ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ޑްރައިވަރުން ތާއީދު، ނަމަވެސް ގިނަ ކަންބޮޑުވުންތަކެއް

ކާރެއް ކައިރީގައި ފުލުހަކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓެކްސީތަކުގައި ޑޭޝް ކެެމެރާ ހަރުކުރުން ލާޒިމުކުރާ ގަވާއިދަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން ބައިވަރު ކަންބޮޑުވުންތައް އެބަހުރި ކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ޓެކްސީތަކުގައި ޑޭޝް ކެެމެރާ ހަރުކޮށް، ޚިދުމަތް ދޭ ހުރިހާ ވަގުތެއްގައި ކެމެރާއިން ރެކޯޑްކޮށް އެ ރެކޯޑިން މަދުވެގެން ހަތް ދުވަހަށް ބަހައްޓަންޖެހޭ ގޮތަށް ލާޒިމުކުރާ ގަވާއިދަށް އަމަލުކުރަން މިހާރު ފަށާފައިވާއިރު، އެ ޑާޓާ ބެލެހެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އެ ޓެކްސީއެއް ރަޖިސްޓްރީކޮށްފައިވާ ޓެކްސީ ސެންޓަރަކުންނެވެ.

ގަވާއިދުގައި ބުނާގޮތުން ޓެކްސީގައި ދަތުރު ކުރާ ފަރާތްތަކަށް މަންޒަރުތައް ރެކޯޑް ކުރަމުންދާކަން ޓެކްސީ ޑްރައިވަރު އަންގަން ޖެހެއެވެ.

ކާރެއް ކައިރީގައި ފުލުހަކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ގަވާއިދަށް އަމަލުކުރުމާ ގުޅޭ ގޮތުން ޑްރައިވާސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވަގުތީ ހިންގާ ކޮމިޓީގެ އިންތިޒާމް ސެކްރަޓަރީ، އަހުމަދު ޝަމާލު މިއަދު "ސަން"އަށް ބުނީ، ޓެކްސީތަކުގައި ކެމެރާ ހަރުކުރުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމެއް ކަމަށެވެ. އަދި ޑްރައިވަރުން ޝައުގުވެރިކަމާއެކު ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރާ ކަމަށާއި ގިނަ އަދަދެއްގެ ޓެކްސީގައި މިހާރު ހުންނާނީ ކެމެރާ ހަރުކޮށްފައި ކަމަށް އޭނާ ބުންޏެވެ.

މިކަމަކީ ޚަރަދު ބޮޑުކަމެއް ކަން ފާހަގަކޮށް ޝަމާލު ބުނީ، ޚަރަދު ކިތަންމެ ބޮޑު ނަމަވެސް ޚިދުމަތް ދޭން ބޭނުންވާ ނަމަ، ގަވާއިދުގައިވާ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ.

"ވަކި ގޮތަށް ކެމެރާ ހުންނަން ޖެހެނީ، ވަކި ގޮތަކަށް ކާރުގެ ކަންކަން ހުންނަން ޖެހެނީ. އެހެންވެ ޚިދުމަތް ދޭއިރު، ގަވާއިދަށް އަމަލުކުރަން ވެެގެން، އޭގައި އޮންނަ ގޮތަށް ކާރުތަކުގައި މި ހުންނަ ކަންކަން ވެސް އެބަ ޖެހޭ ބަދަލުކުރަން. އެހެންވެ ކޯސްޓު ކިތަންމެ ބޮޑަސް ކުރާނެ،" އޭނާ ބުންޏެވެ.

ޓެކްސީ ޑްރައިވަރުން މި ގަވާއިދަށް ތާއީދުކުރޭތޯ ސުވާލުކުރުމުން އޭނާ ބުނީ، އެމީހުން މި ގަވާއިދަށް ތާއީދުކުރި ނަމަވެސް އެމީހުންގެ ވިސްނުން މިކަމާ ގުޅިގެން "ޕޮޒިޓިވް" ކަމަކަށް ނުބުނެވޭނެ ކަމަށެވެ.

އެއީ، މި ގަވާއިދާ ގުޅިގެން ޑްރައިވަރުންގެ އެތައް ކަންބޮޑުވުންތަކެއް ހުރީމަ، ކަމަށް ޝަމާލު ބުންޏެވެ.

ސިފައިންގެ މީހަކު ޓެކްސީއެއް ހުއްޓުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގަވައިދުގައިވާ ގޮތުން ޓެކްސީގެ ބިއްލޫރިތައް ކަޅުކުރެވޭނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އުޅަނދަށް ބަލާއިރު އެތެރޭގައި ތިބޭ ފަސިންޖަރުން ފެންނަން ހުންނަ ވަރަށެވެ.

