ތާރީޚީ ފެށުމެއް، ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕުން ފަށައިފި

އައިވީއެފްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ދަރިމައިނުވުމުގެ މައްސަލައަށް ފަރުވާދިނުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕް ހޮސްޕިޓަލުން މިއަދު ފަށައިފިއެވެ.

މި ޚިދުމަތް އިފްތިތާހު ކޮށްދެއްވީ އެ ހޮސްޕިޓަލުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ރައީސް ޞާލިޙު ވިދާޅުވީ، ޓްރީޓޮޕުން މި ޚިދުމަތް ފެށުމަކީ ޒަވާޖީ ހަޔާތެއް ފަށަން ބޭނުންވާ މީހުންނަށް ލިބޭ އުއްމީދެއް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި އައިވީއެފްއަށް ތިން ލައްކަ ނުވަތަ ހަތަރު ލައްކައެއްހާ ރުފިޔާ ޚަރަދުކުރަން މިހާރު ޖެހޭއިރު، ރާއްޖޭގައި އައިވީއެފްގެ ޚިދުމަތް ލިބުމަކީ އެކަމަށް ލިބޭ ހައްލަކަށްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އައިވީއެފްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އައިވީއެފް ޚިދުމަތް ފެށުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިން އޮފިސަރު އާދިލް މޫސާ ވިދާޅުވީ، ދަރިމައިނުވުމުގެ މައްސަލައަކީ މިހާރު ރާއްޖޭގައި އާއްމު މައްސަލައަކަށް ވާއިރު، އެކަމަށް ފަރުވާ ހޯދަން އަބަދުވެސް ދާން ޖެހެނީ ރާއްޖެއިން ބޭރަށް ކަމަށެވެ.

ޓްރީޓޮޕުން މި ޚިދުމަތް ފެށުމުގެ ބޭނުމަކީ، އެކަން ހައްލުކޮށް، ރާއްޖެއިން މި ޚިދުމަތް ލިބި ފަރުވާދެވޭނެ ގޮތް އިންތިޒާމުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ފަރުވާހޯދަން ތިބެން ޖެހޭއިރު، ހޭދަކުރަން ޖެހޭ ފައިސާ އިތުރުވެ، ދިމާވާ ދަތިތަކަށް ވެސް ރާއްޖޭގައި އައިވީއެފްގެ ޚިދުމަތް ފެށުމުގެ ސަބަބުން ހައްލު ލިބޭނެ ކަމަށް އާދިލް ވިދާޅުވިއެވެ.

އައިވީއެފްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

އެގޮތުން ޓްރީޓޮޕުން އައިވީއެފްގެ ޚިދުމަތް ލިބޭނީ ޒަމާނީ ފެންވަރުގެ ވަސީލަތްތަކުގެ އެހީގައި ކަމަށާއި މިކަމަށް ޚަރަދުކުރަން ޖެހޭ ވަރު ވެސް ކުޑަ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނަޒީރު ވިދާޅުވީ، އައިވީއެފްގެ ޚިދުމަތް ފެށުމަށް އެ ހޮސްޕިޓަލުން ބޮޑު ހޭދައެއްކޮށް މިއަދު މި ޚިދުމަތް ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ.

ޓްރީޓޮޕަކީ އަބަދުވެސް ރާއްޖެއިން މީގެ ކުރިން ނުލިބޭ ޚިދުމަތްތައް ދިނުމަށް މަސައްކަތް ކުރާ ހޮސްޕިޓަލެއް ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އައިވީއެފްގެ ޚިދުމަތަކީ ވެސް އެންމެ މަތީ ފެންވަރުގައި ދެވޭ ޚިދުމަތަކަށް ހެދުމަށް އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އައިވީއެފްގެ ޚިދުމަތް ޓްރީޓޮޕުން މިއަދު ފަށާފައިވާއިރު، އެ ޚިދުމަތް އެ ހޮސްޕިޓަލުގައި ދެނީ 46،000 ރުފިޔާއަށެވެ.

ޓްރީ ޓޮޕްގައި އައިވީއެފް ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ތަޖުރިބާކާރު ދިވެހި ޑޮކްޓަރު ޒާކިޔާ އަހުމަދާއި ބޭރުގެ ތަޖުރިބާކާރެކެވެ. ކުރިން ގައިނޮކޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒާކިޔާ މިހާރު ވަނީ އައިވީއެފްގެ ދާއިރާއިން ސްޕެޝަލައިޒް ވެފައެވެ.

އައިވީއެފްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

ޓްރީޓޮޕް ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ، އައިވީއެފްގެ ޚިދުމަތަށެވެ. ޓްރީޓޮޕްގައި އައިވީއެފް ސެންޓަރު ހުޅުވާފައި ވަނީ އިންޑިއާގެ ސައިމާ ސެންޓަރާ ގުޅިގެންނެވެ.

comment ކޮމެންޓް