ހުޅުމާލެ ތަރައްގީ ކުރުމުގެ މާސްޓާ ޕްލޭންގައި ކުރޫޒް ޓާމިނަލެއް އެޅުމަށް ޚާއްސަކޮށްފައިވާ ސަރަހައްދުގެ ޕްލޭން ބަދަލުކޮށް، ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ޚާއްސަކޮށްގެން ހިއްކަން ނިންމާފައިވާ ސަރަހައްދު ހިއްކާނީ، އެންވަޔަރަމަންޓް އިމްޕެކްޓަ އެސަސްމަންޓް (އީއައިއޭ) ހަދައިގެން ކަމަށް، ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ފަޅުތެރެއިން ފަރުކޮޅު ފުށިން ފެށިގެން ފުރަތަމަ ފިޔަވައްސާ ހަމައަށް ބޮޑު ސަރަހައްދެއް ހިއްކުމަށް ސަރުކާރުން ނިންމައި އާބަންކޯއާއެކު އެކަމުގެ އިދާރީ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ހުޅުމާލެ އަލުން ހިއްކާ ސަރަހައްދު ހިއްކުމަށް ހަމަޖެހިފައިވަނީ ގާނޫނާ ގަވާއިދާ އެއްގޮތަށް ކަމަށެވެ.
"ގާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ކުރަން ޖެހޭ ކަމެއް ކޮށްގެން އެ މަސައްކަތް ކުރިއަށް ދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ސަރަހައްދު ހިއްކަން ނިންމާފައިވާއިރު، ބޭންކް ލޯންގެ ކަންކަން ބަދަލު ކުރުން ފަދަ ޓެކްނިކަލް މަސައްކަތްތައް މިހާރު ކުރަމުންދާއިރު، އަލަށް ހިއްކާ ސަރަހައްދު ބޮޑަށް ބޭނުން ކުރާނީ ބޯހިޔާވަހި ކަމަށެވެ.
އޭގެ ތެރޭގައި ފްލެޓް އެޅުމާއި ބިން ދޫކުރުން ވެސް ހިމެނެއެވެ.
ހުޅުމާލޭ މާސްޓާ ޕްލޭންގައި ވާގޮތުން އެ ސަރަހައްދަކީ ކުރޫޒް ޓާމިނަލެއް އެޅުމަށް ޚާއްސަކޮށްފައިވާ ތަނެކެވެ. ނަމަވެސް ސަރުކާރުން އެ ސަރަހައްދު ބޯހިޔާވަހިކަމަށް ދޫކުރަން ނިންމާފައިވަނީ ކުއްލި ގޮތަކަށެވެ. ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އަދި ދެވަނަ ފިހަވަހިން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
އެތައް ހާސް ރައްޔިތުންނެއް ދިރިއުޅޭ ހުޅުމާލެއަކީ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ހިއްކި އަވަށެކެވެ. އެ އަވަށުގެ ދެވަނަ ފިޔަވަހި ހިއްކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.