ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވާ ކުޑަފަރީގައި ޚާއްސަ ފެސްޓިވަލެއް

ދުނިޔޭގެ ތިމާވެށި ދުވަހާއި ކަނޑުތަކުގެ ދުވަހާއި ގުޅިގެން ނ އަތޮޅު ކުޑަފަރީގައި "ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023" ގެ ނަމުގައި ޚާއްސަ ފެސްޓިވަލެއް---

ދުނިޔޭގެ ތިމާވެށި ދުވަހާއި ކަނޑުތަކުގެ ދުވަހާއި ގުޅިގެން ނ. އަތޮޅު ކުޑަފަރީގައި "ދަ ލިޓްލް ބިގް ފެސްޓިވަލް ކުޑަފަރީ 2023" ގެ ނަމުގައި ޚާއްސަ ފެސްޓިވަލެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ފެސްޓިވަލަކީ ސަގާފީ އަދި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި އާދަކާދަތައް ފާހަގަކުރުމަށް ކުޑަފަރީން އިސްނަގައިގެން, ޖޫން މަހުގެ 10 ވަނަ ދުވަހު ކުރިޔަށް ގެންދާ ހަރަކާތެކެވެ.

މި ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި ސިފައިގައި ރާއްޖޭގެ ރަށްތައް ކުރިއަރާ ދިއުމަށްޓަކައި ޖަމާއަތުގެ ރޫހު އާލާކުރުމެވެ. އަދި ހަމަހަމަ އިންސާފުވެރި އުސޫލުން ގުދުރަތީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން ރަށާއި އަތޮޅުގެ އިގްތިސާދު ހިންގުމުގައި ނ. އަތޮޅުގެ އެހެން ރަށްރަށާއި ކުޑަފަރީ ގުޅިގެން ތަޖުރިބާތައް ހިއްސާކޮށް އެކަން ފާހަގަކުރުމެވެ.

ފެސްޓިވަލާ ގުޅޭގޮތުން 'ސަން' އާ ވާހަކަދައްކަވަމުން ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މި ފެސްޓިވަލަކީ އެއް ދުވަހަށް ކުރިއަށްދާ ފެސްޓިވަލެއް ކަމަށެވެ. އެހެންނަމަވެސް ފެސްޓިވަލް ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން އެކަމާ ގުޅުން ހުރި ވޯކްޝޮޕްތައް ކުރިއަށްދާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.

"ތަފާތު ހަރަކާތްތަކާ އެކު ކުރިއަށްދާ މި ފެސްޓިވަލްގައި ސަރުކާރު އިދާރާތަކާއި ކުޑަފަރީގެ ކޮމިއުނިޓީގެ އިތުރުން އަތޮޅުގެ އެހެން ރަށްރަށުންވެސް ބައިވެރިވާނެ" ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް

ޝަމީމް ވިދާޅުވީ މި ފެސްޓިވަލަށް އެންވަޔަރަމަންޓް މިނިސްޓްރީ އަދި ޓޫރިޒަމް މިނިސްޓްރީގެ އެއްބާރުލުންވެސް ލިބިގެންދާނެ ކަމަށެވެ.

"މި ފެސްޓިވަލުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ އެހެނިހެން ރަށްތަކާއި ކުޑަފަރީ ހިމެނިގެން އެކި ޒަމާންތަކަށް ދެމިގެން އައިސްފައިވާ އަތޮޅުގެ ދިރިއުޅުން ބައްޓަންވަމުން އައިސްފައިވާ ގަދީމީ އަދި ޒަމާނީ އާދަކާދަތައް ދެމެހެއްޓެނިވި ގޮތްގޮތަށް ދިރުވާ ގިނަ ފަރާތްތަކާއެކު ހިއްސާކުރުން" ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް

ކުޑަފަރީ ތިމާވެށި ފެސްޓިވަލްގައި ކުރިއަށްދާ ހަރަކާތްތަކުގެ ތެރޭގައި ރަށުގައި ހައްދާ ގަސްގަހާގެއްސާއި، ބިމާއި ފަރުން ގޮވާންކުރުމާއި، ކެއިން ބުއިމާއި، އެކި ފާޑުގެ މަސައްކަތްތެރިކަން އަދި ގެދޮރު ވަޑާންކުރުމުގެ ވައްޓަފާޅި ހުރި ގޮތް ދެނެގަތުން ހިމެނެއެވެ. އަދި ދިވެހިންގެ ތާރީޚީ ސިފައެއްކަމުގައިވާ ބޮޑުބެރުގެ ރޫހު އާލާކުރުމުގެ ހަރަކާތްތައް ދެމެހެއްޓޭނެ ގޮތްތައް ވެސް ހިއްސާކުރުން ކުރިއަށްދާނެއެވެ.

ކުޑަފަރީ ކައުންސިލުން ބުނީ މި ފެސްޓިވަލްގެ އެންމެ ޚާއްސަ ހަރަކާތަކީ ދުވަހުގެ މެންދުރަށް ރަށުގެ ޖަމާއަތުން އެކުގައި ތައްޔާރުކުރާ ބޮޑު މާލޫދު ކެއުންކަމަށެވެ. މީގެ އިތުރުން ރަށަށް ހާއްސަ ރައިވަރާއި، ދިވެހި ބޭސްވެރިކަމާއި، ފަންނުވެރިކަމާއި، ނެވިކަމާއި، ރަށުގެ ތަރައްޤީ ގެނުވާނެ ގޮތްތައް ހޯދުން ހިމެނެއެވެ.

comment ކޮމެންޓް