ފެބްރުއަރީ އިން ފެބްރުއަރީއަށް: ދައުލަތުގެ އާމްދަނީ އަދި ޚަރަދު ވެސް މައްޗަށް!

އިދާރީ ބޭންކް އެމްއެމްއޭ އަށް މީހަކު ވަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިމިދިޔަ އަހަރުގެ ފެބްރުއަރީ އިން މި އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ އަދި ޚަރަދު މަތިވެއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ކޮންމެ މަހަކު ވެސް އާންމުކުރާ އިގްތިސާދީ އަދާހަމަ ތަފާސް ހިސާބުތަކުން ދާއްކާ ގޮތުން، ދައުލަަށް ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އަށް ވުރެ، މި އަހަރުގެ ފެބްރުއަރީ މަހު ލިބުނު އާމްދަނީ 33 ޕަސެންޓް އިތުރުވެފެއިވާކަން ވަނީ ފާހަގަކޮށްފައެވެ. އޭގެ އެންމެ މައިގަނޑު ސަބަބެއް ކަމުގައި ފާހަގަކޮށްފައިވަނީ ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވުމެވެ.

އެގޮތުން ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި ލިބުނު މިންވަރަށް ވުރެ 260.8 މިލިއަން ރުފިޔާ ވަނީ އިތުރުވެފައެވެ. މި އަހަރުގެ ފެބްރުއަރީ މަހު ޓެކްސް އާމްދަނީގެ ގޮތުގައި ދައުލަތަށް ވަނީ 345.8 މިލިއަން ރުފިޔާ ލިބިފައެވެ.

މީގެ އިތުރުން، ނިމިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވުރެ، މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއެރުމަކީ ވެސް އޭގެ ސަބަބެކެވެ. އެގޮތުން ކޮވިޑުގެ ކުރީގެ ޙާލަތަށް ރާއްޖޭގެ އިގްތިސާދީ ޙާލަތު ބަދަލުވެ، ފަތުރުވެރިކަމާއި އެ ސިނާއަތާ ގުޅުންހުރި އެހެން ދާއިރާތައް ކުރިއެރުމަކީ ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި އެއްކަމެވެ.

މިއާއެކުވެސް، ނިމިދިޔަ އަހަރުގެ ފެބްރުއަރީއަށް ވުރެ މި އަހަރުގެ ފެބްރުއަރީގައި ދައުލަތުން ކުރި ޚަރަދު ވަރަށް ބޮޑެވެ. އެގޮތުން ޖުމްލަ ޚަރަދު ނިމިދިޔަ ފެބްރުއަރީ މަހު ފަސް ޕަސެންޓް އިތުރުވެފައިވާއިރު، އެއީ ނިމިދިޔަ އަހަރުގެ ފެބްރުއަރީ އަށް ވުރެ 152.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޖުމްލަ ޚަރަދު ބޮޑުވުމުގެ އެންމެ މައިގަނޑު ސަބަބަކީ ރިކަރެންޓް ޚަރަދު ބޮޑުވުމެވެ. ރިކަރަންޓް ޚަރަދަކީ އެޚަރަދެއް ހިނގުމާއެކު އުވި ނެތިދާގޮތަށް ކުރެވޭ ޚަރަދެވެ. ނުވަތަ، ސަރުކާރު ހިންގުމުގައި ބޭނުންކުރާ ޚަރަދެވެ.

ރިކަރެންޓް ޚަރަދުގެ ތެރޭގައި ހިމެނޭނީ މުވައްޒަފުންނަށް ހިނގާ މުސާރައިގެ ޚަރަދާއި، އޮފީސް ހިންގުމުގެ ޚަރަދާއި، ސަރުކާރުން ކުރާ ކެޕިޓަލް އިންވެސްޓްމަންޓްތައް ބެލެހެއްޓުމާއި، ރައްޔިތުންނަށް ދެވޭ ޚިދުމަތެއް، ކަނޑައެޅިފައިވާ ރަނގަޅު ފެންވަރެއްގައި ދެމެހެއްޓުމަށްޓަކައި ހިނގާ ޚަރަދާއި އަދި ސަބްސިޑީޒްއާއި ސަރުކާރުން ނަގާފައިވާ ލޯނުގެ ޚިދުމަތުގެ ޚަރަދެވެ.

އެގޮތުން ރިކަރަންޓް ޚަރަދު 194.6 މިލިއަން ރުފިޔާ އިތުރުވިއިރު، ކެޕިޓަލް ޚަރަދު ވަނީ 41.9 މިލިއަން ރުފިޔާ ދަށްވެފައެވެ.

މީގެ އިތުރުން، ނިމިދިޔަ އަހަރުގެ ފެބްރުއަރީ އާ އަޅާބަލާއިރު ސަރުކާރުން ގެރެންޓީ ދީފައިވާ ދަރަނިތައް ނުލައި މި އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުގެ ދަރަނި ވެސް ވަނީ ތިން ޕަސެންޓް އިތުރުވެފައެވެ. އެގޮތުން ނިމިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި ދަރަނީގެ މިންވަރު ވަނީ 91.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އެހެން ނަމަވެސް، އުފެއްދުންތެރިކަމުގެ މިންވަރުން ދަރަނީގެ ނިސްބަތް ވެސް ވަނީ 96 ޕަސެންޓުން 92 ޕަސެންޓަށް ވެއްޓިފައެވެ. އަދި ދައުލަތުގެ ރިޒާވް ވެސް ވަނީ ފަސް ޕަސެންޓަށް މަދުވެފައެވެ.

comment ކޮމެންޓް