކަމަށާއި ޒުވާނުންނަށް ބޭނުންވާ ވަޒީފާތައް އުފެއްދުމުގެ މަސައްކަތް ވެސް މި ސަރުކާރުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްދާ ތަރައްގީގެ މަޝްރޫއުތަކަކީ އެއީ ކުދިންނަށްޓަކައި އުފައްދާ ވަޒީފާތައް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއާޕޯޓެއް އެޅިޔަސް އެއީ ތިޔަ ކުދިންނަށް ހުރި ވަޒީފާތައް. ސިއްހީ މަރުކަޒެއްގެ ފެންވަރު މަތި ކުރިޔަސް، އެއީ އުފެދޭ އިތުރު ވަޒީފާ. ޓާޝަރީ ފެންވަރަށް ތަރައްޤީ ކުރާ ފަސް ހޮސްޕިޓަލަކީ ވެސް، ޑޮކްޓަރުންނާއި ނަރުހުންނާއި ލެބް ޓެކްނީޝަނުންނަށްޓަކައި ރަށްރަށުގައި އުފެދޭ އެތައް ވަޒީފާއެއް. ފެނާއި ނަރުދަމާ ޤާއިމުކުރިޔަސް، އެއީ ވެސް ހަމަ ތިޔަ ކުދިންނަށްޓަކައި އުފެދޭ ވަޒީފާ." ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރާއި އެމަނިކުފާނު ރާއްޖޭގެ ތަރައްޤީއާ މެދު ގެންގުޅުއްވާ ދުރު ރާސްތާގެ ތަޞައްވުރަކީ، ޒަމާނީ ތަޢުލީމުން ރޯފިލާފައި ތިބި، ހުނަރުވެރި އަދި މަސައްކަތްތެރި ހީވާގި ޖީލެއް ބިނާކުރުން ކަމަށެވެ.

comment ކޮމެންޓް