ނެޝަނަލް އާޓް ގެލަރީގައި ފަންނުވެރިންގެ ކުރެއްހުންތައް ދައްކާލުމަށް ޙާއްޞަކުރި "ޕާމަނަންޓް ކަލެކްޝަން" ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
އަލަށް ޤާއިމްކުރި ފަންނުވެރިންގެ ދާއިމީ ކުރެހުންތައް ދައްކުވައިދޭ "ޕާމަނަންޓް ކަލެކްޝަން" ކަލެކްޝަން ރަސްމީކޮށް ހުޅުވައިދެއްވީ ނެޝަނަލް އާޓް ގެލަރީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.
ނެޝަނަލް އާޓް ގެލަރީގައި ފަންނުވެރިންގެ ކުރެހުންތައް ދާއިމީކޮށް ފެންނަގޮތަށް ރަސްމީކޮށް މި ހަމަޖެހިގެންދިޔައީ އެކަންކުރުމަށް ވާހަކަދެކެވުނުތާ 18 އަހަރު ފަހުންނެވެ.
މިގޮތުން 2005 ވަނަ އަހަރު ނޭޝަނަލް އާޓް ގެލެރީ ހުޅުވީއްސުރެ ގެލެރީގައި ޕަރމަނަންޓް ކަލެކްޝަނެއް ޤާއިމް ކުރުމުގެ ސިޔާސަތެއް އޮތްނަމަވެސް މިއަދާ ހަމައަށް ޕަރމަނަންޓް ކަލެކްޝަނެއް ޤާއިމްކޮށް، އާންމުންނަށް ފެންނާނޭހެން މައުރަޒުކުރެވިފައެއް ނުވާކަމަށް ސަރުކާރުން ބުނެއެވެ.

ނެޝަނަލް އާރޓް ގެލަރީގެ "ޕާމަނަންޓް ކަލެކްޝަން" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ހުސެއިން ނާއިލް
ޕާމަނަންޓް ކަލެކްޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނު ވިދާޅުވީ، މި ކަލެކްޝަން ޤާއިމްކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތް ކުރައްވާފައިވާކަމަށެވެ. މިގޮތުން ކުރެވުނު މަސައްކަތްތަކުން ފަންނުވެރިންގެ ކުރެހުންތައް އެއްކުރުމުގެ މަސައްކަތް 2006 ވަނަ އަހަރުން ފެށުނުއިރު، މި ސެންޓަރު މިއަދު ހުޅުވިގެން މިދިޔައީ އަދުގެ ސަރުކާރުގެ މަސައްކަތުންކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.
ޔުމްނާ ވިދާޅުވީ މިފަދަ ކަލެކްޝަނެއްގެ މުހިއްމުކަން ފަންނުވެރިންނަށް ވަރަށް މުހިއްމު ކަމަށެވެ. ޒުވާނުން ފަންނުވެރިކަމަށް ޝަގުވެރިވެ، ކުރިއަރައި ދިއުމަށް މިފަދަ ކަލެކްޝަނެއްގެ ދައުރު ވަރަށް ބޮޑުކަން ޔުމްނާ ފާހަގަކުރެއްވިއެވެ.
"ފަންނުވެރިންގެ މިފަދަ ކަލެކްޝަނެއް މުހިއްމު ވެގެންދަނީ ފަންނުވެރިކަމުގެ ތާރީހު ދައްކުވައިދޭނީ.. މިފަދަ ކަލެކްޝަނަކުން ދައްކުވައިދެނީ އެ ގައުމެއްގެ އިސް ފަންނާނުންގެ މަސައްކަތްތައް. މިއީ ޒުވާނުނަށް ފެންނަން ހުންނަންޖެހޭނެ ތަކެތި" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

ނެޝަނަލް އާރޓް ގެލަރީގެ "ޕާމަނަންޓް ކަލެކްޝަން" ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ ހުސެއިން ނާއިލް
ނޭޝަނަލް އާޓް ގެލެރީގައި މިއަދު ހުޅުވި ދާއިމީ ކަލެކްޝަންގައި ދިވެހި ފަންނުވެރިންނާއި ބޭރުގެ ބައެއް ފަރާތްތަކުން ހަދިޔާކުރައްވާފައިވާ ޖުމްލަ 44 ކުރެހުން ހިމެނެއެވެ. މީގެ ތެރެއިން ދިވެހި ކުރެހުންތެރިންގެ 24 ކުރެހުމެއް މި ވަގުތު ދައްކާލުމަށް ވަނީ ބެހެއްޓިފައެވެ.
މި ކުރެހުންތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ކުރީގެ ފޮރިން މިނިސްޓަރު އަލްއުސްތާޛު ފަތުޙުﷲ ޖަމީލް ކުރައްސަވާފައިވާ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ފޮޓޯ ފުޅެކެވެ. މި ކުރެހުން ނެޝަނަލް އާރޓް ގެލަރީއަށް ވަގުތީގޮތުން ހަދިޔާކުރެއްވީ ހ. ހިކަރީ، އަހްމަދު އާދަމެވެ.
"ޕާމަނަންޓް ކަލެކްޝަން"ގައި ދައްކާލުމަށް ބަހައްޓާފައިހުރި ކުރީގެ ރައީސް ނާސިރުގެ ތަސްވީރަކަށް ރައީސް ސާލިހް ބައްލަވަނީ. މި ކުރެހުމަކީ ކުރީގެ ހާރިޖީ ވަޒީރު، ފަތުހުﷲ ޖަމީލުގެ ކުރެހުމެއް--- ފޮޓޯ/ރައީސް އޮފީސް
ދިވެހި ފަންނުވެރިންގެ 24 ކުރެހުމުގެ އިތުރުން މިވަގުތު ޤައުމީ ދާރުލްއާސާރުގެ ދާއިމީ ކަލެކްޝަންގައި ހިމެނޭ ދެ ކުރެހުމެއް ހިމެނެއެވެ. މީގެ އިތުރުން ބޭރުގެ ބައެއް ޤައުމުތަކާއި، ރާއްޖޭގައި އެކި ދުވަސްވަރު ޚިދުމަތްކުރެއްވި އެކި ޤައުމުތަކުގެ ސަފީރުން ހަދިޔާކުރައްވާފައިވާ ބައެއް ކުރެހުންތައްވެސް މި ކަލެކްޝަނުގައި ހިމެނެއެވެ.
އާޓް ގެލަރީގައި ހުޅުވި ދާއިމީ ކަލެކްޝަން މިމަހުގެ 22 އަދި 23 ވަނަ ދުވަހު ހެނދުނު 10 އަކުން ރޭގަނޑު 10 އަކަށް ހުޅުވިފައި ހުންނާނެއެވެ.
އެއަށްފަހު ފަހުން ކޮންމެ ދުވަހެއްގެ ހެނދުނު 10 އަކުން އިރުއޮއްސި 6 އެއް ޖެހުމާއި ހަމަޔަށް މި ތަން ހުޅުވާފައި ހުންނާނެއެވެ.