އެމްޑީޕީން ވަކިވި ފިކުރެއްގެ ދިރުމުގެ މެމްބަރުން އުފައްދާ އާ ޕާޓީ، "ދަ ޑިމޮކްރެޓްސް"ގެ ބޭނުމަކީ ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދިނުން ނޫންކަމަށާއި ޕާޓީގެ ބޭނުމަކީ އެ ޕާޓީގެ މެމްބަރުން ބަލައިގަންނަ ޑިމޮކުރަސީގެ ހަމަތަކުގެ މަތިން ސިޔާސީ މަސައްކަތްކުރާނެ ފަހި ޖާގަައެއް ހޯދުންކަމަށް އެ ޕާޓީ އުފެއްދުމުގެ މަސައްކަތުގައިި އިސްކޮށް އުޅުއްވާ، އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
އެސްއެސްޓީވީން ގެނެސްދިން "ބާރު ހަތަރެއް" ގައި ޑިމޮކްރެޓުންގެ ސިޔާސީ ކުރިމަގާ ގުޅޭ ގޮތުން ވާހަކަަދައްކަވަމުން ޝިފާޒު ވިދާޅުވީ ޕާޓީ އުފެދުނީ ޑިމޮކުރަސީއާ މެދު ކުރެވުނު އުންމީދެއްގެ މައްޗަށްކަމަށެވެ.
އެ ފަދަ އުންމީދެއްގައި އުފެދުނު ޕާޓީއަކުން ޑިމަކުރަސީގެ އަސާސްތައް ނެތިދިއުމަކީ އަލުން ކުރީގެ ހާލަތަށް އިއާދަވުންކަމަށް ޝިފާޒް ވިދާޅުވިއެވެ.
"އަޅުގަނަޑަށް ޔަގީން ކަށަވަރު ދަ ޑިމޮކްރެޓްސްގެ އެއްވެސް ކަމެއް އުސޫލުތަކާ ޚިލާފަކަށެއް ނުދާނެ. އުސޫލަތަކޭ މި ދެންނެވީ، އުސޫލުތަކަކީ އަސާސީ ގަވައިދަކުން ނުވަތަ ހިންގާ ގަވައިދަކުން އަންނަ އެއްޗެއްތާ. އެހެންވީމާ އެއަށް ކޮންޓްރިބިއުޓް ކޮށްދެއްވަން ތިބި ބޭފުޅުންނަށް އަޅުގަނޑަށް ޔަގީން އެ ފުރުސަތު އޮންނާނެ. އަދި އަޅުގަނޑުމެން ހުޅުވައި ވެސް ލާނަން،" ޝިފާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ހޮވާއިރު އިންސާފުވެރި ޕްރައިމަރީއެއްގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ މެމްބަރުންނަށް ވެސް ލިބޭނެކަމަށެވެ.
އެ ފުރުސަތުގެ ތެރޭ ރައީސް ނަޝީދު ނޫން އެހެން ކެނޑިޑޭޓަކު ޕްރައިމަރީ ކާމިޔާބުކުރައްވާ ޙާލަތެއްގައި ވެސް އެ ކެނޑިޑޭޓަކާއެކު ޕާޓީ ކުރިއަށްދާނެ ކަމުގެ ޔަގީންކަން ޝިފާޒު ދެއްވިއެވެ.
"ހަމަަ އެ ބޭފުޅަކާއެކު ދާނީ ނޫންތޯ. އަޅުގަނޑުމެން މި އުޅެނީ އެ ކަން އޮންނަ ގޮތަށް ކޮށް ނިންމާށޭ އިނގޭތޯ. އެހެންވީމާ އަޅުގަނޑަކަށް ނުފެނޭ އެ ނޫން ގޮތަކަށް މި ޕާޓީގެ ކަންކަން ނިމޭނެ ކަމަކަށް،" އޭނާ ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ ރިޔާސީ ކެނޑިޑޭޓެއް ނިންމުމަކީ އެއްވެސް ބޭފުޅަކަށް އަމިއްލައަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވީ މިއަދު އެމްޑީޕީގެ ލީޑާޝިޕުން ޕާޓީ ހިންގަން މަސައްކަތްކުރަނީ އަމިއްލަ ވިޔަފާރިއެއް ހިންގާ އުސޫލުން ކަމަށެވެ. އެއީ އޭނާ ބަލައިގަންނާނެ ކަމެއް ނޫންކަމަށް ވެސް ޝިފާޒު ވިދާޅުވިއެވެ.