މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މަތިވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއެމްއޭއިން ކޮންމެ މަހަކު ނެރޭ ތަފާސްހިސާބުތަކުގެ އަންދާޒާތަކުން ދާއްކާ ގޮތުން، މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 7.6 ޕަސެންޓަށް އަރާނެއެވެ. އެއާ އަޅާބަލާއިރު މިދިޔަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ހުރީ 7.1 ޕަސެންޓުގައެވެ.
މިދިޔަ އަހަރު ވެސް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް އިތުރުވި އެންމެ ބޮޑު އެއް ސަބަބަކަށްވީ ފަތުރުވެރިކަން ކުރިއެރުމެވެ. އެގޮތުން ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި އެހެނިހެން ދާއިރާތައް ހަރުދަނާވުމުގެ ސަބަބުން އިގްތިސާދަށް ލިބުނު ކުރިއެރުމާއެކު ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް މަތިވިއެވެ.
މިއަހަރުވެސް ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތަށް އެންމެ ބޮޑު އަސަރެއް ކުރާ އެއް ސިނާއަތަކީ ވެސް ފަތުރުވެރިކަމުގެ ސިނާއަތެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަން ވެސް ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓް ކުރިއަރާފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތާ އެއްވަރަށް އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު ވެސް މި ވަނީ ބޮޑުވެފައެވެ. އެގޮތުން މި އަހަރުގެ ފެބްރުއަރީ މަހު އިންފްލޭޝަންގެ މިންވަރު 3.9 ޕަސެންޓުގައި ހުރުމަށްފަހު، މިދިޔަ މާޗު މަހު އެ އަދަދުވަނީ 4.0 ޕަސެންޓަށް އަރާފައެވެ.
އިންފްލޭޝަން ބޮޑުވުމަށް އެންމެ ބޮޑު ސަބަބަކަށްވީ ރެސްޓޯރަންޓް އަދި ކެފޭތަކުން ދޭ ޚިދުމަތުގެ އަގު އުފުލުމެވެ. އެގޮތުން މިދިޔަ މުއްދަތުގައި އާންމު ގޮތެއްގައި އެފަދަ ތަންތަނުގެ ޚިދުމަތުގެ އަގު 0.44 ޕަސެންޓް ބޮޑުވެފައިވެއެވެ.
ރާއްޖޭގެ އިންފްލޭޝަން މަތިވެފައިވާއިރު، މި އަހަރުގެ އޭޕްރީލް މަހު ވޯލްޑް ބޭންކުން ނެރުނު ސައުތު އޭޝިއާ އިކޮނޮމިކް ފޯކަސްގެ އެންމެ ފަހުގެ އަދަދުގައި ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން ވޯލްޑް ބޭންކުން ރާއްޖޭގެ މާލީ ޙާލަތައް ނުރައްކާ ވެފައިވާ ކަން ފާހަގަކޮށް، ތަކެތީގެ އަގު އުފުލުން ހިފެހެއްޓުމަށް ގޮވާލާފައިވެއެވެ.
މިއާއެކު، ވޯލްޑް ބޭންކަށް ރައްދެއްގެ ގޮތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އޭރު ވިދާޅުވީ ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި އެ ނޫން ވެސް ކުރިމަތިވާ މާލީ ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުންދާ ކަމަށެވެ.