ބިރުދައްކައި ހަމަލާދިން މައްސަލައިގައި ހޯދި މީހާގެ ބަންދަށް 30 ދުވަސް

މާލޭގެ ގެއަކަށް ވަދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު 30 ދުވަސް ދީފިއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން ރ. މަޑުއްވަރީ ދެތަނޑިމާގެ، އިބްރާހީމް ސަމީން، 34 ހޯދަން ފުލުހުން އިއުލާނުކުރީ އިއްޔެގެ ވަގުތެއްގައެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ސަމީން ހޯދީ މެއި ދެވަނަ ދުވަހުގެ ވަގުތެއްގައި މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ޓަކައި ކަަމަށެވެ.

މިއަދުގެ ވަގުތެއްގައި އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުކުރުމުން ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް