ބީއެމްއެލްގެ ޚިދުމަތްތަކަށް އޭއައި ބޮޓް ''އާޔާ'' ތައާރަފުކޮށްފި

ބީއެމްއެލްގެ ސީއީއޯ ކާލް އަދި ކަސްޓަމާ ސާވިސްގެ ޑިރެކްޓަރު ގުލްނާޒް --- ފޮޓޯ/ ބީއެމްއެލް

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތް ފުރިހަމަ ކުރުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) އެކުލެވޭ ޑިޖިޓަލް ބޭންކިން އެސިސްޓަންޓް، "އާޔާ" މިއަދު ތައާރަފްކޮށްފިއެވެ.

ބީއެމްއެލްއިން މިއަދު ތައާރަފު ކުރި މި ޗެޓް ބޮޓު 'އާޔާ' އަކީ ބޭންކުގެ ވެބްސައިޓް، ފޭސްބުކް މެސެންޖާ، ވައިބާ އަދި ވަޓްސްއެޕް މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭ އިންޓަލިޖެންޓް ޗެޓްބޮޓެކެވެ.

އެގޮތުން ދިވެހި ބަހުންނާއި އިނގިރޭސި ބަހުން މުއާމަލާތް ކުރެވޭގޮތަށް ފަރުމާކޮށްފައިވާ 'އާޔާ' އަށް ކަސްޓަމަރުންގެ ސުވާލުތަކަށް ވަގުތުން ޖަވާބުދެވި، ކަސްޓަމަރު ބޭނުންވާނަމަ ކަސްޓަމާ ސާވިސް އޭޖަންޓަކަށްވެސް ޗެޓް ޓްރާންސްފާ ކުރެވޭނެއެވެ.

މި ޗެޓު ބޮޓު ތައާރަފުކޮށް މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބީއެމްއެލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ފަދަ ބްރޭންޑްތަކާ ކަސްޓަމަރުން މުއާމަލާތް ކުރުމަށް ބޭނުންވާނީ އެ މީހަކު ހިޔާރުކުރާ ޗެނަލެއް މެދުވެރިކޮށް ކަމަށެވެ.

"އެކި ޗެނަލްތައް މެދުވެރިކޮށް ސްމާޓްކޮށް މުއާމަލާތްކުރުމަށް 'އާޔާ' ފަރުމާކޮށްފައި ވަނީ ޖެނެރޭޓިވް އޭއައި އަދި އެންމެ ފަހުގެ ނެޗުރަލް ލޭންގުއޭޖް ޕްރޮސެސިން (އެންއެލްޕީ) ބޭނުންކުރާ ޕްލެޓްފޯމެއްގެ ގޮތުގައި. އެހެންކަމުން، އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އަވަހަށް ޖަވާބުދެވި، މައްސަލަ ހައްލުވެ، އޭގެ ސަބަބުން ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުވެގެންދާނެ،" އޭނާ ވިދާޅުވިއެވެ.

ކާލް ވިދާޅުވި ގޮތުގައި، ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ ބޭންކަށް ވަރަށް މުހިންމު ކަމެކެވެ. އަދި އެ ބޭންކުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އަވަސް، ޒަމާނާ ގުޅޭ، ކަސްޓަމަރުންނަށް ފަސޭހަ ޑިޖިޓަލް ހިދުމަތްތަކަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށާއި އެ ބޭންކުގެ އިންވެސްޓްމަންޓްގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، މިދިޔަ އަހަރު ޚިދުމަތުގެ ފެންވަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 40 އިންސައްތަ ރަނގަޅުވެފައިވާއިރު، ބޭންކުގެ ޚިދުމަތް ހޯދަން ކަސްޓަމަރުން ހޭދަ ކުރަންޖެހޭ ވަގުތު ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑަށް ދަށްކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އަދިވެސް ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އެ ބޭންކުން އިޖާދީ ހައްލު ހޯދަން ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނަށްދޭ ޚިދުމަތަށް ހެޔޮ ބަދަލުތަކެއް ގެންނަން މަސައްކަތްތަކެއް ކުރާނެ ކަމަށް ކާލް ވިދާޅުވިއެވެ.

ބީއެމްއެލްއިން މިހާރުވެސް ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ކުރިއަށް ގެންދާއިރު، އޭގެ ތެރޭގައި ބޭންކް އެކައުންޓް ހުޅުވުމާއި އޮންލައިންކޮށް ލޯނު ނެގުމާއި ފައިނޭންސިން އަށް އެދި ހުށަހެޅުމާއި ޑެބިޓް ކާޑާއި ކްރެޑިޓް ކާޑު އަމިއްލަ އަށް މެނޭޖް ކުރުމާއި ރާއްޖެއިން ބޭރަށް ފައިސާ ޓްރާންސްފަ ކުރުމުގެ އިތުރުން ޓީޓީގެ ޚިދުމަތްތައް ހިމެނެއެވެ.

comment ކޮމެންޓް