ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ހުށަހެޅުމަށް ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) ސޮއި ކުރައްވައިފިއެވެ.
އޭނާއަކީ މަޖިލީހުގައި ތިއްބަވާ 17 މިނިވަން މެމްބަރުންގެ ތެރެއިން މެންބަރެކެވެ. މިނިވަން މެންބަރުންގެ ތެރެއިން ސޮއިކުރައްވާފައި ވަނީ އޭނާ އެކަންޏެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ތާއީދާއެކު މަޖިލީހުގެ ނައިބު ރައީސްކަމަށް ވަޑައިގެން އީވާ، މި މަހު 17 ގައި ވަނީ އެ ޕާޓީން ވަކިވެފައެވެ. އެހެންވެ، އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ވަކިކުރަން ނިންމައިފައެވެ.
އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ 50 މެންބަރުން ވަނީ ސޮއިކޮށްފައެވެ. އެ މައްސަލަ މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. ސަރުކާރާ މެދު ދެބަސްވުން ބޮޑުވެ، އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކޮށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެފައެވެ. އަދި، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ، 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އަދި، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓުންނެވެ. އެއީ، މަޖިލީހުގައި ތިއްބަވައި 87 މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަނީ ލިބިފައި ކަމަށެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށް މަޖިލީހުން ބުންޏެވެ.