އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިން ރައީސް ޞާލިޙާ ބައްދަލުކުރައްވައިފި

އަދާލަތުގެ އިލްމުވެރިން ރައީސް ޞާލިޙާ ބައްދަލުކުރެއްވުން -- ފޮޓޯ/ އަދާލަތު ޕާޓީ

އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ބޭފުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމާބެހޭ ގޮތުން އަދާލަތު ޕާޓީން ބުނީ މި ބައްދަލުވުމަކީ އެ ޕާޓީން ރިޔާސީ އިންތިޚާބުގައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރުމަށް ނިންމާފައިވާތީ، އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން ރައީސްގެ ސަމާލުކަމަށް ގެންނާން ބޭނުންފުޅުވާ ކަންކަމާ މެދު މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ނަމަވެސް މަޝްވަރާ ކުރި ކަންކަމުގެ ތަފުސީލް އެ ޕާޓީން ހާމައެއް ނުކުރެއެވެ.

އަދާލަތުގެ އިލްމުވެރިން ރައީސް ޞާލިޙާ ބައްދަލުކުރެއްވުން -- ފޮޓޯ/ އަދާލަތު ޕާޓީ

މި ބައްދަލުވުމާބެހޭ ގޮތުން އަދާލަތުގެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުޙައްމަދު އިޔާޒު އަބްދުއްލަތީފު ޓްވިޓާގައި ވިދާޅުވީ މިއީ ކާމިޔާބު ބައްދަލުވުމެއް ކަމަށެވެ. އިޔާޒް ވިދާޅުވީ ރައީސް ޞާލިޙަކީ ސިޔާސީ ވިސްނުމާއި ފިކުރު ދިމާނުވިޔަސް ދީނީ އިލްމުވެރިންގެ އަޑު އައްސަވާ ބޭފުޅެއް ކަމަށެވެ.

އަދާލަތު ޕާޓީއަކީ ވެރިކަން ކުރަމުން މި އަންނަ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސް ޞާލިޙަށް ތާއީދު ކުރަން ނިންމާފައިވާ ހަމައެކަނި ޕާޓީއެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ވެސް ވަނީ ރައީސް ޞާލިޙަށް ތާއީދުކޮށްފައެވެ.

ރައީސް މައުމޫންގެ މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރުއެމް) އިން އަދި ވަކިގޮތެއް ނުނިންމައެވެ. އެކަމަކު ޖޫމްހޫރީ ޕާޓީން ނިންފައިވަނީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް އެ ޕާޓީން ކެންޑިޑޭޓަކު ނެރޭށެވެ.

comment ކޮމެންޓް