ތަފާތު ފިކުރުގެ މީހުން އުޅޭނެ ކަމަށާއި އެ ފިކުރުތަކާއި ވިސްނުންތަކާއި ޚިޔާލު ތަފާތުވުންތަކާ އެކީ ކުރިއަށް ދިޔުން ނޫން ގޮތެއް ސަރުކާރަށް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފ. ދަރަނބޫދޫ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި، މުޖުތަމައު ތެރޭ ކިތަންމެ ބޮޑު ޚިޔާލު ތަފާތުވުންތަކެއް ހުރި ނަމަވެސް ސަރުކާރުން އެންމެ އިސްކަންދޭ ކަމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ވިދާޅުވިއެވެ. އެގޮތުގެ މަތިން، އެހެން ސަރުކާރުތަކުގެ ސިޔާސަތުތަކާ ޚިލާފަށް މި ސަރުކާރުން އާބާދީ މަދު، ކުދި ރަށްތަކަށް ވެސް އެއްވެސް ތަފާތު ކުރުމެއް ނެތި އަސާސީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ގާތްގަނޑަކަށް 400 މީހުންގެ އާބާދީއެއް އޮންނަ ދަރަނބޫދޫއަކީ އާބާދި މަދު ރަށެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މިފަދަ އާބާދީ މަދު ރަށްރަށަކީ އަސާސީ ޚިދުމަތް ފޯރުކޮށްދޭން ނުޖެހޭ ރަށްރަށުގެ ގޮތުގައި ކުރީގެ ސަރުކާރުތަކުން ޤަބޫލުކުރި ކަމަށެވެ. ނަމަވެސް އެއީ ސަރުކާރަކުން ރައްޔިތުންނާ މެދު ކަން ކުރަންވީ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ، ކުރީގެ ސަރުކާރުތަކުން ސިޔާސީ ގުޅުން ބޮޑު ރަށްރަށަށް އިސްކަން ދިން ނަމަވެސް، މި ސަރުކާރުން ރަށްރަށުގެ އިސް މަގާމުތަކުގައި ތިބީ ކޮން ޕާޓީއެއްގެ ބަޔެއްތޯ ބެލުމެއް ނެތި، އެއްވެސް ތަފާތު ކުރުމެއް ނެތި އަސާސީ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖެ ތަރައްޤީކުރުމުގައި މީގެ ކުރިން ސަރުކާރުތަކުން ގެންގުޅެމުން އައި ސިޔާސަތަކީ، ސަރުކާރުގެ އިސް މަޤާމެއްގައި އެރަށެއްގެ މީހަކު ހުރުން. ދެން ގެންގުޅުނު ސިޔާސަތަކީ އެ ދާއިރާގެ މެންބަރު ސަރުކާރަށް ނިސްބަތްވުން ނުވަތަ އެ ސަރުކާރުގައި އޮންނަ ޕާޓީއަށް ތާޢީދުކުރާ މެންބަރުން އެރަށެއްގައި ތިބުން. އެނޫން ހާލަތެއްގައި އެރަށެއް އޮންނާނީ ތަރައްޤީން ބާކީވެފަ." ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް
އޭގެ އިތުރުން ރައީސް އިތުރަށް ވިދާޅުވީ، މި ފަސް އަހަރެކޭ އެއް ފަދައިން ކުރިޔަށް އޮތް ފަސް އަހަރަކީ ވެސް ވައުދުތައް ފުއްދާނެ އަހަރުތަކެއް ކަމަށެވެ. އެހެންކަމުން، ކުރިއަށް އޮތް ރިޔާސީ ދައުރުގެ މެނިފެސްޓޯގައި ހިމަނަން، ރަށަށް ބޭނުންވާ ކަންކަން ހުށައެޅުއްވުމަށް ދަރަނބޫދޫ ރައްޔިތުން ގާތު އެދިވަޑައިގެންނެވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ދެވަނަ ދައުރެއްގައި ވެސް އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ ޤައުމުގެ ސުލްހަ މަސަލަސްކަން ޤާއިމްކުރުމެވެ.