މަސްދުވަހުގެ ތެރޭގައި މަކުނުދޫ އެއާޕޯޓުގެ މަޝްރޫއަށް ބަޔަކު ހަމަޖައްސާނަން: އަސްލަމް

ޕްލޭނިންގެ މިނިސްޓަރު މުޙައްމަދު އަސްލަމް --- ފޮޓޯ/ މަޖިލިސް

ހދ. މަކުނުދޫގެ އެއާޕޯޓުގެ މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅަން މަސައްކަތް ކުރާ ކަމަށް ޕްލޭނިން މިނިސްޓަރު، މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފެށާނެ ތާރީޚަކާ ބެހޭ ގޮތުން، އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން، މިނިސްޓަރު އަސްލަމް ވިދާޅުވީ، މަކުނުދޫ އެއާޕޯޓު ހިމެނޭހެން ހަތަރު އެއާޕޯޓެއްގެ މަސައްކަތް ކުރަން އިއުލާނުކުރި ފަހުން، މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، އެ ފަރާތާއެކު ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަޝްވަރާތައް މިހާރު ދަނީ ކުރިއަށެވެ.

"ނަމަވެސް އެ ފަރާތުން ބިޑް ކުރިއިރު ހުށަނާޅާ ކަންކަން މިހާރު އެބަވޭ ހުށަހަޅާފަ. އެކަމަކަށް އަޅުގަނޑުމެން މުޅިއަކުން އެއްބަހެއް ނުވަން،" އޭނާ ވިދާޅުވިއެވެ.

މަކުނުދޫ އެއާޕޯޓަކީ ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން، ކަލެކްޓް ކުރި ފަންޑުން ކުރަން ރާފައިވާ މަސައްކަތަކަށްވާއިރު، އެ މަސައްކަތް ހަވާލުކުރާނީ، އެކަން ކުރާނެ ބަޔަކާއެކު ވާހަކަދައްކާ މަޝްވަރާކޮށް އަދި މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކަނޑައެޅުމުން ކަމަށް މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފަށާނެ ވަކި ތާރީޚެއް މިނިސްޓަރު އަސްލަމް ހާމަކުރައްވާފައި ނުވާއިރު، އޭނާ ވިދާޅުވީ، މަސްދުވަހުގެ މުއްދަތުގެ ތެރޭގައި މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރާނެ ބަޔަކު ކަނޑައަޅަން މަސައްކަތްކުރާ ކަމަށެވެ.

މީގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ، މަކުނުދޫ އެއާޕޯޓު އަޅަން ފައިސާ ހޯދައި، ކުރިއަށް އޮތީ މަސައްކަތް ފެށުން ކަމަށް ވިދާޅުވެފައެވެ.

މި މަޝްރޫއަށް 23.3 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

މަކުނުދޫ އެއާޕޯޓުގެ އިތުރުން ހަ ރަށެއްގައި އެއާޕޯޓު އަޅަން ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، މި ރަށްތަކުގައި އެއާޕޯޓް އަޅަން މިދިޔަ ޑިސެމްބަރު މަހު، ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ވަނީ ހަދާފައެވެ. އިތުރު ކުންފުންޏަކާއެކު ފައިނޭންސް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އެއްބަސްވުން ހެދިއިރު، މި ދެ ކުންފުނިން ފައިނޭންސް ހޯދާނެ ރަށްތަކެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ސަރުކާރުން ވަނީ މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ހިނގާނެ ޚަރަދުތައް ލަފާކޮށްފައެވެ. އެގޮތުން ބިލެތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރުގެ ޚަރަދުވާނޭކަމަށް ސަރުކާރުން ލަފާކުރެއެވެ.

comment ކޮމެންޓް