ޝާކިރުގެ ކުއްލި ވަކިވުން: އާއިލާއާއި ރަހުމަތްތެރިންނަށް ކުއްލި ސިހުމާއި ހިތާމަ!

އަހްމަދިއްޔާގެ ޑެޕިއުޓީ ޑިރެކްޓަރު އިބްރާހިމް ޝާކިރު

އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުންދިޔަ އިބްރާހީމް ޝާކިރު އިއްޔެ ވެސް ގަދަފަދައެވެ. ރޭ މެންދަމު ކުއްލި ގޮތަކަށް މި ދުނިޔެއާ ޝާކިރު އަލްވަދާއު ކީ ނަމަވެސް އެ ޚަބަރު ގަބޫލުކުރަން އޭނާގެ އާއިލާ އާއި އެކުވެރިންނަށް ދަތިވެއެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޑެޕިއުޓީ ޑިރެކްޓާ ޝާކިރު، އުމުރުން 46 އަހަރުގައި މަރުވި ޚަބަރުން މުޅި އެ ސްކޫލްގައި ވެސް ވަނީ މޮޅީގެ ސާލެއްލެވިފައެވެ. އެ ސްކޫލްގެ ހުރިހާ މުވައްޒަފުންގެ މޫނުމަތީގައި މިއަދު ވަނީ މާޔޫސްކަމެވެ.

އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު މިއަދު "ސަން"އަށް ވިދާޅުވީ ޝާކިރަކީ އަހްމަދިއްޔާގެ ދަރިވަރެއް ކަމަށެވެ. އަދި އަހްމަދިއްޔާ ސްކޫލުން ތައުލީމް ހާސިލުކުރުމަށްފަހު އަހްމަދިއްޔާގެ ވަޒީފާއާ ގުޅުނު ގޮތަށް ހުރީ އަހްމަދިއްޔާއަށް ޚިދުމަތްކުރުމުގައި ކަމަށެވެ.

"އަހްމަދިއްޔާއަށް ވަރަށް ބޮޑު ގެއްލުމެއް ޝާކިރުގެ ވަކިވުމަކީ،" އޭނާ ވިދާޅުވިއެވެ.

އަހްމަދިއްޔާގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު (ކ) ޝާކިރާއެކު --

ރަޝީދު ވިދާޅުވި ގޮތުގައި ސްކޫލްގެ އިވެންޓުތައް ކުރިއަށް ދާނީ ޝާކިރުގެ ބެލުމުގެ ދަށުންނެވެ. އިމްތިހާނުތަކުގެ އިދާރީ ހުރިހާ މަސައްކަތެއް ވެސް ބަލަހައްޓަނީ އޭނާއެވެ. އެ ސްކޫލްގެ ބިދޭސީ ޓީޗަރުންގެ ވިސާގެ ކަންކަން ވެސް ބަލަހައްޓަނީ އޭނާއެވެ.

"ސްކޫލް ތެރޭގެ މަރާމާތުގެ ކަންކަމުގެ މަަސައްކަތުން ފަށައިގެން ވަރަށް ގިނަ މަސައްކަތުގައި އުޅުއްވާނެ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވި ގޮތުގައި ދަރިވަރެއްގެ ގޮތުގައި ވެސް ޝާކިރަކީ ހަރަކާތްތެރި މީހެކެވެ. އޭނާ އަހްމަދިއްޔާ ސްކޫލްގައި ތައުލީމް ހާސިލުކުރިއިރު ސްކައުޓްގެ މަގާމުތައް ފުރިއެވެ. ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންކަން ވެސް ކުރިއެެވެ.

ރަޝީދު ސިފަކުރެެއްވި ގޮތުގައި އަހްމަދިއްޔާއަށް ގެއްލިގެން އެ ދިޔައީ އެ ސްކޫލްގެ އެއްތަނބެވެ.

"އަހްމަދިއްޔާ ދެކެ ވަރަށް ލޯބިވާނެ. އަހްމަދިއްޔާއަށް ގުރުބާންވާ މީހެއް އެއީ. އަހްމަދިއްޔާއަށް ކަމެއް ވެއްޖިއްޔާ އެންމެ ކުރީ ސަފުގައި ހުންނާނީ ޝާކިރު،" ރަޝީދު ވިދާޅުވިއެވެ.

