ރާއްޖޭގައި އަލަށް އޮޕަރޭޓްކުރަން ތައްޔާރުވަމުން އަންނަ ބިއޯންޑް އެއާލައިނަށް ގައުމީ އެއާލައިނުގެ ދަރަޖަ ނުދޭ ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މި ފަދައިން ބުނީ ބިއޯންޑް އެއާލައިނުން އެ އެއާލައިނުގެ ޚިދުމަތާ ގުޅޭ ގޮތުން ސީއެންއެންގެ ޕްރޮގްރާމެއްގައި ބިއޯންޑްގެ އޮފިޝަލެއް ކަމަށްވާ ޓެރޯ ޓަސްކިލާ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އެގޮތުން ޓަސްކިލާ ވިދާޅުވީ ބިއޯންޑް އެއާލައިނަށް ރާއްޖޭގެ ގައުމީ އެއާލައިންގެ ލަގަބާއި ފްލެގް ކެރިއާކަން ދީފައިވާ ކަމަށެވެ. އެއާ އެކު، ބިއޯންޑަށް ރާއްޖެއަށް ދަތުރުކުރުމުގެ ހުއްދަ ލިބިފައިވާ 80 މަންޒިލަކަށް ދަތުރުކުރުމުގެ ހުއްދަ ވެސް ލިބިފައިވާ ކަމަށެވެ.
މި ކަމާ ގުޅިގެން އެ އޮތޯރިޓީގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ އެއާ އޮޕަރޭޓާ ސެޓްފިކެޓު (އޭއޯސީ) އަދި އެއްވެސް އާ އެއާލައިނަކަށް ނުދޭ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ރާއްޖޭގައި ގައުމީ އެއާލައިންގެ ލަގަބު ދީފައިވާނީ ވެސް އެންމެ އެއާލައިނަކަށް ކަމަށެވެ. އެއީ، މޯލްޑިވިއަން ކަމަށާއި އިތުރު އެއާލައިނަކަށް އެ ލަގަބު ނުދޭނެ ކަމަށް ވިދާޅުވިއެވެ.
އެއާ އެކު ބިއޯންޑުން ވަނީ އެ އެއާލައިނަކީ ރާއްޖޭގެ ގައުމީ އެއާލައިންކަން ދޭހަވާ ފަދަ މޭރުމަކުން ދެކެވުނު ބައެއް ވާހަކަތަކާ ގުޅިގެ މައާފަށް އެދި ބަޔާނެއް އާންމުކޮށްފައެވެ.
އެ ބަޔާނުގައިވާ ބިއޯންޑުން ބުނީ އަދި އެ ލަގަބު ދިނުމަށް އެއްވެސް މަޝްވަރާއެއް ވެސް ކުރެވިފައިނުވާ ކަމަށެވެ.
އަދި، ކުރިއަށް އޮތް ތަނުގައި ސަރުކާރާއި ފަތުރުވެރިކަމާ ގުޅުންހުރި ފަރާތްތަކާ އެކު މަސައްކަތްކޮށް ދިވެހި އިގްތިސާދު އިތުރަށް ވަރުގަދަކުރުމަށް އެ އެއާލައިނުން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.
ބިއޯންޑް އެއާލައިނަކީ އެންމެ މަތީ ފަންތީގެ ދަތުރުތަކަށް ޚާއްސަ، ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިނެވެ.
ބިއޯންޑް އެއާލައިނަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީ ކުންފުންޏާއި، އަދި އެ ކުންފުންޏާ އެކު މަސައްކަތްކުރަމުންދާ ޔޫއޭއީގެ އަރަބެސްކް ގުޅިގެން އުފައްދާފައިވާ އެއާލައިނެކެވެ. އަރަބެސްކް ކުންފުންޏަކީ، އޭވިއޭޝަން ދާއިރާގެ ގިނަ ތަޖުރިބާތަކެއް ހުރި އިންވެސްޓުމެންޓް ކުންފުންޏެކެވެ.
ދިގު ދަތުރުތަކަށް ހާއްސަކޮށް އޮޕަރޭޓްކުރުމަށް ތައްޔާރުވަމުން އަންނަ އެ އެއާލައިނުން ޔޫރަޕާއި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި އެފްރިކާ ބައްރުގެ ގިނަ ގައުމުތަކަކަށް ދަތުރު ކުރާނެ ކަމަށް ބިއޯންޑް އިން ބުނެއެވެ. މި އެއާލައިނުން ޖުމްލަ 60 މަންޒިލަކަށް ދަތުރުކުރާނެއެވެ.
ބިއޯންޑް އެއާލައިނާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެއެވެ. އަދި އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.