އަވައްޓެރި ފުލުހުންގެ ޚިދުމަތް މ. އަތޮޅުގައި ރަސްމީކޮށް ފަށައިފި

އަވަށްޓެރި ފުލުހުންގެ ޚިދުމަތް މުލަކަތޮޅުގައި ރަސްމީކޮށް ފެށުން -- ފޮޓޯ/ ޕޮލިސް

އަވައްޓެރި ފުލުހުންގެ ޚިދުމަތް މ. އަތޮޅުގައި ރަސްމީކޮށް ފަށައިފިއެވެ.

އަންގާރަ ދުވަހު ދިއްގަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެގައި، މ. އަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައި ދެއްވީ ޑެޕިއުޓީ ކޮމިޝަނަ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، ފުލުހުންގެ ފަރާތުން މ. އަތޮޅުގެ ރައްޔިތުންނަށް އެރުވި ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ ހަވާލުކޮށް ދެއްވީ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދުއެވެ.

މ. އަތޮޅުގެ ރައްޔިތުންނަށް އަރުވާ ހަނދާނީ ފިލާ، އެ އަތޮޅުގެ ކައުންސިލާ، ސީޕީ މުޙައްމަދު ހަމީދު ހަވާލުކޮށްދެއްވުން -- ފޮޓޯ/ ޕޮލިސް

އެ ރަސްމިއްޔާތުގައި، ދިއްގަރުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ "ލާމެހި" ކެމްޕެއިން އިފްތިތާހުކުރުން ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

މި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ މިނިސްޓާ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ އެވެ.

ދިއްގަރުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ "ލާމެހި" ކެމްޕެއިން، ހޯމް މިނިސްޓަރު އިފްތިތާހުކޮށްދެއްވުން -- ފޮޓޯ/ ޕޮލިސް

އަވައްޓެރި ފުލުހުންގެ ޚިދުމަތުގެ މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހު މާލޭ އޭރިއާގައި އަދި 2019 ވަނަ އަހަރު އައްޑު އާއި ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު، މާޗު 29، 2019 ގައި އިފްތިތާހުކުރި ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިއޯރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާފައިވާ ސީދާ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލްއެކެވެ.

މި ޚިދުމަތް މުޅި ރާއްޖެ އަށް ތައާރަފުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު ފުރަތަމަ ދުވަހުގައެވެ.

އެގޮތުން އަވައްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް މިހާރު ފަށާފައި ވަނީ ކުޅުދުއްފުށި ސިޓީ، ކ. އަތޮޅު، އއ. އަތޮޅު، އދ. އަތޮޅު، މ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު، ގދ. އަތޮޅު، ފުވައްމުލައް އަދި އައްޑޫގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް