ރާއްޖެއިން މޮޅަކާއެކު ކާވާ ވިމެންސް ޗެލެންޖް ކަޕް ނިންމާލައިފި

ކާވާ ވިމެންސް ޗެލެންޖް ކަޕްގައި ރާއްޖެއިން ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ އޭވީސީ

ބަންގުލަދޭޝް ބަލިކޮށް، ރާއްޖޭގެ އަންހެން ގައުމީ ވޮލީ ޓީމުން މޮޅަކާއެކު ކާވާ ވިމެންސް ޗެލެންޖް ކަޕް ނިންމާލައިފިއެވެ.

މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްގެންދާ އެ މުބާރާތުގެ ގްރޫޕު ސްޓޭޖުގައި ރާއްޖެ އިން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފައެވެ. އެ މެޗުތަކުގައި ރާއްޖެ ބަލިވެފައިވަނީ ކަޒަކިސްތާނާއި އުޒްބަކިސްތާން އަދި ސްރީލަންކާ އަތުންނެވެ.

ގްރޫޕު ސްޓޭޖުގެ އެ މެޗުތަކަށްފަހު ރާއްޖެ އިން ދެން ނުކުންނަން ޖެހުނީ ރެލިގޭޝަން ބުރަށެވެ. އެ ބުރުގައި ރާއްޖެ އިން ދެ މެޗެއް ކުޅުނު އިރު، އިއްޔެ ކިރްގިރާންއާ ދެކޮޅަށް ނުކުމެ ރާއްޖެ ވަނީ ބަލިވެފައެވެ.

ރެލިގޭޝަން ބުރުގެ ފަހު މެޗުގައި ރާއްޖެއިން މިއަދު ނުކުތީ ބަންގުލަދޭޝްއާ ދެކޮޅަށެވެ. އެ މެޗުން ރާއްޖެ މޮޅުވީ ފަހަތުން އަރައި 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު 25-21 އިން ބަންގުލަދޭޝް ގެންދިޔަ ނަމަވެސް، ރާއްޖެއިން ފަހު ތިން ސެޓު ގެންދިޔައީ 14-25، 23-25 އަދި 15-25 އިންނެވެ.

ބައިނަލްއަގުވާމީ މުބާރާތަކުން ރާއްޖޭގެ އަންހެން ވޮލީ ޓީމު ހޯދި އެންމެ ބޮޑު ކާމިޔާބަކީ 2021 ވަނަ އަހަރު ބޭއްވި އޭޝިއަން ސީނިއާ ވިމެންސް ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ހޯދި ރިހި މެޑަލްއެވެ. ބަންގުލަދޭޝްގައި ކުރިއަށްދިޔަ އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިވީ ނޭޕާލް އަތުންނެވެ. އެ މުބާރާތުގައި ރާއްޖެ އާއި ނޭޕާލްގެ އިތުރުން ބަންގުލަދޭޝް އާއި ކިރްގިސްތާން ވެސް ވާދަކުރިއެވެ.

comment ކޮމެންޓް