ކޯޗު ޕޮޗެޓީނޯ ޗެލްސީއަށް ސޮއިކޮށްފި

ޗެލްސީގެ ކޯޗަކަށް ގެނައުމަށް ނިންމާފައިވާ މައުރީސިއޯ ޕޮޗެޓީނޯ -- ފޮޓޯ/ ގެޓީ

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އާއި ޓޮޓެންހަމް ހޮޓްސްޕާއަށް އިރުޝާދުދިން ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ޗެލްސީއަށް ސޮއިކޮށްފިއެވެ.

މިސީޒަނުގައި ޗެލްސީގައި ތިން ކޯޗަކު ވަނީ މަސައްކަތްކޮށްފައެވެ. އެއީ އެ ކްލަބަށް ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ތޯމަސް ޓުޗެލް އާއި ގްރަހަމް ޕޮޓާގެ އިތުރުން މިހާރު ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާ ފްރޭންކް ލަމްޕާޑެވެ. ޗެލްސީގެ ކޯޗުކަމުގެ މަގާމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޓުޗެލް ދުރުކުރި އިރު، ޕޮޓާއަށް ކޯޗުކަން ކުރުމަށް ލިބުނީ 31 މެޗެވެ.

ވަގުތީ ކޯޗަކަށް ލަމްޕާޑް ހަމަޖެއްސުމަށްފަހު، ޗެލްސީން ވަނީ ކޯޗުންތަކަކާ މަޝްވަރާކޮށްފައެވެ. އޭގެ ތެރެއިން ޗެލްސީގެ ކޯޗުކަމާ ހަވާލުވާން ނިންމާފައިވަނީ ޕޮޗެޓީނޯއެވެ. އަދި ޕޮޗެޓީނޯ މިހާރު ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ ކަމަށްވެސް އިތުބާރު ހުރި ނޫސްތަކުން މިއަދު ވަނީ ރިޕޯޓުކޮށްފައެވެ.

ޗެލްސީއަށް މިސީޒަން ވެގެންދިޔައީ ގޯސް ސީޒަނަކަށެވެ. އެހެންކަމުން ޗެލްްސީއާ ޕޮޗެޓީނޯ ހަވާލުވި ނަމަވެސް، އޭނާއަށް އިރުޝާދު ދޭން ލިބޭނީ ހަމައެކަނި ޑޮމެސްޓިކް މުބާރާތްތަކެވެ. އަންނަ ސީޒަންގެ ޔޫރަޕުގެ އެއްވެސް މުބާރާތަކުން ޗެލްސީއަށް ފުރުސަތު ލިބިފައެއް ނުވެއެވެ.

ޗެލްސީގެ ކޯޗަކަށް ހަމަޖައްސާފައިވާ ޕޮޗެޓީނޯގެ ކޯޗިން ކެރިއަރު ފެށީ 2009 ވަނަ އަހަރު ސްޕެއިންގެ އެސްޕާނިޔޯލް އިންނެވެ. ޓޮޓެންހަމްއާ 2014 ވަނަ އަހަރު ހަވާލުވުމުގެ ކުރިން އޭނާ ވަނީ އިނގިރޭސި ކްލަބު ސައުތުހެމްޓަނަށް ވެސް އިރުޝާދުދީފައެވެ. އަދި 2021 ވަނަ އަހަރު ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)އާ ހަވާލުވެ، އެ ކްލަބަށް ފްރާންސް ލީގު ކާމިޔާބުކޮށްދިން ނަމަވެސް، 2022 ވަނަ އަހަރުގެ ތެރޭގައި ކޯޗުކަމުން ޕޮޗެޓީނޯ ވަކިކުރިއެވެ. އޭގެ ފަހުން އޭނާ ކްލަބަކާ ހަވާލުވެފައެއް ނުވެއެވެ.

comment ކޮމެންޓް