ދައުލަތުގެ ފެން ކުންފުނި އެމްޑަބްލިޔުއެސްސީއިން މި ދައުރުގައި ނިންމައިފައިވާ މަސައްކަތްތަކުގެ އަގު އެއް ބިލިއަން ރުފިޔާއަށް އަރާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް މިރޭ ވިދާޅުވެއްްޖެއެވެ.
އެމްޑަބްލިޔުއެސްސީގެ 28ވަނަ އަހަރީ ދުވަސް ފާހަގަކުރަން ހެންވޭރު ބޯޅަ ދަނޑުގައި ބޭއްވި ޖަލްސާގައި ޝާހް ވިދާޅުވީ ބޭރުގެ ފަންނީ އެހީތެރިކަމަށް ބަރޯސާވެ ޚިދުމަތް ދޭން ފެށި އެ ކުންފުނި މިހާރު ހިންގަމުންދަނީ ސައްތައިންސައްތަ ދިވެހި ފަންނީ މުވައްޒަފުންގެ މޭސްތިރިކަމުގެ ދަށުން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ޒައާމަތުގައި އެމްޑަބްލިޔުއެސްސީން ގިނަ ކާމިޔާބީތަކެއް ހާސިލުކޮށްފައި ވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ދިގުދެމިގެންދިޔަ ކޮވިޑްގެ ވަބާގެ ސަބަބުން ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކާއެކު ވެސް ތާރީހީ ކުރިއެރުންތަކެއް މި ފާއިތުވި ހަތަރު އަހަރު ދުވަހު ވަނީ ހާސިލުކުރެވިފައި،" ޝާހް ވިދާޅުވިއެވެ.
އެގޮތުން ކުންފުނީގެ އޮޕަރޭޝަން ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ހަލުވި ދުވެލީގައި އާބާދުވަމުން އަންނަ ހުޅުމާލޭގެ ދެ ފިޔަވައްސާއި ތަރައްގީކުރެވެމުންދާ ތިލަމާލެ ސަރަހައްދާއެކު ގްރޭޓާ މާލެ އޭރިއާގެ ފެނާއި ނަރުދަމާގެ ވިއުގަ ބޭނުންވާ އަޕްގްރޭޑްތައް ގެނެސް ކެޕޭސިޓީ ސްޓޯރޭޖް އިތުރުކުރުމަށް މަސައްކަތްކުރާ ކަމަށް ޝާހް ވިދާޅުވިއެވެ.
"މި ކުންފުނިން ބޭނުންވާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގަމުންދާ ބޮޑެތި މަޝްރޫތަކުގެ އަގު 224 މިލިއަން ރުފިޔާއަށް އަރާ،" ޝާހް ވިދާޅުވިއެވެ.
މި މަޝްރޫތައް ނިންމާލުމުން މި ސަރަހައްދުގެ ފެނާއި ނަރުދަމާގެ މައްސަލަތަކައް ދާއިމީ ހައްލެއް ލިބޭނެކަމަށް ވެސް ޝާހް ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫތައް ހިންގުމުގައި ވެސް އެމްޑަބްލިޔުއެސްސީން މި ދައުރުގައި ހޯދައިފައިވަނީ އިންގިލާބީ ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ އެގޮތުން 31 ރަށެއްގައި ފެނާއި ނަރުދަމާއާ ގުޅުންހުރި 68 މަޝްރޫއެއް ކުންފުނިން ހިންގަމުން ދާ ކަމަށާއި އޭގެ ތެރެއިން 28 މަޝްރޫއު މުޅިން ނިމި ރައްޔިތުންނަށް މަންފާ ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މަޝްރޫތަކުގެ އަގު ޖުމުލަ އެއް ބިލިއަން ރުފިޔާއަށްވުރެ މަތި ކަމަށެވެ.
"މިއީ އެމްޑަބްލިޔުއެސްސީގެ ތާރީހުގައި މީގެ ކުރިން ހިންގައިފައިހުރި މަޝްރޫތަކުގެ އަދަދާ ވެސް ނުބައްދަލު މިންވަރެއްކަން އުފަލާއެކު ފާހަގަކުރަން،" ޝާހް ވިދާޅުވިއެވެ.

މީގެ އިތުރުން، އެ ކުންފުނީގެ ޚިދުމަތް ފުޅާވެ މަސައްކަތް އިތުރުވަމުން ދިއުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވާކަމެއް ކަމަށް ޝާހް ވިދާޅުވިއެވެ. މިހާރު އެ ކުންފުނީގައި 1247 މުވައްޒަފުން މަސައްކަތް ކުރާ ކަމަށާއި އެއީ 2018އާ އަޅާބަލާއިރު ދެ ގުނަ ބޮޑު އަދަދެެއް ކަމަށް ވެސް ވިދާޅުވިއެވެ.
މުވައްޒަފުންގެ މައުޟޫގައި ޝާހް އިތުރަށް ވިދާޅުވީ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބާވަތުން ކުންފުނީގައި އަންހެން މުވައްޒަފުންގެ ދައުރުފުޅާކޮށް އިތުރުކުރުމަކީ ގޮންޖެހުމެއް ނަމަވެސް ރައީސް ޞާލިހުގެ ސީދާ އިރުޝާދުގެ ދަށުން މަސައްކަތްކޮށް އަންހެން މުވައްޒަފުން އިތުރުކުރެއްވިފައިވާ ކަމަށެވެ. އެގޮތުން 2018އާ އަޅާބަލާއިރު 24 އިންސައްތަ އިތުރުކުރެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީން އިޖުތިމާއީ ޒިންމާގެ ދަށުން ވެސް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ޝާހް ފާހަގަކުރެއްވިއެވެ. އެގޮތުން 2019އިން 2022އަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކައުންސިލްތަކާއި ދައުލަތުގެ މުއައްސަސާތަކާ ކްލަބް ޖަމިއްޔާތަކާ ގުޅިގެން 535އަށް ވުރެ ގިނަ އިވެންޓު ބާއްވައިފައިވާ ކަމަށާއި އިޖުތިމާއީ ޒިންމާގެ ދަށުން 47 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވާކަމަށް ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީއަކީ ދިވެހި ސަރުކާރުގެ 80 ޕަސެންޓު ހިއްސާ އަދި ބާކީ 20 ޕަސެންޓު ޖަޕާނުގެ ހިޓާޗީ ކުންފުނިން ހިއްސާވާ ކުންފުންޏެކެވެ.