ގައުމީ ސްކޮޑު 30 ކުޅުންތެރިންނަށް ކުޑަކޮށް، ފަރިތަކުރުންތައް ފަށައިފި

ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންނާއި ކޯޗިން ސްޓާފް -- ފޮޓޯ/ އެފްއޭއެމް

ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑު 30 ކުޅުންތެރިންނަށް ކުޑަކޮށް، ސާފް ޗެމްޕިއަންޝިޕް 2023 ގެ ތައްޔާރީތައް ފަށައިފިއެވެ.

އަންނަ މަހުގެ 21 އިން ޖުލައި 4 ގެ ނިޔަލަށް އިންޑިއާގައި ކުރިއަށްގެންދާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ފެށިގެންދިޔަ އިރު، ސްކޮޑުގައި ހިމެނޭ 30 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އެ ފަރިތަކުރުންތައް ކުރިއަށްގެންގޮސްފައިވަނީ ގައުމީ ޓީމުގެ ހެޑް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުންނެވެ.

މީގެ ކުރިން ނެގި ރާއްޖޭގެ ޕްރިލިމިނަރީ ސްކޮޑުގައި 40 ކުޅުންތެރިން ހިމެނުނެވެ. އެ ކުޅުންތެރިންގެ ތެރެއިން ބާކީކުރި ދިހަ ކުޅުންތެރިންގެ ތެރޭގައި ކްލަބު އީގަލްސްގެ ފޯވަޑް އަހުމަދު ރިޒްވާން (ރިޒޭ) ވެސް ހިމެނިގެންދިޔައެވެ. ރިޒޭއަކީ ސީޒަންގެ މިހާތަނަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި ކުޅުންތެރިޔާއެވެ.

ގައުމީ ސްކޮޑުން ބާކީކުރި ދިހަ ކުޅުންތެރިން:

  • އަހުމަދު ރިޒުވާން / ކްލަބު އީގަލްސް
  • އަހުމަދު ހަސަން (އައްމަޑޭ) / ކްލަބު އީގަލްސް
  • ހަސަން ނަޒީމް (ޗޯޓު) / މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
  • އަބްދުﷲ ޔާމީން / ކްލަބު ވެލެންސިއާ
  • މުހައްމަދު ސާއިފް / ބުރު ސްޕޯޓްސް ކްލަބު
  • ފާރޫގު އިސްމާއިލް / ބުރު ސްޕޯޓްސް ކްލަބު
  • އަންސަރު އިބްރާހިމް (އަންކޮ) / ކްލަބު ގްރީން ސްޓްރީޓްސް
  • މުހައްމަދު ޖައިލަމް (އޮގީ) / ކްލަބު ގްރީން ސްޓްރީޓްސް
  • ވިޝާހު އަބްދުލް މާޖިދު / ސުޕަ ޔުނައިޓެޑް ސްޕޯޓްސް
  • ޝިފާން ހަސަން / ޔުނައިޓެޑް ވިކްޓަރީ

މީގެ ކުރިން އިއުލާންކުރި 40 ކުޅުންތެރިންގެ ސްކޮޑުގައި ވެސް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ހިމަނައިފައެއް ނުވެއެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކެޕްޓަން ދަގަނޑޭގެ ނަން ސްކޮޑުގައި ހިމަނާފައިނުވަނީ އޭނާ އަނިޔާގައި ހުރުމުންނެވެ. ރާއްޖެއަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ދަގަނޑޭ ދަނީ ގައުމީ ޓީމާއެކު 100 މެޗު ހަމަކުރުމަށް މަސައްކަތްކުރަމުންނެވެ.

ގައުމީ ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ
ސަމޫހު އަލީ (ސަމުއްޓޭ)
އަހުމަދު ނޫމާން (ހެލްމެޓް)
ހުސައިން ސިފާއު (ކުރޯ)
އިބްރާހިމް އައިސަމް
ހައިޝަމް ހަސަން (ބިޑި)
ހަސަން ރާއިފް (ހަންނަ)
ހުސައިން ނިހާން (ނިހާޓު)
ހަސަން ޝިފާޒް (ޑުންގާ)
ހަމްޒާ މުހައްމަދު (ހަމްޕު)
ހުސައިން ޝަރީފް
ނާއިޒް ހަސަން (ދާދު)
މުހައްމަދު އިރުފާން (އިރޭ)
އަލީ ފާސިރު (ސެންޓޭ)
މުހައްމަދު ފައިސަލް

އީގަލްސް
އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ)
ނިޝާމް މުހައްމަދު ރަޝީދު
ހުމައިދު ހުސައިން
މުހައްމަދު ޝަފީއު (ޗެކް)

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)
މުހައްމަދު ޝަޚާއު
އަހުމަދު އައިހަމް
މުހައްމަދު ނިޒާމް
އަހުނަފް ރަޝީދު

ބުރު ސްޕޯޓްސް
އިބްރާހިމް އުސާމާ
މުހައްމަދު ނާއިމް
ޝައިހާން އަލީ

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)
އަހުމަދު ބައްސާމް
އަލީ ނާޖިހު
ޝަނާން ރަޝީދު

ވެލެންސިއާ
އިބްރާހިމް ވަހީދު ހަސަން (އިއްބެ)

ޓީސީ ސްޕޯޓްސް
އަހުމަދު މާއިޝް ރަޝިދު

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ބަންގުލަދޭޝް އާއި ބޫޓާން އަދި ލުބުނާންއާއެކު "ގްރޫޕު ބީ" ގައެވެ. އެ ގްރޫޕުގެ ފުރަތަމަ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 22 ވަނަ ދުވަހުއެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ލުބުނާނާއި ބަންގުލަދޭޝް ބައްދަލުކުރާ އިރު، އެ ގްރޫޕުގެ ދެވަނަ މެޗުގައި ރާއްޖެއިން ނުކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

އެންމެ ވަރުގަދަ ގްރޫޕެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ "ގްރޫޕު އޭ" އެވެ. އެ ގްރޫޕުގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއި އެންމެ ފަހުގެ ރަނަރަޕް ނޭޕާލްގެ އިތުރުން ޕާކިސްތާނާއި ކުވެއިތެވެ. މުބާރާތް ފެށިގެންދާނީ ވެސް އެ ގްރޫޕުގެ މެޗުތަކުންނެވެ. އަންނަ މަހުގެ 21 ގައި ކުޅޭ އެ ގްރޫޕުގެ ފުރަތަމަ މެޗުގައި ކުވެއިތާއި ނޭޕާލް ބައްދަލުކުރާ އިރު، އެ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ޕާކިސްތާނެވެ.

ރާއްޖެ އިން ވަނީ ދެ ފަހަރަކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ. އެއީ ސްރީލަންކާ އަދި ރާއްޖޭގައި ކުޅުނު 2008 ގެ ސާފް ޗެމްޕިއަންޝިޕާއި 2018 ގައި ބަންގުލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕެވެ. އޭގެ އިތުރުން ރާއްޖެއިން ވަނީ ތިން ފަހަރަކު ރަނަރަޕް މަގާމު ހޯދައިފައެވެ. އެއީ ނޭޕާލުގައި ބޭއްވި 1997 ގެ ސާފާއި ބަންގުލަދޭޝްގައި ބޭއްވި 2003 އަދި 2009 ގެ ސާފް ޗެމްޕިއަންޝިޕްގައެވެ.

comment ކޮމެންޓް