މަރާމާތަށް އާސަހަރާ ބަންދުކޮށް، މީހުން ވަޅުލުން ހުޅުމާލެއަށް

އާސަހަރާގައި މީހަކު ވަޅުލާފައި ދުޢާ ކުރަނީ--

މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އާސަހަރާ މަރާމާތުކުރުމަށް ބަންދުކޮށް، ހުލުމާލެ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖައްސައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އެ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ 99ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ޒަމާންތަކަކަށް ފަހު އާސަހަރާ ތަރައްޤީކުރުމަށް ނިންމާ، މި މަޝްރޫޢުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މާދަމާއިން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތްތަކާ ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި، މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އަދި، ނަމާދު ވަގުތުތައް ނޫން އެހެން ވަގުތު ތަކުގައި އާސަހަރާ މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

އާސަހަރާ ތަރައްޤީ ކުރުމަށްޓަކައި އިމާރާތަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މި މަސައްކަތް ނިމުނުހާ އަވަހަށް އެކަން އާމުންނަށް އަންގާ އިޢުލާނު ކުރާނެ ވާހަކަ ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

comment ކޮމެންޓް