މިފަހަރު އޭލެވެލްގެ ގަދަ ދިހައެއްގައި ޖުމުލަ 441 ދަރިވަރުން ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު، ސާނަވީ ނިންމާ އިމްތިހާނުތަކުން މިފަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނު، ދަރިވަރުންނަށް "މަތީ އަރުތަވެރީންގެ އިނާމް" ވަނީ ދީފައެވެ.
މި މަހުގެ 31 ވަަނަ ދުވަހު، މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް މަތީ އަރުތަވެރީންގެ އިނާމް ދިނުމުގެ ޖަލްސާ އޮންނާނެއެވެ.
އެކަމުގެ މައުލޫމާތު ދެމުން، އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އޭލެވެލް ގަދަ ދިހައެއްގައި މިފަހަރު 441 ދަރިވަރުން ހިމެނިފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 87 ދަރިވަރުން ހިމެނެއެވެ.
އޭގެ ކުރީ އަހަރު އޭލެވެލް ގަދަ ދިހައެއްގައި ހިމެނުނީ ޖުމުލަ 348 ދަރިވަރުންނެވެ. އެހެންވެ، މި ފަހަރު އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންގެ އަދަދު، ކުރީ ފަހަރަށްވުރެ އިތުރެވެ.
މިދިޔަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު، ސާނަވީ ނިންމި އިމްތިހާނުތަކުން ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް އިނާމް ދީފައިވާއިރު، މިފަހަރު ސާނަވީ ގަދަ ދިހައެއްގައި ޖުމުލަ 844 ދަރިވަރުން ހިމެނުނެވެ.
މީގެ އިތުރުން ސާނަވީ ވަކި ވަކި މާއްދާތަކުން ވަނަ ލިބޭ ކުދިން ހިމަނައިގެން، "މަތީ އަރުތަތަވެރީންގެ" އިނާމް ޖުމުލަ 847 ދަރިވަރަކަށް ލިބުނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ވެސް ބުނީ، މި އަހަރަކީ ކުރީ އަހަރުތަކަށްވުރެ، ނަތީޖާގެ ގޮތުން، ކާމިޔާބު އަހަރެއް ކަމަށާއި ނަތީޖާތަކާ މެދު ހިތްހަމަ ޖެހޭ ކަމަށެވެ.
ބައެއް ސްކޫލުތަކުން ވެސް ވަނީ، މިފަހަރަކީ އެ ސްކޫލުތަކަށް ރަން ވަނަތަކެއް ލިބޭ ފަހަރެއްގެ ގޮތުގައި ފާހަގަަކޮށްފައެވެ.