ދަރިވަރުންނާއެކު ދަތުރެއްގައި އުޅުމަށްފަހު މާލެ އައީ ރޭގައި!

އަހްމަދިއްޔާގެ ގްރޭޑް 12ގެ ދަރިވަރުންތަކެއް މިދިޔަ ހޮނިހިރު ދުވަހު ހައްދުންމައްޗަށް ކުރި ތަޖުރިބާގެ ދަތުރެއްގައި ޝާކިރު ބައިވެރިވިއެވެ.

އޭނާއަކީ ލ. ފޮނަދުއަށް ނިސްބަތްވާ މީހަކަށް ވާތީ ދަތުރުގެ ކަންކަމުގައި ވެސް ގިނަ އިންތިޒާމުތައް ހަމަޖެއްސުމުގައި އުޅުނީ ވެސް ޝާކިރެވެ. ދަތުރުގެ ހުރިހާ ކަމެއްގައި އެންމެ ފޯރީގައި އުޅުނީ ވެސް އޭނާއެވެ.

އެ ދަތުރު ނިންމައިލުމަށްފަހު މާލެ އައީ ރޭ 8:30 ހާއިރުއެވެ. އެއާޕޯޓަށް ބޯޓު ޖެއްސުމާއެކު ޝާކިރު، ރަޝީދަށް ގުޅިކަމަށް އޭނާ ކިޔައިދެއްވިއެވެ. ދަތުރާ ގުޅޭ މައުލޫމާތުތައް ދިޔައީ ޕްރިންސިޕަލްއަށް ކިޔައިދެމުންނެވެ.

"ދަތުރާ ގުޅޭ ގޮތުން އަޅުގަނޑު 11:50 ހާއިރު ގުޅީމަ ވެސް ވާހަކަ ދެއްކި ވަރަށް ރީއްޗަށް. ސަރ ވަރަށް ރަނގަޅަށޭ ދަތުރު ކަންތައް ކިޔައިގެން،" ރަޝީދު ވިދާޅުވިއެވެ.

އަހްމަދިއްޔާގެ ދަރިވަރުން ހޮނިހިރު ދުވަހު ދިޔަ ދަތުރުގައި ޝާކިރު (ވ) --

އެ ވަގުތު ރަޝީދު އޭނާއަށް މަސައްކަތެއް ވެސް ހަވާލުކުރެއްވިއެވެ. މެންދުރުގެ ވަގުތެއްގައި އެ މަސައްކަތް ނިންމައިލަދޭން ދާނެ ކަމަށް ޝާކިރު ބުނިކަމަށް ވެސް ވިދާޅުވިއެވެ.

ގަބޫލުކުރަން ދަތިވެ، ހިތާމައިގައި!

އަހްމަދިއްޔާގެ ރެކޯޑްތައް ދައްކާ ގޮތުން ޝާކިރަކީ ސަލާމްބުނާ މުވައްޒަފެއް ވެސް ނޫނެވެ. ބަލިވެ އުޅޭކަމުގެ މައުލޫމާތެއް ވެސް ލިބިފައެއް ނުވެއެވެ.

ޝާކިރުގެ ގާތް މީހަކު ކިޔައިދިން ގޮތުގައި ރޭ ދަންވަރު ބޮލުގައި ރިއްސާ އުދަނގޫތަކެއް ވާކަމަށް އޭނާ ބުނި ފަހުން، ހާލު އިތުރަށް ގޯސްވެ ހޮސްޕިޓަލަށް ގެންދިޔައެވެ. އެެކަމަކު، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ވަނީ މަރުވެފައެވެ.

މަރުވިއިރު ހަތަރު ދަރީންނާއި އަނތްބަކު ވެސް ދުނިޔޭގައި އެބަހުއްޓެވެ.

ރަޝީދު ވިދާޅުވީ ސްކޫލްތެރޭގައި މިއަދު އޮތީ މޮޅިވެރިކަމާއި މާޔޫސީކަމެވެ. އެ ހިތާމަވެރި ޚަބަރުން ހުރިހާ މުވައްޒަފުން ތިބީ މާޔޫސްވެފައެވެ.

"އަހްމަދިއްޔާގެ ހުރިހާ ޓީޗަރުންގެ ލޮލުން ކަރުނަ ފޭދިފައި،" އޭނާ ވިދާޅުވިއެވެ.

