މިނިވަން ގައުމެއްގެ ގޮތުގައި ނުދެކޭ ޓައިވާނަށް ސަފީރަކު ކަނޑައެޅުމަށް އެދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ސިޓީ ފޮނުއްވީ ލިޔުމުގެ ކުށަކުން ކަން ހާމަވެއްޖެއެވެ.
ފާއިތުވި ހަފުތާ ތެރޭގައި ރައީސް ޞާލިޙް ވަނީ ރާއްޖެއިން 'ރިޕަބްލިކް އޮފް ޗައިނާ' ނުވަތަ ޓައިވާނަށް ސަފީރަކު އައްޔަން ކުރުމަށް އެދި މަޖިލީހަށް ސިޓީއެއް ފޮނުއްވައިފައެވެ. މި ސިޓީއަކީ ޗައިނާއަށް މިހާރު ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ ބަދަލުގައި އެހެން ބޭފުޅަކު ހަމަޖެއްސުމަށް މަޖިލީހަށް ފޮނުއްވި ސިޓީއެކެވެ.
'ރިޕަބްލިކް އޮފް ޗައިނާ' ނުވަތަ ޓައިވާނައަކީ ޗައިނާގެ މައި ސަރުކާރާ ވަކިން އަމިއްލަ ދައުތަލަތެއް ކަމަށް ދައުވާ ކުރާ ގައުމެކެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނަވައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެ ސިޓީ އިސްލާހު ކުރުމަށް ފަހު އަލުން މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅުގައި އެ ގައުމުގެ ނަން މިހާރު ވަނީ 'ރިޕަބްލިކް އޮފް ޗައިނާ' އެއީ ޓައިވާނަށް ސަފީރެއް ކަނޑައެޅުއްވުމަށް ފޮނުއްވުނު ސިޓީފުޅު އެއީ 'ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ' އަށް ކަމަށް ބަދަލުކޮށް، މިގޮތަށް އިސްލާހުކުރުމަށް ފަހު އަލުން އެ ސިޓީފުޅު ވަނީ ފޮނުއްވާފަ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ
އެ މައްސަލައިގައި ދިވެހި ސަރުކާރުން ވަނީ ކަން ހިނގާ ދިޔަ ގޮތް ޗައިނާގެ އޮފިޝަލުންނަށް ތަފްސީލްކޮށްދެއްވައި މާފަށް އެދިފައެވެ. އަދި، ރާއްޖެއިން ޗައިނާގެ 'ވަން ޗައިނާ ޕޮލިސީ'އަށް ތާއީދުކޮށް އެކަން ދަމަހައްޓާނެ ކަމުގެ ޔަގީންކަން ދީފައެވެ.
ދުނިޔޭގެ ގައުމުތަކުގައި ޓައިވާނުގެ ޑިޕްލޮމެޓިކް ދަރަޖަ އަކީ ޚިޔާލުތަފާތުވުން ބޮޑު މައްސަލައެކެވެ. ޗައިނާގެ ދާޚިލީ ހަނގުރާމަ 1949ވަނަ އަހަރު ނިމުނު ފަހުން ޗައިނާ އާއި ރިޕަބްލިކް އޮފް ޗައިނާ (ޓައިވާން) އިން ވަނީ އެއް ސަރަހައްދުން އަނެއް ސަރަހައްދުގެ އިސްތިގުލާލު ހިފަހައްޓައިފައެވެ.
ރާއްޖެ ހިމެނޭ ގޮތަށް ގިނަ ގައުމުތަކުން އަމަލުކުރަމުން ދަނީ ޓައިވާން ބަލައިގަންނަ ގައުމުތަކާ އެކު ރަސްމީ ގުޅުމެއް ބާއްވަން ފުރުސަތު ނުދޭ، ޗައިނާއާ އެކު ސިޔާސީ ގުޅުން ދެމެހެއްޓުމަށް 'ވަން ޗައިނާ' ގެ ސިޔާސަތުގެ ދަށުންނެވެ.