ދިރުވާލައިގެން ރާއްޖެއަށް ޑްރަގް އެތެރެކުރި ހަތަރު މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް: ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ޕާކިސްތާނަށް ނިސްބަތްވާ ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕާކިސްތާނުގެ ތިން ފިރިހެނުންނާއި އަންހެނެކެވެ. އެ މީހުންގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަސް އިތުރު ކޮށްދީފައެވެ.

ވައިގެ މަގުން ރާއްޖެއައި އެ ހަތަރު މީހުންގެ ހަށިގަނޑު ޗެކް ކުރީ އެ މީހުންގެ އަމަލުތައް ހުރި ގޮތުން, ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަށް ތުހަމަތު ކުރެވިގެން ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

އެ ހަތަރު މީހުން ވެސް އައިޖީއެމްއެޗަށް ގެންގޮސް ސްކޭންކުރި އިރު ހަށިގަނޑުގެ ތެރޭގައި ފޮރިން ބޮޑީސް ހުރިކަން އެނގޭ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ. އެތަކެތި ހަށިގަނޑުން ބޭރުވަންދެން އެ މީހުން ވަނީ ދޫނިދޫގެ މެޑިކަލް ކްލިނިކަށް ބަދަލު ކޮށްފައެވެ. އަދި އެތަނުން ދޫކޮށްލާތާ 24 ގަޑިއިރު ތެރޭގައި އަލުން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

comment ކޮމެންޓް