މިއަހަރު ބާއްވާ މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖައްސައިފިއެވެ.
މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަކަށް އާބަންކޯ ހަމަޖެއްސުމަށް އިއްޔެ ބޭއްވި ހަފުލާއެއްގައި ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަހުމަދު އާތިފެވެ. އަދި މުބާރާތް އިންތިޒާމުކުރާ ބޮޑީބިލްޑިން އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް އިބްރާހިމް ހަމީދެވެ.
އެ މުބާރާތުގެ އިތުރުން ދެކުނު އޭޝިއާގެ އެންމެ ބޮޑު ބޮޑީބިލްޑިން މުބާރާތް ކަމަށްވާ "ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް"ގެ ކޯ ސްޕޮންސަރަކަށް ވެސް އާބަންކޯ ވަނީ ހަމަޖައްސައިފައެވެ. މިއީ އެ މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެ މުބާރާތުގެ ކޯ ސްޕޮންސަރަކަށް އާބަންކޯ ހަމަޖެއްސުމަށް ވެސް އިއްޔެ ބޭއްވި ހަފުލާގައި އެއްބަސްވުމުގެ ސޮއިކުރިއެވެ.

މިސްޓަ މޯލްޑިވްސްގެ ޓައިޓަލް ސްޕޮންސަރަށް އަދި ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް މުބާރާތުގެ ކޯ ސްޕޮންސަރަކަށް އާބަންކޯ ހަމަޖެއްސުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފުލާގެ ތެރެއިން -- ފޮޓޯ/ އާބަންކޯ
މިސްޓަ މޯލްޑިވްސް އާއި ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ތެރޭގައެވެ. އެގޮތުން ޖުލައި މަހުގެ 3 ގައި މިސްޓަ މޯލްޑިވްސް ބޭއްވުމަށް ހަމަަޖެހިފައިވާ އިރު، ސައުތު އޭޝިއަން ބޮޑީބިލްޑިން އެންޑް ފިޒީކްސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި 5 އިން 9 ގެ ނިޔަލަށެވެ.
އާބަންކޯ އިން ބުނީ އެ ދެ މުބާރާތުގެ ބައިވެރިއެއްގެ ގޮތުގައި ބޮޑީބިލްޑިން އެސޯސިއޭޝަނާއެކު އެއްބަސްވުމުގައި ސޮއިކުރީ ކުޅިވަރުތަކާއި ޒުވާނުން ކުރިއަރުވައި، ފުރުސަތުތައް ހޯދައިދިނުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.