އުރެދޭ މީހުންނަށް ވެސް ތައުބާވާން، ﷲގެ ރަހުމަތުން މުހުލަތު ދެއްވާ: ޚުތުބާ

ހުކުރު ނަމާދެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެތައް ފަހަރެއްގެ މަތިން މާތް ﷲއަށް އުރެދޭ މީހުންނަށް ވެސް، އެކަލާނގެ މަގަށް ރުޖޫއަވެ، ތައުބާވުމަށް މުހުލަތު ދެއްވަނީ މާތް ﷲގެ ރަހުމަތްފުޅުގެ ތަނަވަސްކަމުން ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، މާތް ﷲގެ ރަހުމަތްފުޅު ނުވާނަމަ، އިންސާނުން މި ދުނިޔާގައި ނުވާނެ ކަމަށެވެ. އެކަލާނގެ ރަހުމަތްފުޅު ނުވާނަމަ، ފާފަތަކަށާއި އުރެދުންތަކަށް ވަގުތުން އަޒާބު ދެއްވެވީސް ކަމަށް ޚުތުބާގައި ބުންޏެވެ.

"ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ރަހުމަތް އެކަލާނގެ ޒާތުފުޅުގެ މައްޗަށް ލާޒިކުރެއްވި. ހަމަކަށަވަރުން ތިޔަބައި މީހުންތެރެއިން ނޭނގުމާއެކު ނުބައިކަމެއް ކޮށް، ދެން އެއަށްފަހު އެ މީހެއްގެ އަމަލުތައް އިސްލާހުކޮށްފި މީހާގެ ފާފަތައް އެކަލާނގެ ފުއްސަވާނެ،" ޚުތުބާގައި ބުންޏެވެ.

އެހެންވެ، މާތް ﷲގެ ރަހުމަތްފުޅުގެ ތަނަވަސްކަމުން، މާތް ﷲއަށް އުރެދޭ މީހުންނަށް ވެސް، އެކަލާނގެ މަގަށް ރުޖޫއަވެ، ތައުބާވުމަށް މުހުލަތު ދެއްވާކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާގައި ބުނި ގޮތުގައި، ކީރިތި ޤުރުއާން ވެސް މާތްﷲ ބާވާލެއްވީ ރަހުމަތެއްގެ ގޮތުގައެވެ. މުއުމިނުންގެ ހަޔާތް ﷲގެ މަގަށް މިސްރާބު ކޮށްދޭ ސަމުގާއަކަށް ޤުރުއާން ވާއިރު ޚުތުބާގައި ބުނީ، އެ ފޮތަކީ މާތް ﷲގެ ރަހުމަތްފުޅުން ކަންބޮޑުވުން ދުރަށް ލައިދޭ އެކުވެރިއެއް ކަމަށެވެ. އެހެންވެ، ޚުތުބާގައި ވަނީ، އިމާންކަން ހަރުދަނާކުރަން ބޭނުންވާނަމަ ޤުރުއާން ކިޔަވުމަށް ނަސޭހަތްތެރިވެފައެވެ.

މާތްﷲގެ ރަހުމްތްފުޅުގެ ތަނަވަސްކަން ނުހަނު ފުރިހަމައިރު، މިއަދުގެ ހުކުރު ޚުތުބާގައި ވަނީ، ކޮންމެ މީހަކުވެސް އަމިއްލަ ނަފުސަށް އެންމެ ފުރަތަމަ ރަހުމުކުރަން ގޮވާލައިފައެވެ.

"ރަސޫލާގެ ހަދީސް ބަސްފުޅެއްގައިވޭ، އަބާއްޖަވެރިއެއް ކިބައިން މެނުވީ ރަހުމު ނިގުޅައި ނުގަނެވޭ. މީސްތަކުންނަށް ރަހުމް ނުކުރާ މީހާއަށް ﷲ ރަހުމު ނުކުރައްވާނެ،" ޚުތުބާގައި ބުންޏެވެ.

މިއަދުގެ ހުކުރު ޚުތުބާގައި ވަނީ، މާތް ﷲގެ ރަހުމަތްފުުޅުގެ ތަނަވަސްކަމުން އިބުރަތް ލިބިގަނެ، ރަހުމް ކުރާ މީހަކަށް އަމިއްލަ ނަފުސު ހެދުމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން އެންމެ ފުރަތަމަ އަމިއްލަ ނަފުސަށް ރަހުމް ކޮށް، އުރެދުންތަކަށް އަރައިގަތުމާ ދުރުހެލިވެ، ކުށް ފާފަތަކުން ދުރުހެލިވުމުގެ އިތުރުން އަމިއްލަ ނަފުސު ﷲއަށް ކިޔަމަން ގަތުމަށް އާދަ ކުރަން ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

ޚުތުބާގައި ބުނީ، އަމިއްލަ ނަފުސަށް ރަހުމުކޮށް، އާއިލާ އާއި ގާތްތިމާގެ މީހުންނަށް ރަހުމުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އޭރުން ދިރިއުޅޭ ގެއަކީ، ބާއްޖަވެރި އަދި އުފާވެރި ގެއަކަށް ބަދަލުވާނެ ކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

comment ކޮމެންޓް