ސިޓީން ބައްޔަކާއެކު ލީގު ނިންމާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އާއި ބްރެންޓްފޯޑް ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ ރޮއިޓާސް

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ބައްޔަކާއެކު ލީގު ނިންމާލައިފިއެވެ.

ޕްރިމިއާ ލީގުގެ ފަހު މެޗުތައް މިރޭ ކުޅެފައިވާ އިރު، ރަށުން ބޭރުގައި ސިޓީން ކުޅުނު މެޗުގައި ބްރެންޓްފޯޑް އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ލީގުގެ ހުރިހާ މެޗެއް ނިމުނު އިރު، އެއްވަނައިގައި އޮތް ސިޓީ އާއި ދެވަނައިގައި އޮތް އާސެނަލާ ދެމެދު އޮތީ ފަސް ޕޮއިންޓުގެ ފަރަގެކެވެ.

ސިޓީން މިރޭގެ މެޗަށް ނުކުތީ ގިނަ ކުޅުންތެރިންތަކަކަށް ރެސްޓު ދީގެންނެވެ. އެގޮތުން އެޓީމުގެ އެންމެ މުހިންމު މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބެންޗުން ވެސް ފެނިފައި ނުވާ އިރު، ނޯވޭ ފޯވަޑް އާލިން ހާލަންޑާއި ޖަރުމަން މިޑްފީލްޑަރު އިލްކާއީ ގުންޑޮގަން އާއި ސްޕެއިން މިޑްފީލްޑަރު ރޮޑްރީ އަދި ޕޯޗުގަލް މިޑްފީލްޑަރު ބެނާޑޯ ސިލްވާގެ ބޭނުމެއް ވެސް ކޯޗު ޕެޕް ގާޑިއޯލާ ހިފައިފައެއް ނުވެއެވެ.

އެ މެޗުގައި ބްރެންޓްފޯޑުން ޖެހި ގޯލު ފެނިގެންދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. ބްރަޔަން އެމްބޫމޯ ދިން ބޯޅައަކުން ބްރެންޓްފޯޑަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖެމެއިކާ ޑިފެންޑަރު އީތަން ޕިނޮކްއެވެ.

އާސެނަލުން އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވޮލްވްސް އަތުން ވަނީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެ މެޗުގައި އާސެނަލުން ޖެހި ފަސް ގޯލުގެ ތެރެއިން ދެ ގޯލު ގްރެނިޓް ޖަކާ ކާމިޔާބުކޮށްދިން އިރު، އަނެއް ގޯލުތައް ކާމިޔާބުކޮށްދިނީ ބުކަޔޯ ސަކާ އާއި ގެބްރިއަލް ޖެސޫސް އަދި ޖަކުބް ކިވިއޯއެވެ.

ލީގުގެ ތިންވަނައިގައި ނިންމާލި މެންޗެސްޓާ ޔުނައިޓެޑުން ވެސް ވަނީ އަމިއްލަ ދަނޑުގައި 2-1 ގެ ނަތީޖާއަކުން ފުލަމް ބަލިކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ހޯދީ ފުލަމުންނެވެ. ފުލަމަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެނީ ޓެޓޭއެވެ. އެ ގޯލަށްފަހު ޔުނައިޓެޑަށް ޖޭޑަން ސަންޗޯ ނަތީޖާ ހަމަހަމަކޮށްދިން އިރު، ލީޑު ހޯދައިދިނީ ބްރޫނޯ ފެނާންޑޭޒެވެ.

ލީގުގެ ހަތަރުވަނައިގައި ނިންމާލި ނިއުކާސަލުން ރަށުން ބޭރުގައި 1-1 ގެ ނަތީޖާއަކުން ޗެލްސީ އަތުން ވަނީ އެއްވަރުވެފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެންތޮނީ ގޯޑަން ޖެހި ގޯލުން ނިއުކާސަލަށް ލީޑު ލިބުނު ނަމަވެސް، މެޗުގެ 26 ވަނަ މިނެޓުގައި ނަތީޖާ އެއްވަރުވީ ނިއުކާސަލްގެ ކީރެން ޓްރިޕިއާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.

މިރޭ އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ ސައުތުހެމްޓަން އާއި ލިވަޕޫލް ބައްދަލުކުރި މެޗެވެ. ސައުތުހެމްޓަންގެ ދަނޑުގައި ކުޅުނު އެ މެޗު ނިމިގެންދިޔައީ 4-4 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުގައި ސައުތުހެމްޓަނުން ޖެހި ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކަމަލްދީން ސުލޭމާނާ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ޖޭމްސް ވާޑް ޕްރޯސް އާއި އެޑަމް އާމްސްޓްރޯންގްއެވެ. އަދި ލިވަޕޫލުގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޑިއޭގޯ ޖޮޓާ ކާމިޔާބުކޮށްދިން އިރު، އެޓީމުގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ރޮބާޓޯ ފިރްމީނޯ އާއި ކޯޑީ ގަކްޕޯއެވެ.

ޕްރިމިއާ ލީގުން މިފަހަރު ރެލިގޭޓް ވެފައިވަނީ ލެސްޓާ ސިޓީ އާއި ލީޑްސް ޔުނައިޓެޑް އަދި ސައުތުހެމްޓަންއެވެ. އަންނަ ސީޒަނުގައި އެޓީމުތައް ކުޅެން ޖެހޭނީ އީއެފްއެލް ޗެމްޕިއަންޝިޕްގައެވެ. އަދި މިސީޒަނުގެ އީއެފްއެލް ޗެމްޕިއަންޝިޕްގެ ގަދަ ތިނެއްގައި ނިންމާލި ބާންލީ އާއި ޝެފީލްޑް ޔުނައިޓެޑް އަދި ލުޓޮން ޓައުނުން އަންނަ ސީޒަނުގައި ފެންނާނީ ޕްރިމިއާ ލީގުންނެވެ.

comment ކޮމެންޓް