އޮސްޓްރޭލިއާގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވައިފި

ފޮރިން މިނިސްޓްރީ ----

ރާއްޖޭގައި އޮސްޓްރޭލިއާ ހައި ކޮމިޝަނުގެ އޮފީހެއް ހުޅުވައިފިއެވެ.

ރާއްޖޭގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނު ހުޅުވީ، ހޮޓެލް ޖެންގެ ފަސް ވަނަ ފަންގިފިލާގައެވެ. މި އޮފީހުން ރާއްޖޭގައި އުޅޭ އަދި ރާއްޖެއަށް ޒިޔާރަތްކުރާ އޮސްޓްރޭލިއާ ރައްޔިތުންނަށް ކޮންސިއުލާ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ގާނޫނީ ލިޔެކިއުންތަކާ ގުޅޭ ޚިދުމަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއޮފީސް ރާއްޖޭގައި ހުޅުވި ނަމަވެސް، ޕާސްޕޯޓާ ގުޅޭ ޚިދުމަތްތައް މިވަގުތަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަނާ ގުޅިގެން ކަމަށެވެ.

މިކަމާ ގުޅިގެން މަރުޙަބާ ދަންނަވައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއްގައި ވަނީ މި އޮފީސް ހުޅުވުމާއެކު ދެ ގައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުންތައް އިތުރަށް ބަދަހިވެ، ކުރިއަރައިގެން ދާނެ ކަން ޔަގީން ކުރައްވާކަމަށެވެ.

އޮސްޓްރޭލިއާ އިން ރާއްޖޭގައި ހައި ކޮމިޝަނެއް ހުޅުވަން އެންމެ ފުރަތަމަ އިއުލާނު ކޮށްފައި ވަނީ، އެ ގައުމުގެ ޚާރިޖީ ވަޒީރު، ދަ އޮނަރަބަލް މަރީސް ޕެއިން މިދިޔަ އަހަރުގެ ފެބްރުއަރީ 11 ވަނަ ދުވަހު ނެރުއްވި ނޫސް ބަޔާނެއްގައެވެ. އޮސްޓްރޭލިއާ އިން ރާއްޖޭގައި ހައި ކޮމިޝަނެއް ހުޅުވުމަށް ނިންމާފައި ވަނީ ރާއްޖެ އާއި އޮސްޓްރޭލިއާއާ ދެމެދު އޮތް ދޭދޭ ގުޅުންތަކާއި ވިޔަފާރި އާއި ބައިނަލްއަގުވާމީ މައިދާނުގައި ދެ ގައުމުން ދެމުންދާ އެއްބާރުލުން އިތުރުކުރުމަށް ކަމަށް އެ ނޫސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން، ހައި ކޮމިޝަން ހުޅުވުމާއެކު، އިންޑޯ-ޕެސިފިކް ސަރަޙައްދުގެ ސުލްހަ އާއި އަމަން އަމާންކަން ބެލެހެއްޓުމަށް އޮސްޓްރޭލިއާއިން ރާއްޖެއާއެކު ކުރަމުންދާ މަސައްކަތްތަކަށް ވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އޮސްޓްރޭލިއާއިން ރާއްޖޭގައި އެ ގައުމުގެ ހައި ކޮމިޝަނެއް ހުޅުވާފައިވާއިރު އޮސްޓްރޭލިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން މަތީ ތައުލީމު ހާސިލުކުރުމަށް ދާ ގައުމެއްގެ އިތުރުން، އެކި ދާއިރާތަކުން، ރާއްޖެއަށް ފަންނީ އެހީ ފޯރުކޮށްދެމުންދާ ގައުމެކެވެ.

އޮސްޓްރޭލިއާގެ ހައި ކޮމިޝަނާއެކު، ރާއްޖޭގައި ހުރި ރެޒިޑެންޓް ޑިޕްލޮމެޓިކް މިޝަންތަކުގެ އަދަދު އަށަކަށް އިތުރުވީއެވެ.

ރާއްޖެއިން އޮސްޓްރޭލިއާއެކު ޚާރިޖީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ ޖޫން މަހުގައެވެ.

comment ކޮމެންޓް