އީވާ ވަކިކުރެވޭ ވަރަށް ސޮއި ހަމަކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން ބޭނުންވާ އަދަދަށް ސޮއި ހަމަކޮށް، އެ މައްސަލަ ހުށަހަޅަން ތައްޔާރު ވެއްޖެއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ތާއީދާ އެކު މަޖިލީހުގެ ނައިބު ރައީސްކަމަށް ވަޑައިގެން އީވާ، މި މަހު 17 ގައި ވަނީ އެ ޕާޓީން ވަކިވެފައެވެ. އެހެންވެ، އެ ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުން ވަނީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމުން އޭނާ ވަކިކުރަން ނިންމައިފައެވެ.

"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އީވާގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި މަޖިލީހުގެ 50 މެންބަރުން ވަނީ ސޮއިކޮށްފައެވެ. އަދި، އެ މައްސަލަ މިއަދު މަޖިލީހަށް ހުށަހަޅާނެއެވެ.

ސަރުކާރާ މެދު ދެބަސްވުން ބޮޑުވެ، އެމްޑީޕީން ބޭއްވި ރިޔާސީ ޕްރައިމަރީގެ ނަތީޖާ ގަބޫލުނުކޮށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވަނީ އެމްޑީޕީން ވަކިވެފައެވެ. އަދި، "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަން އެ ބޭފުޅުން ވަނީ އިލެކްޝަންސް ކޮމިޝަނުގައި އެދިފައެވެ.

މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް، އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ، 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ. އަދި، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 43 މެންބަރުންގެ ވޯޓުންނެވެ. އެއީ، މަޖިލީހުގައި ތިއްބަވައި 87 މެންބަރުންގެ ދެބައިކުޅަ އެއްބައި މެންބަރުންނެވެ.

comment ކޮމެންޓް