ނ. މަނަދޫގައި، އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު އެ ރަށު އަންނާރުމާގޭ، ނައީމާ މޫސާގެ ގާތިލުން ދުއްވި ކާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނައީމާގެ މަރުގެ މައްސަލައިގައި މިހާތަނަށް ވަނީ ދެ މީހަކު ހައްޔަރު ކޮށްފައެވެ. އަދި މަރައިލަން ބޭނުންކުރި ދެ ހަތިޔާރާއި ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ވަނީ ހޯދައިފައެވެ.
އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެ މީހުން ދުއްވި ކާރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައެވެ.
ނައީމާގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މަނަދުއަށް ނިސްބަތްވާ ދެ ޒުވާނެކެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރާ ދެ ޒުވާނުންކަމަށް އެ ރަށުން ވާހަކަ ދެއްކި މީހުން ކިޔައިދިނެވެ.
އެ ދެ މީހުންގެ ތެރެއިން އެރަށު ފެހިވިލާގެ، އަހްޒަމް އަބްދުއްޝަކޫރު، 23 ވަނީ ތަހުގީގުގައި އިއުތިރާފް ވެސް ވެފައެވެ. އޭނާއަކީ ކުރިން މާލޭގައި ދިރިއުޅުނު މީހެކެވެ. މާލޭގައި އުޅުނުއިރު އޭނާ އަކީ ގޭންގެއްގައި އުޅެފައިވާ މީހެއްކަން ވެސް "ސަން"އަށް ވަނީ އެނގިފައެވެ.
އަހުޒަމް ހައްޔަރުކުރީ އޭނާގެ ކޮޓަރީގައި މަސްތުވާތަކެތި ހުރި ކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގޮސް ބަލާ ފާސްކުރުމުން އެ ތަނުން މަސްތުވާތަކެތި ފެނުމުންނެވެ.
އަހްޒަމަކީ ނައީމާގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހެއް ކަމަށް ފުލުހުން ފުރަތަމަ ފަހަރަށް ބުނީ އޭނާ އަކީ ބަންދުގައި ބަހައްޓަންޖެހޭ ނުރައްކާ މީހެއްކަން ޝަރީއަތަށް ހާމަކުރުމުގެ ގޮތުން އިއްޔެ މަނަދޫ ކޯޓުގައި ބޭއްވި މުއްދަތު މަޖިލީހުގައެވެ.
ފުލުހުން އެހެން ބުނުމުން އެއީ ތެދެއްތޯ އޭނާގެ ގާތުގައި ގާޒީ އެއްސެވިއެވެ. ގާޒީ އެހެން އެއްސެވުމުން އަހުޒަމް ވަނީ އެއީ ތެދެއް ކަމަށް ބުނެ އެ ކަމުގެ ތަފްސީލް ވެސް ކިޔައިދީފައެވެ.
ފުލުހުން އަހްޒަމް ހައްޔަރުކުރީ އޭނާގެ ކޮޓަރިން ފެނުނު 50.1 ގްރާމް މަސްތުވާތަކެއްޗާ އެކުގައި ކަމަށް އޭނާގެ ބަންދަށް 14 ދުވަސް އިތުރުކޮށް މަނަދޫ ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެއެވެ. އަދިވެސް އޭނާ ބަންދުގައި ހުރީ މަސްތުވާތަކެތީގެ މައްސަލައިގައެވެ.
އެނގިފައިވާ ގޮތުގައި މިހާރު ވަނީ މަރުގެ މައްސަލައިގައި އޭނާ ހައްޔަރުކުރުމަށް އަމުރެއް ހޯދައިފައެވެ.
ނައީމާ މަރާލުމަށް ބޭނުންކުރި ހަތިޔާރާއި މަރާލިއިރު ލައިގެން ހުރި އަންނައުނު ފުލުހުން ހޯދީ އަހުޒަމް ދިން މައުލޫމާތުގެ އެހީގައެވެ. މިގޮތުން، ގާތިލުން ނައީމާ މަރައިލި ވަގުތު ލައިގެން ތިބި ކަމަށް ބުނާ އަންނައުނު ހުރީ ވަޅުގަނޑެއްގައި އަންދާލުމަށް ފަހު، ފަސް އަޅައި ފޮރުވާފައެވެ. ފުލުހުން އެ ތަކެތި ހޯދާފައިވަނީ އެ ތަން ހޯދައި، ކޮނެގެންނެވެ.
