އެތެރޭގެ އުދުހުންތަކުގައި ޑިޖިޓަލް އައިޑީކާޑް ބޭނުން ކުރަން ފަށައިފި

އެމްއޭސީއެލް ގެ ކައުންޓަރަކުން މީހަކު ޚިދުމަތް ލިބިގަންނަނީ --- ފޮޓޯ/ އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެތެރޭގެ އުދުހުންތަކުގައި ފުރަން ދާ ދަތުރުވެރިން ޗެކްއިން ވުމަށް ޑިޖިޓަލް އައިޑެންޓިޓީ ކާޑު ބަލައިގަންނަން ފަށައިފިއެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ ކޮމިއުނިކޭޝަންސް މެނޭޖާ ޝަމްއާން ޝާކިރު "ސަން" އަށް ވިދާޅުވީ، މިކަން ފަށާފައި މި ވަނީ އެއާޕޯޓު ތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާ ފަރާތް ކަމުގައިވާ ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ދާސާ) ގެ ސާކިއުލާއަށް އިޖާބަ ދިނުމުގެ ގޮތުން ކަމަށެވެ.

އެހެންކަމުން އެމްއޭސީއެލްގެ ޑޮމެސްޓިކް ޗެކިން ކައުންޓަރު ތަކުގައި މުއްދަތު ހަމަނުވާ ޑިޖިޓަލް އައިޑެންޓިޓީ ކާޑާއި، އިތުރަށް ބަޔާން ކޮށްފައިވާ ލިޔެކިޔުންތައް ބަލައިގަންނާނެ ކަމަށް ޝަމްއާން ވިދާޅުވިއެވެ.

އެގޮތުން، އެއާލައިން ޓިކެޓް ގަތުމަށާއި، އެއާލައިން ޗެކިން ކުރުމަށާއި، އަދި ސެކިއުރިޓީ ޗެކް ޕޮއިންޓްތަކުން، ކާކުކަން ދެނެގަތުމަށްޓަކައި ޑިޖިޓަލް އައިޑެންޓިޓީގެ އިތުރުން އަންނަނިވި މުއްދަތު ހަމަނުވާ ލިޔެކިޔުންތައް ބޭނުން ކުރެވޭނެއެވެ.

  • ޕާސްޕޯޓް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު / ޑިޖިޓަލް އައިޑެންޓިޓީ ކާޑު
  • ވޯކް ވިސާ ކާޑު / ޑިޖިޓަލް ވޯކް ވިސާ ކާޑު
  • ލައިސަންސް ކާޑު / ޑިޖިޓަލް ލައިސަންސް ކާޑު
  • އެއާޕޯޓް ސެކިއުރިޓީ ފާސް
  • ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުމެއް

އެ ކުންފުނިން ބުނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑް ބޭނުންކުރަން ފެށުމަކީ ޑިޖިޓަލައިޒްޑް ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު އިތުރުކުރިއެރުމެއް ކަމަށެވެ. ސަރުކާރުން ގާއިމްކުރާ މިފަދަ ނިޒާމްތަކުގެ އިތުރުން ދަތުރުވެރިންނަށް ފަސޭހަކާމާ އެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެ ކުންފުނިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޑިޖިޓަލް އައިޑީ ކާޑާ ބެހޭ ގޮތުން ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ބުނެފައިވަނީ މި ޒަމާނުގެ ގޮތުން ހުރިހާ ކަމަކީ ޑިޖިޓަލް ކަންކަމަށް ވުމަކީ މުހިއްމު ކަމެއް ކަމަށެވެ.

comment ކޮމެންޓް