މުޅި ސޯޝަލްމީޑިއާ މިއަދު ފުރިފައިވަނީ ޝާކިރުގެ މަރުގެ ޚަބަރުންނެވެ. އެކަމަކު، އޭނާގެ މަރުގެ ޚަބަރަކީ ގާތް މީހުންނަށް ގަބޫލުކުރަން ދަތި، ހިތްދަތި ޚަބަރެކެވެ.

"ކިތަންމެ ގަބޫލުކުރަން ބޭނުން ނުވި ނަމަވެސް އަދި ފެނި ވާހަކަ ދައްކާލާ ސަމާސާކޮށްލަން ބޭނުންވި ނަމަވެސް ދެން ބައްދަލުނުވާނެކަމީ މިއީ ހަގީގަތެވެ،" ފޭސްބުކް ޕޯސްޓެއްގައި އަހްމަދިއްޔާގެ އިސްލާމް ޓީޗަރު ހަލީމަތު ރަހީމާ ލިޔުއްވައިފައިވެއެވެ.

އޭނާ ލިޔުއްވައިފައިވާ ގޮތުގައި ޝާކިރަކީ ސްކޫލް ދައުރުއްސުރެ ދަންނަ ރަހުމަތްތެރިއެކެވެ. ދެގޮތެއް ނެތި އަބަދުވެސް ހިތްހެޔޮކަމާއި ހިނިތުންވާ މޫނަކާއެކު ބައްދަލުކުރާ އެކުވެރިއެކެވެ.

"ފަތިހުގެ ހިތްގައިމު ވަގުތުގައި އިރުއަރަމުންދާ މަންޒަރު ބަލާލާ ހިތަށް އުފާވެރިކަމެއް ގެނުވިއިރު އެ ވަގުތުގައި އެކުވެރިޔާގެ މަރުގެ ޚަބަރު ލިބޭނޭކަމަކަށް އުންމީދެއް ނުކުރަމެެވެ،" ހަލީމަތު ލިޔުއްވައިފައިވެއެވެ.

ސްކައުޓް ލީޑަރު އަދި މަޝްހޫރު ޕްރެޒެންޓަރު މުހައްމަދު ޝަމްއޫން ލިޔުއްވައިފައިވާ ގޮތުގައި ޝާކިރަކީ ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓެކެވެ. އެގޮތުން ސްކައުޓުންނަށް ދޭ އެންމެ މަތީ އެވޯޑް (ރައީސުލްޖުމްހޫރިއްޔާގެ ސްކައުޓް އެވޯޑް) ރާއްޖޭގެ ސްކައުޓުންނަށް ދެވަނަ ފަހަރަށް ދިން ރަސްމިއްޔާތުގައި ޝާކިރަށް އެ އެވޯޑް ދީފައިވެއެވެ.

"ތައުލީމީ ދާއިރާއަށް ޚިދުމަތްކުރެެއްވުމުގެ އިތުރުން އޭނާއަކީ ސްކައުޓް ހަރަކާތުގައި ވަރަށް ގިނަ ކަންކަމުގައި އުޅުއްވި ހީވާގި ބޭފުޅެކެވެ،" ޝަމްއޫން ލިޔުއްވައިފައިވެއެވެ.

ޝާކިރަކީ އަޅުގަނޑު އަހްމަދިއްޔާގައި ތައުލީމު ހާސިލުކުރި ދުވަސްވަރު ވެސް ގާތްކަން ބެހެއްޓި، އަބަދުވެސް ހިނިތުންވުމާއެކު ވާހަކަދެއްކި މީހެކެވެ. ޝާކިރުގެ ކުއްލި ވަކިވުން އަދިވެސް ގަބޫލު ނުކުރެވެއެވެ.

ވަކިވެގެން އެ ދިޔައީ އިބުރަތްތަކެއް ދޫކުރަމުންނެވެ. މަރަކީ ކޮންމެ ވަގުތެއްގައި ވެސް ބައްދަލުކޮށްފާނޭ އެއްޗެކެވެ.

ނޯޓް: ޝާކިރުގެ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދަށްފަހުގައެވެ. ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އާއިލާއާއި ރަހުމަތްތެރިންގެ އެދުމެކެވެ.

comment ކޮމެންޓް