ރޭ މެދުކަނޑާލުމަށްފަހު މިހާރު ފުލުހުން ވަނީ އަނެއްކާވެސް އެތަން ބަލައިފާސްކުރުމުގެ މަސައްކަތް ފަށައިފައެވެ.
އަހްޒަމް ކިޔައިދިން ވާހަކަތަކަށް ބަލައި ރޭ ވަނީ 20 އަހަރުގެ ޒުވާނަކު ވެސް މި މައްސަލައިގައި ހައްޔަރުކޮށްފައެވެ. އޭނާއަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ ޒުވާނެއްކަމަށް އެ ރަށު މީހުން ބުނެއެވެ. އަދި އޭނާ އަކީ އަހްޒަމްއާއެކު ގިނަ ވަގުތުތަކެއް ހޭދަކުރާ މީހެއް ކަމަށް ވެސް އެރަށު މީހުން ބުނެއެވެ. ނައީމާ މަރާލި ރޭ އެ ދެ މީހުން ރަށުތެރޭގައި ކާރެއްގައި އުޅެފައިވާކަން ތަހުގީގަށް މިހާރު ވަނީ އެނގިފައެވެ. އެހެން މީހެއްގެ ކާރެއްގައި އެ މީހުން ރަށުތެރޭގައި އުޅުުނު ގޮތް ފުލުހުން މިހާރު ވަނީ ކުޅުވައިފައެވެ.
މަސްތުވާތަކެތީގެ މައްސަލައިގެ ދިފާއުގައި އަހްޒަމް އިއްޔެ ވަނީ ކޯޓުގައި ވާހަކަދައްކައިފައެވެ. އޭނާ ބުނީ މަސްތުވާތަކެތި ފެނުނު ތަނަކީ ކުރިން ވެސް ފެންލައިޓުން މީހުން ވަދެ ވައްކަންކުރާ ތަނެއްކަމަށެވެ. އަދި އެތަނަށް އެހެން މީހުން ވެސް ވަދެ އުޅޭ ކަމަށް އޭނާ ބުންޏެވެ. އޭނާ އެފަދައިން ބުނީ އެ މަސްތުވާތަކެއްޗަކީ އޭނާގެ ތަކެތި ނޫން ކަމަށް ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.
ނަމަވެސް މައްސަލައިގެ ބާވަތަށާއި ހެއްކަށް ނުފޫޒުފޯރުވާނެ ފުރުސަތު އޮތުމުން ގާޒީ ނިންމެވީ އޭނާ 14 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. ފުލުހުން ކޯޓުގައި ބުނި ގޮތުގައި އަހްޒަމްގެ ކުށުގެ ރެކޯޑް ކުރިން ވެސް އޮވެއެވެ. އަދި އޭނައާ ދެކޮޅަށް ހެކިބަސް ދޭން ތިބި މީހުންގެ ތެރޭގައި އޭނާގެ މަންމަ އާއި ބައްޕަ އާއި އެއްބަނޑު އެއްބަފާ މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އެނގިފައިވާ ގޮތުގައި އޭނާގެ ކޮޓަރީގައި މަސްތުވާތަކެތި ހުރިކަމަށް ރިޕޯޓްކުރީ ވެސް އޭނާއާ އާއިލީ ގޮތުން ވަރަށް ގާތް މީހެެކެވެ.
ނައީމާ ޒަޚަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނީ މިދިޔަ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް އޭގެ ދެ ދުވަސް ފަހުން އެ މަހުގެ ހަތްވަނަ ދުވަހުއެވެ.
ފުލުހުން ނައީމާގެ ކޮޓަރީގެ ދޮރު ހަލާކުކޮށްލައިގެން ވަންއިރު، އޭނާ އޮތީ ބިންމަތީގައި މަރުވެފައެވެ. އެނގިފައިވާ ގޮތުގައި އޭނާ މަރުވެފައި އޮތީ ގިނަ އަދި ބައެއް ބޮޑެތި ޒަޚަމްތަކަކާ އެކުއެވެ.