ހަމަ އެއާއެކު، ޓެކްސީ ސެންޓަރެއް ހިންގަން ބޭނުންވާ ނަމަ، މަދުވެގެން 100 ޓެކްސީ ހަމަވާން ޖެހޭ ކަމަށް ވެސް ގަވާއިދުގައިވެއެވެ.

މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ޓެކްސީ ޑްރައިވަރު އަބްދުލް ހާދީ މިއަދު "ސަން"އަށް ބުނީ، އެގޮތަށް ގަވާއިދުގައި އޮންނަން ޖެހޭ ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ. ޓެކްސީގެ ޚިދުމަތަކީ ވެސް ވިޔަފާރިއެއް ކަަމަށާއި އެ ގަވާއިދުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުން ލިބޭ ކަމަށް އޭނާ ބުންޏެވެ.

ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ލާޒިމުކުރުމާ ގުޅިގެން އޭނާ ބުނީ، އެކަމަށް ތާއީދުކުރި ނަމަވެސް، އެ އުސޫލު ހިނގަން ޖެހޭނީ ޓެކްސީ ބޯޑު އަޅުވާފައިވާ ޓެކްސީތަކަށް އެކަނި ނޫން ކަމަށެވެ.

"ޕްރައިވެޓް ބޯޑު ބަހައްޓައިގެން ވެސް ޓެކްސީ ދަތުރުކޮށްދޭ މީހުންނަށް މި އުސޫލު ހިނގަން ޖެހޭނެ،" އޭނާ ބުންޏެވެ.

ކެމެރާ ހަރުކުރަން ހޭދަވާ ފައިސާއާ ގުޅޭގޮތުން ހާދީ ބުނީ، މަދުވެގެން 3،000 އަކަށް ރުފިޔާ މިކަމަށް ހޭދަވާ ކަމަށެވެ. އެއީ އާދައިގެ ކެމެރާއެއް އަޅުވަން ކަމަށާއި ކެމެރާ ހަރުކުރަން ނޭނގޭ މީހެއް ނަމަ، އެހެން މީހަކު ލައްވައި، އެކަން ކުރުވަން އިތުރު ޚަރަދު ދާ ކަމަށް އޭނާ ބުންޏެވެ.

ޓެކްސީތަކުގައި ކެމެރާ ހަރުކުރަން ތާއީދު ނަމަވެސް، ޑްރައިވަރު އަހުމަދު ރަޝީދު ވެސް ބުނީ، ކަންބޮޑުވުންތައް ވެސް އެހާމެ ގިނަ ކަމަށެވެ. އެގޮތުން އަބަދުވެސް ސަރުކާރުން މަސައްކަތް ކުރަނީ ޑްރައިވަރުންނަަށް އުނދަގޫވާ ގޮތަށް ހުރިހާ ކަމެއް ވެސް ކުރަން ކަމަށް އޭނާ ބުންޏެވެ.

"އަބަދުވެސް އުޅޭނީ ޓެކްސީތަކުގެ ފަހަތުން. އެކަމު މި ކަމަކީ ބައެއް މީހުންގެ ހަމަ އެކަނި ސޯސް އޮފް އިންކަމް. އެވަރު ވެސް ނުވިސްނި، ޓެކްސީ ޑްރައިވަރުންނަށް ދަތިކުރުމުގެ ގޮތުން ކުރާ ހުރިހާ ކަމެއް އަބަދުވެސް ކުރޭ. އަޅުގަނޑަށް ގަބޫލުކުރެވޭނީ އެގޮތަށް،" އޭނާ ބުންޏެވެ.

ވާހަކަ ދެއްކި ގިނަ ޓެކްސީ ޑްރަވައިރުން ބުނާ ގޮތުގައި، އަމަލުކުރަން ފެށުނު ގަވާއިދާއެކު، ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އެޅޭނެއެވެ. އެކަމަށް ތާއީދު އެ މީހުން ކުރަނީ ވެސް އެ ސަބަބަށެވެ. ނަމަވެސް ދެން ހުރީ، އެ މީހުންގެ ހުސް ކަންބޮޑުވުންތަކެވެ.

އަމަލުކުރަން ފަށާފައިވާ މިގަވާއިދާ ޚިލާފަށް ޓެކްސީގެ ޚިދުމަތް ދިނުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާއިރު އެފަދަ ކުށެއް ކޮށްފި ނަމަ، ޖޫރިމަނާކޮށް އެ ފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކުރުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

comment ކޮމެންޓް