ރަޝިއާގެ ވެރިރަށް މޮސްކޯއަށް ޑްރޯން ހަމަލާތަކެއް

ރަޝިއާގެ ވެރިރަށް މޮސްކޯ އަށް ހަމަލާދޭން އުޅުނު ޑްރޯންތަކުގެ ތެރެއިން ޑްރޯން އެއް

މޮސްކޯ (31 މެއި 2023): ރަޝިއާގެ ވެރިރަށް މޮސްކޯއަށް ޑްރޯން ހަމަލާތަކެއް އަރައިފިއެވެ.

މިއީ ޔުކްރެއިނާ ދެކޮޅަށް ރަޝިއާ ހަނގުރާމަ ފެށިފަހުން ރަޝިއާއަށް އެރި އެންމެ ވަރުގަދަ ހަމަލާތައް ކަމަށް ރަޝިއާގެ މީޑިއާ ބުނެއެވެ. މިއީ ދުރުރާސްތާގެ ޑްރޯންތަކަކުން ދިން ހަމަލާތަކެކެވެ. މި ހަމަލާތަކުގައި މޮސްކޯގެ އާންމު ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށްވަނީ ގެއްލުންތަކެއް ލިބިފައެވެ.

ރަޝިއާގެ ދިފާއީ ވުޒާރާ ބުނާ ގޮތުން މޮސްކޯއަށް ހަމަލާދޭން އުޅުނީ އަށް ޑްރޯންއެވެ. އެ އަށް ޑްރޯން ވެސް ވަނީ އޭގެ އަމާޒަށް ވާސިލްވުމުގެ ކުރިން ވައްޓާލައިފައެވެ. އެޕާޓްމަންޓް އިމާރާތަކަށް ގެއްލުން ލިބުނީ ޑްރޯންތައް ވައްޓާލުމުގެ ތެރޭގައި ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ރަޝިއާގެ މީޑީއާ ބުނެއެވެ.

ރަޝިއާގެ ދިފާއީ ވުޒާރާއިން ވަނީ މި ޑްރޯން ހަމަލާތަކުގެ ފަހަތުގައި ވަނީ ޔުކްރެއިން ކަމަށް ބުނެއެވެ. ނޭޓޯގެ ގައުމުތަކުން ޔުކްރެއިނަށް ފޯރުކޮށްދީފައިވާ ޒަމާނީ ހަތިޔާރުތަކުގެ ތެރޭގައި 800 ކިލޯމީޓަރުގެ ރާސްތާއަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ޑްރޯންތައް ހިމެނޭ ކަމަށް ވެއެވެ.

ޑްރޯންތައް ވައްޓާލުމުން މޮސްކޯގެ އެޕާޓްމަންޓް އިމާރަތަކަށް ލިބިފައިވާ ގެއްލުން

ރަޝިއާގެ ރައީސް ވްލަދިމިޔާ ޕޫޓިން ވަނީ މިއީ ޔުކްރެއިނުން ރަޝިއާއަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކެއް ކަމަށް ސިފަކޮށްފައެވެ. ޔުކްރެއިނަށް ވާގިވެރިވާ އެމެރިކާއާއި އިނގިރޭސިވިލާތް ފަދަ ނޭޓޯގެ ގައުމުތައް މި ހަމަލާތަކުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށާއި ޔުކްރެއިންގެ މި ހަމަލާތަކަށް ރަޝިއާ ރައްދު ދޭނީ ވަރަށް ވޭންދެނިވި ގޮތެއްގައި ކަމަށް ވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ޔުކްރެއިނުން މީގެ ދެ ދުވަސް ކުރިން ރަޝިއާގެ ބޯޑަރު ސަރަހައްދުގައިވާ ބެލްގްރޯޑް ނަމަކަށް ކިޔާ ޓައުންގެ ލަކުޑިއާ ބެހޭ ކާރުޚާނާއަކަށް ވެސް ވަނީ ޔުކްރެއިންގެ ހަމަލާތަކެއް އަރާފައެވެ. މި ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ރަޝިއާއިން ވަނީ ޔުކްރެއިންގެ އެތަންމިތަނަށް ވަރަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

ރަޝިއާގެ ހަމަލާތަކުގައި އާދަޔާ ޚިލާފު ބޮޑެތި ގެއްލުންތަކެއް ލިބި ގިނަ ބަޔަކު މަރުވިކަމަށް ޔުކްރެއިނުން ވަނީ ފުރަތަމަ ފަހަރަށް އެއްބަސްވެފައެވެ.

ޔުކްރެއިނަކީ ރަޝިއާ އެ ގައުމަށް ދޭ ހަމަލާތަކުގައި ލިބޭ ގެއްލުންތަކާއި މަރުވާ މީހުންގެ އަދަދު ސިއްރު ކުރުމުގެ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ. ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިން ފުނޑުފުނޑު ވަމުންދާއިރު ވެސް ޔުކްރެއިން ބުނަނީ ރަޝިއާއިން ދޭ ހުރިހާ ހަމަލާތަކެއް ނޫނީ ހަމަލާތަކުގެ 95 އިންސައްތަ މަތަކުރާ ކަމަށާއި ރަޝިއާގެ މިސައިލްތައް ވައިގެ ތެރޭގައި ގޮއްވާލާ ކަމަށެވެ.

