މިދިޔަ އޭޕްރީލް މަހު 114 ކައިވެނި ކޮށްފައިވާއިރު، 76 ކައިވެނި ރޫޅިފައިވާ ކަމަށް ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ކޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު، އޭގެ ކުރީ މަހާ އަޅާބަލާއިރު ހުށަހެޅުނު ވަރީގެ މައްސަލަ ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އޭޕްރީލް މަހު 76 ވަރީގެ މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ކުރިން، މާޗު މަހު ވަނީ، 115 ވަރީގެ މައްސަލަ ހުށަހަޅާފައެވެ.
ކައިވެނި ކުރި މީހުންގެ އަދަދަށް ބަލާއިރު މިދިޔަ މަހު 114 ކައިވެނި ކޮށްފައިވާއިރު، އޭގެ ކުރިން، މާޗު މަހު 245 ކައިވެނި ވަނީ ކޮށްފައެވެ. އަދި މާޗު މަހަކީ، މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ކައިވެނި ކޮށްފައިވާ މަހެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހު ގެވެށި އަނިޔާގެ 12 މައްސަލައެއް ހުށަހެޅިފައިވާއިރު، ރައްކާތެރިކުރުމުގެ ފަސް އަވަސް އަމުރެއް ވަނީ ނެރެފައެވެ. އަދި ގެވެށި އަނިޔާއާ ގުޅޭ 10 މައްސަލަ ނުނިމޭ ކަމަށް ވެސް ފެމިލީ ކޯޓުން ބުންޏެވެ.
މިދިޔަ މަހު އެ ކޯޓުން 140 މައްސަލަ ބަލައި ނިންމާފައިވެއެވެ. އޭގެ ތެރޭގައި ވަރީގެ 101 މައްސަލަ، ކުދިންނާ ގުޅުންހުރި 14 މައްސަލަ، ޚަރަދުގެ ފަސް މައްސަލަ، ގެވެށި އަނިޔާއާއި ގުޅޭ ހަތް މައްސަލަ އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 13 މައްސަލަ ހިމެނެއެވެ.
އޭޕްރީލް މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން ވަރީގެ 133 މައްސަލައެއް ނުނިމޭ ކަމަށް ފެމިލީ ކޯޓުން ބުނެއެވެ. މީގެ އިތުރުން ކުދިންނާ ގުޅުންހުރި 32 މައްސަލަ، ޚަރަދުގެ 13 މައްސަލަ، ގެވެށި އަނިޔާއާ ގުޅޭ 10 މައްސަލަ އަދި އާއިލީ އެހެނިހެން މައްސަލަތަކުގެ ތެރެއިން 33 މައްސަލަ ނުނިމޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެ އިތުރުން މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު، ފެމިލީ ކޯޓުން މައްސަލަތައް ނިންމަން ހޭދަވި މުއްދަތައް 41 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.