ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙަށް ރިޔާސީ ދެވަނަ ދައުރެއް ދިނުން ލާޒިމު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ފ. ބިލެއްދޫ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ސައީދު ވިދާޅުވީ މިދިޔަ 50 ވަރަކަށް އަހަރު އަސާސީ ޚިދުމަތްތަކުގެ ބޭނުމުގައި ރައްޔިތުން އުފުލީ ވަރަށް ވެސް ބޮޑު ތަކުލީފެއް ކަމަށެވެ. އެކަމަކު އެކަން އަޑު އަހާނެ އިތުރު މީހަކު ނެތް ކަމަށާއި ރައްޔިތުންގެ އަޑު އަހާ ރައްޔިތުންނަށް ކުލުނާއެކު އެކަން ކޮށްދޭން ވަޑައިގެންނެވި ހަމައެކަނި ރައީސަކީ އަދުގެ ރައީސް ކަމަށް ސައީދު ވިދާޅުވިއެވެ.
"ބިލެއްދޫގެ ކަރަންޓުގެ ނެޓްވޯކް ކުރިއަށް އޮތް 50 އަހަރަށް ގާއިމްވެގެން އެ ދިޔައީ. އިންސާނީ ކަރާމަތާއި މުވައްޒަފުންގެ އިހުސާސްތައް ދަނެ، ޒަމާނީ ވަސީލަތްތަކާ އެއްކޮށް މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމްވެގެން އެ ދިޔައީ މި ދައުރުގަ. އެހެންވީމަ އެމަނިކުފާނަށް އަޅުގަނޑުމެން ދަރަނިވެރިވެ އެމަނިކުފާނަށް ހިތުގެ އިޚުލާސްތެރިކަމާއެކު ދެވަނަ ދައުރެއް ދިނުމަށް ލާޒިމް،" ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު
ސައީދު ވިދާޅުވީ ބައެއް ރަށްރަށުގައި މިފަދަ މަޝްރޫއުތައް ތަރުތީބުވެފަ ހުރި ގޮތުން ބައެއް މަޝްރޫއުތައް އަދި ނުނިމި ހުރި ނަމަވެސް ގިނަ މަޝްރޫޢުތައް މިހާރު ހުރީ ނިމެން ކައިރިވެފައި ކަމަށެވެ.
"ވަރަށް ގިނަ ރައްޔިތުން ސުވާލު އުފައްދާ ކަމެއް ދެން ވާނީ ކީއްބާއޭ. ރައްޔިތުންނާ މެދު ވިސްނާ ކުލުނު ހުރި ނަމަ މިފަދަ ކަންތައްތަކާ މެދު ފާއިތުވީ 50 އަހަރު ފިޔަވަޅެއް އަޅާނެ. އެހެންނަމަވެސް މިދައުރުގަ ރާއްޖޭގެ ކުޑަ ބޮޑު އާބާދީއަކަށް ބެލުމެއްނެތި މިކަންކަން ތަރުތީބުވެގެން ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދައިދެމުން މި އައީ މި ދައުރުގަ ރައީސް ސާލިހް." ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު
ސައީދު ވިދާޅުވީ ކުރީގެ ސަރުކާރުތަކާ ޚިލާފަށް އާބާދީގެ ކުޑަ ބޮޑުމިނަށް ނުބަލާ ރައްޔިތުންގެ ގިނަ އަސާސީ ބޭނުންތައް ރައީސް ޞާލިހު ފުއްދަވައިދެއްވާފައިވާ ކަމަށެވެ.
ބިލެއްދޫގައި އިއާދަކުރުވަނިވި ހަކަތަ ގާއިމްކުރުމުގެ މަސައްކަތް ފަށަން ނިންމާފައިވާކަން އެ ރަސްމިއްޔާތުގައި ސައީދު ވަނީ އިއުލާންކުރައްވާފައެވެ.