މަޖިލީހުގައި އިދިކޮޅުން ކުރާ މަސައްކަތް ވަރުގަދަ ކުރަން އެހެން ޕާޓީތަކަށް ދައުވަތު ދީފި

ސަރުކާރާ ދެކޮޅު ގިނަ ޕާޓީތައް އެކުލެވޭ އިއްތިހާދުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--- ފޮޓޯ/ ޕީޕީއެމް

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރައްޔިތުންގެ މަޖިލީހުގައި ކުރާ މަސައްކަތްތަކުގައި ބައިވެރިވާން އެ ކޯލިޝަނުން އެހެން ޕާޓީތަކަށް މިއަދުު ދައުވަތު ދީފިއެވެ.

އެ ކޯލިޝަނުން ބުނީ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރުމަށްޓަކައި އެ ކޯލިޝަނާއެކު މަސައްކަތް ކުރަން ބޭނުންވާ މެންބަރުންނާއި ޕާޓީތަކަށް ދައުވަތު އަރުވާ ކަމަށެވެ.

އިދިކޮޅުން އެ ދައުވަތު އެހެން ޕާޓީތަކަށް ދީފައިވާއިރު ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއެރި ކަނޑުގެ ސަރަހައްދުން ބޮޑުބައި ރާއްޖެއަށް ލިބޭ ގޮތަށް, އިޓްލޮސް އިން ނިންމި ނިންމުން ކަމުނުގޮސްގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާ އެކު ޕީޕީއެމް، އެމްއެންޕީ އަދި ޖޭޕީން ވަނީ އިއްތިހާދެއް އެކުލަވައިލައިފައެވެ.

އެ އިއްތިހާދުން ގުޅިގެން މަސައްކަތް ކުރާއިރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެކަމާމެދު ވާހަކަދައްކަވަމުން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށް ނަޒަރު ހިންގާލުމުން ފެންނަނީ "އިބޫ ނޫން ގޮތެއް" ހޯދަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ. އަދި މަޖިލީހުގައި ދައްކާ ވާހަކަތަކަށް ބަލާއިރު ފެނިގެން ދަނީ އެ މަންޒަރު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު ބަށްޓަން ވަމުންދާ ގޮތަށް އިޝާރާތް ކުރައްވައި އޭނާ ވިދާޅުވީ، ދެ ސިޔާސީ ޕާޓީއެއް ފިޔަވައި އެހެން ފަރާތްތަކުން ބޭނުންވަނީ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ވެރިކަން ނިމުމަކަށް ގެންނަން ކަމަށާއި، ރާއްޖޭގައި މިހާރު ހިނގާ ސިޔާސީ މަސައްކަތްތަކަށް ބަލައިލުމުން އެކަންކަން ސާފު ވެގެން ދާ ކަމަށެވެ.

އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި މި ވަގުތު ތިއްބެވީ، ދަ ޑިމޮކްރެޓްސް އުފެއްދެވުމަށް މަސައްކަތް ކުރައްވާ 13 މެންބަރުންނާއި ޕީޕީއެމްގެ ހަ މެންބަރުންނާއި ޕީއެންސީގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންގެ އިތުރުން އެމްއެންޕީގެ ތިން މެންބަރުންނެވެ.

comment ކޮމެންޓް