ނަމަވެސް ރަޝިއާގެ ހަމަލާތަކުގައި ޔުކްރެއިން ދަނީ އަފްޣާނިސްތާނާއި ސޫރިޔާފަދަ ހަނގުރާމައިގާ ވީރާނާވެފައިވާ ގައުމަކަށް ބަދަލުވަމުންނެވެ.

މުރާސިލުން ބުނާ ގޮތުގައި ރަޝިއާގެ އެތެރެއަށް ޔުކްރެއިން ދޭ ޑްރޯން ހަމަލާތަކުގެ ރައްދުގައި ރަޝިއާގެ މިސައިލް ހަމަލާތައް މިހާރު އަމާޒުކުރަނީ ޔުކްރެއިންގެ ހައްސާސް މަރުކަޒުތަކަށެވެ. އޭގެ ތެރޭގައި ސިފައިންގެ އިސް ކޮމާންޑަރުންގެ މަރުކަޒުތަކާއި ކޮމާންޑް އެންޑް ކޮންޓްރޯލް މަރުކަޒުތަކާއި ޔުކްރެއިންގެ އަސްކަރީ މަސްއޫލުވެރިން ދިރިއުޅުއްވާ ތަންތަން ހިމެނެއެވެ. މީގެ ކުރިން ޔުކްރެއިންގެ އަސްކަރީ މަސްއޫލުވެރިން ދިރިއުޅުއްވާ ތަންތަނަށް ސީދާ ގޮތެއްގައި ރަޝިއާގެ ހަމަލާތައް އަމާޒުކޮށްފައެއް ނުވެއެވެ.

ރަޝިއާގެ ވެރިރަށް މޮސްކޯއަށް ދިން ޑްރޯން ހަމަލާތަކަށް އިނގިރޭސިވިލާތުން ވަނީ މަރުހަބާ ކިޔާ ބީދައިން އެ ކަމަށް ތާއީދުކޮށްފައެވެ. އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޭމްސް ކްލެވާލީ ވަނީ ރަޝިއާއަށް ދިން ޑްރޯން ހަމަލާތަކަކީ ޔުކްރޭން ދިން ހަމަލާތަކެއްކަން ދޭހަވާ ގޮތަށް ވާހަކަދައްކަވައިފައެވެ.

ކްލެވާލީ ވިދާޅުވި ގޮތުގައި ރަޝިއާ ޔުކްރެއިނާ ދެކޮޅަށް ހަމަލާދެމުން ގެންދާއިރު އަދި ރަޝިއާއިން ޔުކްރެއިންގެ ބިންތައް ހިފައި އިސްތިއުމާރުކޮށްފައިވާއިރު ރަޝިއާއަށް ހަމަލާދިނުމަކީ ޔުކްރޭނަށް ވެސް ލިބިގެންވާ ހައްގެކެވެ.

އިނގިރޭސި ޚާރިޖީ ވަޒީރުގެ މި ވާހަކަތަކަކީ އުސޫލެއްގެ ގޮތުން ރަނގަނޅު ވާހަކަތަކެއް ނަމަވެސް އިނގިރޭސިވިލާތަކީ ފަލަސްތީނުގެ މައްސަލައިގައި މި އުސޫލު އެއް ގޮތަކަށް ވެސް ގަބޫލުކުރާ ގައުމެއް ނޫނެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި އަދި އިސްރާއީލުން ފަލަސްތީނުގެ ރެފިއުޖީ ކޭންޕްތަކަށް ވަދެ ބަޑިޖަހައި ފަލަސްތީނު މީހުން މަރަމުންދާއިރު އަދި ފަލަސްތީނުގެ މުޖާހިދުންގެ މަރުކަޒުތަކަށް އިސްރާއީލުން ވައިގެ މަގުން ބޮންއަޅާއިރު އޭގެ ރައްދުގައި މުޖާހިދުން އިސްރާއީލަށް ރޮކެޓް ހަމަލާތައް ދޭން ފެށުމުން އެމެރިކާ އެކޭ އެއްގޮތަށް އިނގިރޭސިވިލާތުން ވެސް އެކަން ސިފަކުރަނީ ޓެރަރިސްޓް އަމަލެއްގެ ގޮތުގައެވެ.

އަދި، އިސްރާއީލާ ދެކޮޅަށް މިނިވަންކަމުގެ ޖިހާދުކުރާ ފަލަސްތީނުގެ ހަމާސް ޖަމާއަތްފަދަ މުޖާހިދުންގެ ހުރިހާ ޖަމާއަތްތަކަކީ ވެސް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި އިނގިރޭސި ސަރުކާރުން ގެންދަނީ ސިފަ ކުރަމުންނެވެ.

comment ކޮމެންޓް