ޑިމޮކްރެޓްސްއަށް ސޮއިކުރައްވައި، މައުސޫމް ފެންކުންފުނިން އިސްތިއުފާދެއްވައިފި

ފެންކުންފުނީގެ ޗެއާމަންކަމުން އިސްތިއުފާދެއްވި އަހްމަދު މައުސޫމް ---

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީއަށް ސޮއިކުރެއްވުމަށްފަހު އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހްމަދު މައުސޫމް އިސްތިއުފާދެއްވައިފިއެވެ.

މައުސޫމް ސޮއިކުރައްވައި މިއަދު ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އިސްތިއުފާގެ ސިޓީ ފޮނުވާފައެވެ. އެ ސިޓީގައި އޭނާ އެދިވަޑައިގެންފައި ވަނީ އެމްޑަބްލިއުއެސްސީގެ ޗެއާމަން ކަމާއި ބޯޑު މެމްބަރުކަމުން ވަކިކޮށްދިނުމަށެވެ.

މައުސޫމް އެ މަގާމަށް އައްޔަނުކުރީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.

މައުސޫމްއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ރައީސް ނަޝީދު އިސްކޮށް ހުންނަވައި އުފައްދާ ޑިމަކްރޮޓްސް ޕާޓީއަށް ސޮއިކުރި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބި މީހުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

ޑިމޮކްރެޓްސް ޕާޓީއަށް 3000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް އެ ޕާޓީން އަންނަނީ ކުރަމުންނެވެ. އެޕާޓީ ރަޖިސްޓްރީ ކޮށްދޭނީ، ޕާޓީގެ އާންމު ޖަލްސާ ބާއްވައި، އަސާސީ ގަވާއިދު ފާސްކޮށް ހުށަހެޅުމުންނެވެ. އަދި ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭނީ ދިހަ ހާސް މީހުންގެ މެމްބާޝިޕް ފޯމް ހުށަހެޅުމުންނެވެ.

comment ކޮމެންޓް