ނަޝީދުގެ ތުހުމަތަށް މިނިސްޓަރުގެ ރައްދު: ކުންފުނިތަކުގެ ވިޔަފާރީގެ މައުލޫމާތު މިނިސްޓްރީން ބަލަހައްޓާކަށް ނުޖެހޭނެ

ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކުންފުނިތަކުގެ ވިޔަފާރީގެ މައުލޫމާތަކީ ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަން ޖެހޭ އެއްޗެއް ނޫން ކަމަށް، ފިޝަރީޒް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަން މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވަނީ މިނިސްޓަރު ޑރ. ހުސައިންގެ އަރިހުން ލިޔުމުން ޖަވާބު ހޯއްދެވުމަށް ތިން ސުވާލެއް ފޮނުއްވާފައެވެ. އޭގެ ތެރޭގައި މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ މަހުގެ ތެރެއިން ރިޖެކްޓް މަހާ ގުޅޭ ބައެއް މައުލޫމާތު ހިމެނެއެވެ.

އެގޮތުން މިފްކޯއިން ތައިލެންޑަށް ވިއްކާފައިވާ މަހުގެ ރިޖެކްޓް ލެވެލްއަށް އެ ކުންފުނީގެ އިންވޮއިސްތަކުން ހިލޭ ދޫކޮށްފައިވާ އަދަދާއި، 2016 އިން 2017 އަށް އެ ހިސާބުތައް ހުރި މިންވަރުގެ ތަފްސީލާއި ތައިލެންޑް ބަނދަރާ ހިސާބުން ނުވަތަ ގަންނަ ފަރާތުގެ ކޯލްޑް ސްޓޯރޭޖާ ހިސާބުން ރިޖެކްޓްވާ ގަނޑުކުރި ކަޅުބިލަ މަހާއި ކުދި ކަންނެލި މަހަށް ހަދާ ގޮތުގެ މައުލޫމާތަށް ވަނީ އެދިފައެވެ.

އެ ތިން ސުވާލުގެ ޖަވާބުގައި ވެސް މިނިސްޓަރު ވިދާޅުވެފައި ވަނީ އެކަންކަމުގެ މައުލޫމާތު މިނިސްޓަރަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މިފްކޯ އަކީ މިނިސްޓްރީގެ ދަށުން ހިންގާ ކުންފުންޏަކަށް ނުވާތީ، އެކަމުގެ މައުލޫމާތާއި ތަފްސީލް އެނގޭނީ މިފްކޯއަށް ކަމަށް ވެސް މިނިސްޓަރުގެ ޖަވާބުގައިވެއެވެ.

އެހެންވެ، އިއްޔެ ބޭއްވި ރައްޔިތުން މަޖިލީހުގައި ޖަލްސާގައި، މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިންގެ ކިބައިން ލިޔުމުން ޖަވާބު ހޯދުމަށް ކުރައްވާފައިވާ ސުވާލުތަކަށް ޖަވާބު ނުދެއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް މިނިސްޓަރު ހުރަސް އަޅާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

ނަޝީދުގެ އެ ތުހުމަތުތައް ދޮގޮ ކުރައްވައި، މިނިސްޓަރު މިއަދު "ސަން"އަށް ވިދާޅުވީ، ފިޝަރީޒް މިނިސްޓްރީން ބަލަހައްޓަން ނުޖެހޭ މައުލޫމަތެއް އެ މިނިސްޓްރީއަށް ނުދެވޭނެ ކަމަށެވެ. އަދި ކުންފުނިތަކުގެ ވިޔަފާރީގެ މައުލޫމާތަކީ މިނިސްޓްރީން އެއްވެސް އިރެއްގައި ބެލެހެއްޓި އެއްޗެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަބަދުވެސް މިިނިސްޓްރީން ބެލެހެއްޓި މައުލޫމާތެއް ނަމަ، ރަނގަޅު އެކަން ވަރަށް ބޮޑު މައްސަލައަކަށް ވާން. އެކަމު އަޅުގަނޑު ޖަވާބު ނުދީގެން، މަޖިލީހުގެ މަސައްކަތްތަކަށް ހުރަސް އަޅަނީކަމަށް އެ ބުނާ އެއްވެސް ސުވާލަކީ މިނިސްޓްރީން ބަލަހައްޓާ އެއްވެސް ކަމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން އެދިފައިވާ މައުލޫމާތު މިނިސްޓްރީއަށް އެނގެން ނުޖެހޭ ކަން ފާހަގަކުރައްވައި، މިނިސްޓަރު ވިދާޅުވީ، އެކްސްޕޯޓު ކުރި މަހަށް ދޭ އަގާއި ރިޖެކްޓްވި އަދަދު ފަދަ މައުލޫމާތުތަކަކީ މިނިސްޓްރީން އެއްވެސް އިރެއްގަ ބެލެހެއްޓި މައުލޫމާތެއް ނޫން ކަމަށެވެ.

ފިޝަރީޒް ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޑިވިޝަންގެ މަސައްކަތް ފެށުނު އިރުން ފެށިގެން މަސް އެކްސްޕޯޓު ކުރުމުގައި ރިޖެކްޓް ކުރީ ކަމަށް ބުނެ ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި އެބަހުރި ކަމަށް ނަޝީދު ކުރެއްވި ތުހުމަތުތަކާ ގުޅިގެން، މިނިސްޓަރު ވިދާޅުވީ، މަސް އެކްސްޕޯޓު ކުރުމަކީ އެ މިނިސްޓްރީން ކުރާ ކަމެއް ނޫން ކަމަށާއި އެހެންވެ، އެފަދަ ތުހުމަތެއް މިނިސްޓްރީއަށް ކުރެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ނަޝީދު އެވާހަކަތައް މަޖިލީހުގައި ދައްކަވަނީ، އަބުރު ކަތިލުމުގެ ގޮތުންނެވެ. އަދި މަޖިލީހުގެ ތެރޭގައި އެފަދަ ވާހަކަނުދައްކަވައި، މިނިސްޓްރީއަށް ޖަވާބުދާރީ ވެވޭނެ ގޮތަށް، އެކަން ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

comment ކޮމެންޓް