ތިލަމާލޭ ބުރިޖު މަސައްކަތުގެ ޝެޑިއުލްގައި ބައެއް ލަސްތަކެއް ހުރި ނަމަވެސް މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބޮންޑޭ) ވަނީ ތިލަމާލެ ބްރިޖުގެ މަސައްކަތް ލަސްވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާ، މިނިސްޓަރުގެ އަރިހުން މަސައްކަތް އޮތް ހިސާބު އޮޅުން ފިލުއްވައިފައެވެ.
އެ ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ތިލަމާލެ ބްރިޖު މަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުގެ މަސައްކަތުން ލަސްވެފައިވާ ބައިގެ ކޮންމެ ވެސް މިންވަރެއް ފުރިހަމަ ކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް މަސައްކަތް ނިންމާ ހަވާލު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރުމަށް ގަސްތު ނުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮންޓްރެކްޓަރުގެ މަސައްކަތުގެ ޝެޑިއުލްއަށް ބަލާފައި އެބަހުރި ޑިލޭސް. މިހާތަނަށް އަންނަންވާ ހިސާބަކަށް ނޫން އައިއްސަ ހުރީ. އޭގެ ތެރެއިން ކޮންމެ ވެސް މިންވަރެއް ކެޗްއަޕް ކުރެވޭނެ. އެކަމަކު އަދި އަޅުގަނޑުމެން ޓައިމް އެކްސްޓެންޝަނެއް ދޭކަށް ގަސްތެއް ނުކުރަން. ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މަސައްކަތް ހުއްޓިފައި އޮތް ކަމަށް ބެލެވުނު ނަމަވެސް ބުރިޖުގެ އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށާއި، ގުޅީފަޅުގައި ވެސް ޑެކް ސެކްޝަންތައް ހަދަމުން ދާ ކަމަށެވެ.
ތިލަމާލެ ބުރިޖުގެ ޑެކް ސެގްމަންޓްގެ ޔުނިޓްތަކުގެ މަސައްކަތް މިދިޔަ މަހު ފަށާފައިވާއިރު މާލޭގައި ކުރިއަށްދަނީ މާލެއިން ބްރިޖު ފެށޭ ހިސަބުގައި ޖަހާ އެއްގަމު ތަނބުތައް ޖެހުމުގެ މަސައްކަތެވެ.
އަދި، މާލޭއާ ދިމާލުން ކަނޑުގައި ޖަހާ ދެ ތަނބެއްގެ ޕައިލިން މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ވިލިމާލެއާ ދިމާއިން ކަނޑުގައި ޖަހާ ހަ ތަނބެއްގެ ޕައިލިން މަސައްކަތް ވެސް ކުރަމުންދާ ކަމަށް ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު މުހައްމަދު ޖިނާން މީގެ ކުރިން ވިދާޅުވިއެވެ.
ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ތިލަމާލެ ބްރިޖުގެ މާލެއިން ވިލިމާލެއަށް ދަތުރުކުރާ ބައި ބޭނުންކުރަން ފެށޭނެއެވެ. ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރަނީ އަންނަ އަހަރުގެ މެދު ތެރޭގައެވެ. ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 މީޓަރު ހުންނާނެ ކަމަށް އެފްކޮންސް އިން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން މާލެ އަދި ވިލިމާލޭގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެއެވެ. އަދި، ގުޅީފަޅާއި ތިލަފުށީގައި ރައުންޑްއެބައުޓްތަކެއް ގާއިމް ކުރާނެއެވެ. އޭގެ އިތުރުން ކޮންމެ ރަށެއްގައި ވެސް ބުރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.