ދަ ޑިމޮކްރެޓްސް ދެމިއޮންނާނީ ކުޑަ ޕާޓީއެއްގެ ގޮތުގައި: ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު--- ފޮޓޯ

ދަ ޑިމޮކްރެޓްސް ދެމިއޮންނާނީ ކުޑަ ޕާޓީއެއްގެ ގޮތުގައި ކަމަށް އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެއުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފައްދަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުއްދަ ދީފައިވާއިރު އެކަމާ ގުޅިގެން 'ސަން' އާ ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ އެމްޑީޕީ ދޫކޮށް އެހެން ޕާޓީއެއް އުފެއްދުމުގެ މަސައްކަތުގައި އުޅެނީ އަމިއްލަ މަގްޞަދެއް ހާސިލު ކުރަން މަސައްކަތް ކުރާ ބައެއް ކަމަށެވެ.

މި ސަރުކާރަކީ އަނިޔާވެރިކަމެއް ނެތި، ރާއްޖެއަށް ތަރައްގީ ގެނެސް، ގައުމު ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރަމުންދާ ސަރުކާރަކަށް ވާއިރު ޕާޓީން ބަޔަކު ވަކިވީ ޒާތީ ތައައްޞުބެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޞާލިހަށް ނިސްބަތްކޮށް، އެމަނިކުފާނާ ދެކޮޅަށް ދައްކާ ވާހަކަތަކަކީ ގިނަ ފަހަރަށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ނިޒާރު ވިދާޅުވިއެވެ.

"މިހާރު ސިޔާސީ ގޮތުން ރައީސް ޞާލިހާ ދެކޮޅަށް ދެކެވޭ ވާހަކަތަކަކީ ގިނަ ފަހަރަށް އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް. އެއީ ކޮންމެވެސް ޒާތީ ކަމެއް ހާސިލުކުރަން ކޮންމެ ބަޔަކުވެސް ދައްކާ ވާހަކަތަކެއް،" ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ކުރީގެ ރައީސަކު ޕާޓީއެއް އުފެއްދުމަކީ އެ ޕާޓީއާ ގިނަ ބަޔަކު ގުޅެންޖެހޭ ސަބަބެއް ނޫން ކަަމަށެވެ. އެގޮތުން އެމްޑީޕީން ވަކިވެ، ދަ ޑިމޮކްރެޓްސް އާ ގުޅެންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގިނަ ބަޔަކު ޕާޓީ ދޫކޮށް ނަޝީދުގެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ކުރީގެ ރައީސަކު އަދި ޕާޓީއެއް އުފެއްދެވިއަސް އެއީ އެ ޕާޓީއަކާ މީހަކު ގުޅެންޖެހޭ ސަބަބެއް ނޫން. އަޅުގަނޑަކަށް އެއީ މާ ބޮޑު މިސްރާބެއް އޮތް ޕާޓީއެއް ގޮތަކަށް ވެސް ނުފެނޭ،" ނިޒާރު ވިދާޅުވިއެވެ.

"ކުދިކުދި ޕާޓީތައް އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑު ގަބޫލުކުރަނީ ޑިމޮކްރެޓްސް ވެސް ކުޑަ ޕާޓީއެއްގެ ގޮތުގައި އޮންނާނެ ކަމަށް،"

މީގެ އިތުރުން ނިޒާރު ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް ނަޝީދު މަސައްކަތް ކުރައްވާއިރު އެމަނިކުފާނުގެ ފަރާތްޕުޅުން މިހާރު ފެންނަނީ ޑިމޮކްރަސީގެ އަސާސްތަކާ ޚިލާފު ސިފަތަކެއް ކަމަށެވެ. އަދި އެ ސިފަތަކަކީ ރާއްޖެއަށް ޑިމޮކްރަސީ ގެންނަން މަސައްކަތް ކުރެއްވި ބޭފުޅެއްގެ ކިބައިން ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ސިފަތަކެއް ނޫން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފައްދަވާ ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" އުފެއްދުމުގެ ހުއްދަ އީސީ އިން ދިނީ މިއަދެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް، މިދިޔަ އާދިއްތަ ދުވަހު އީސީއަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފުގެ ނަމުގައެވެ.

ސަރުކާރާ މެދު އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައި، ނަޝީދަށް ތާއީދުކުރައްވާ މަޖިލީސް މެންބަރުން ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވައިފައެވެ. އަދި، ކުރިން އެމްޑީޕީ ތެރޭގައި ފިކުރެއްގެ ދިރުން ނަމުގައި ހިންގި ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރަން ނިންމައިފައެވެ.

https://sun.mv/177855

comment ކޮމެންޓް