އެމްއާރުއެމް އުވާލި ނިންމުން ތަންފީޒުނުކުރަން ސިވިލް ކޯޓުން އަމުރުކޮށްފި

ނޮވެމްބަރ 7، 2019: މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމި ނިންމުން ތަންފީޒުނުކުރަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

އެމްއާރުއެމް އުވާލަން ނިމުނު ހަފުތާގެ ތެރޭގައި އީސީ އިން ނިންމީ ގާނޫނު އަސާސީގައި ބުނާ 3000 މެމްބަރުން އެ ޕާޓީގައި ހަމަނުވާތީއެވެ. އީސީގެ ވެބްސައިޓުގައިވާ ގޮތުގައި އެ ޕާޓީގައި ތިބީ 2981 މެމްބަރުންނެވެ.

ނަމަވެސް އެމްއާރުއެމް އިން ވަނީ މެމްބަރުންގެ އަދަދު ހަމަވާނެ ކަމަށް ބުނެ އީސީގެ ނިންމުމަށް ގޮންޖަހާފައެވެ. މިކަމާ ގުޅިގެން އެ ޕާޓީގެ އިސްފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ އެ ޕާޓީން އެދުނީ އީސީގެ ނިންމުން މުރާޖާކުރާށެވެ.

ކޯޓަށް މައްސަލަ ހުށަހެޅީ އީސީ އިން އެކަމަށް އިޖާބަނުދިނުމުންނެވެ.

https://sun.mv/177853

އީސީގެ ނިންމުން ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެމްއާރުއެމް އިން ވަނީ މެމްބަރުން ހަމަކޮށްފައިވާ ކަމަށް ބުނެފައެވެ. އަދި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އީސީއާ ދެކޮޅަށް އެ މައްސަލަ ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އެމްއާރުއެމް އިން އެދިގެން ސިވިލް ކޯޓުން މި އަމުރު ނެރުނީ އީސީގެ ޢައިރު ހާޒިރުގައެވެ. މިއީ މިހާރު އަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކުރެވޭ ކަމެކެވެ.

ސިވިލް ކޯޓުގެ އަމުރުގައި އިތުރަށް ވަނީ، ކުރިޔަށް އޮތް 30 ދުވަހުގެ ތެރޭގައި އެމްއާރުއެމް އިން ކޯޓުގައި ބުނި ގޮތަށް އީސީއާ ދެކޮޅަށް ދައުވާ ހުށަނާޅައިފިނަމަ ވަގުތީ އަމުރު ބާތިލުވާނެ ކަމަށެވެ.

https://sun.mv/177863

ޕާޓީ އުވާލަން ނިންމުމާ ގުޅިގެން އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވަނީ މިއީ ކޮރަޕްޝަންގެ ނުފޫޒުން ނިންމި ނިންމުމެއް ކަމަށް ތުހުމަތުކޮށްފައެވެ. އީސީ އިން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

comment ކޮމެންޓް