ފާއިތުވެދިޔަ އަހަރުގެ އޭލެވެލް ގަދަ ދިހައެއްގައި ސީއެޗްއެސްއީގެ 154 ދަރިވަރަކު ހިމެނިއްޖެއެވެ.
އެ ސްކޫލުން މިދިޔަ އަހަރު އޭލެވެލްގައި ބައިވެރިވީ 418 ދަރިވަރުންނެވެ.
އޭލެވެލް ދަރިވަރުންގެ ތެރެއިން ފަސް މާއްދާއިން އޭ ސްޓާއިން މަތިން ހޯދާ ދަރިވަރުންނަށް ރައީސް ދެއްވާ ސްކޮލާޝިޕް ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ)ގެ ނުވަ ދަރިވަރުން ވަނީ ހޯދައިފައެވެ.
މި ނުވަ ދަރިވަރުންގެ ތެރެއިން ހަ މާއްދާއިން އޭ ސްޓާ ހޯދީ އެންމެ ދަރިވަރެކެވެ. އެއީ ނާޝާ ނަސީމެވެ.
ފަސް މާއްދާއަށްވުރެ މަތިން އޭ ސްޓާ ހޯދި ދަރިވަރުން:
- ނާޝާ ނަސީމް، 6 އޭ ސްޓާ
- ރާނިޔާ އަގްލީމް، 5 އޭ ސްޓާ
- ޝާއިން މުޙައްމަދު ރިފްއަތު، 5 އޭ ސްޓާ
- އައިޝަތު ރައިފާ ނަސީމް، 5 އޭ ސްޓާ
- އައިޝަތު ޔާޝާ އަހުމަދު، 5 އޭ ސްޓާ
- މަރިޔަމް މަލާކު ހުސައިން ރަޝީދު، 5 އޭ ސްޓާ
- އަބްދުﷲ ރައުދު މޫސާ، 5 އޭ ސްޓާ
- އައިޝަތު އިއްޒަތު ޔޫސުފު، 5 އޭ ސްޓާ
- އައިޝަތު ނީޝާން ވަހީދު، 5 އޭ ސްޓާ
އެ ސްކޫލުން ފާއިތުވި އަހަރު އޭލެވެލް ހެދި ކުދިންގެ ތެރެއިން ފަސް މާއްދާއިން އޭ ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ އަދަދު 53އަކަށް އަރައެވެ.
ސީއެޗްއެސްއީގެ ޕްރިންސިޕަލް އައިޝަތު ސަފޫރާ "ސަން"އަށް ވިދާޅުވީ މި ކާމިޔާބީއަކީ ދަރިވަރުންނާއި ޓީޗަރުން މި ދެ އަހަރުގެ ދަތުރު ފުރަތަމަ ދުވަހުން ފެށިގެން ރަނގަޅަށް އަތުކުރި އޮޅައިލައިގެން ފެށި ދަތުރުގެ ނަތީޖާ ކަމަށެވެ. އަދި ބެލެނިވެރިން ދެއްވާ ތަރުހީބަށް ވެސް އޭނާ ވަނީ ތައުރީފް ކުރައްވައިފައެވެ.
"އަސްލު މި ކާމިޔާބީއަކީ ދަރިވަރުން އަމިއްލައަށް ބޭނުންވެގެން ކުރާ ބުރަ މަސައްކަތުގެ ނަތީޖާ،" ސަފޫރާ ވިދާޅުވިއެވެ.
އިތުރަށް އޭނާ ވިދާޅުވީ މިއީ އެންމެ ރެއެއްގެ މަސައްކަތް ނޫން ކަމަށާއި އަބަދުމެ އަމާޒަކާ އެކީ އެއްވާނެއްގައި ކުރި މަސައްކަތް ކަމަށެވެ.
މިދިޔަ އަހަރު އޭލެވެލް އިމްތިހާނުގައި 2،849 ކުދިން ބައިވެރިވިއެވެ. އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނީ 441 ކުދިންނެވެ.