އޭއައިގެ ސަބަބުން 300 މިލިއަނެއްހާ ވަޒީފާ ގެއްލޭނެ

ޗެޓް ޖީޕީޓީ ސޮްފްޓްވެއަ

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި 300 މިލިއަނެއްހާ މީހުންގެ ވަޒީފާ ގެއްލޭނެ ކަމަށް ގޯލްޑްމަން ސޭކްސްގެ އިގްތިސާދީ މާހިރުންގެ ދިރާސާއަކުން ދައްކައިފިއެވެ.

އޭއައި، މި ލަފުޒަކީ މުޅި ދުނިޔެ ހަލަބޮލިކޮށްލާފައިވާ ޗެޓްބޮޓް ސެންސެޝަން ކަމަށްވާ ޗެޓްޖީޕީޓީގެ ފަހަތުގައިވާ ޓެކްނޮލޮޖީއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަޒީފާ އަދާ ކުރާ މީހުންގެ ތެރެއިން 18 އިންސައްތަ މީހުންގެ މަސައްކަތް ކޮމްޕިއުޓަރައިޒް ކުރެވިދާނެ ކަމަށް އެ ފަރާތްތަކުން ފާއިތުވި ހަފްތާ ނެރުނު ރިޕޯޓުތަކުގައި ލަފާކޮށްފައިވެއެވެ.

އޭއައި ގެ ސަބަބުން، އަތްތެރި މަސައްކަތް ކުރާ މީހުންނަށް ވުރެ އޮފީސްތަކުގައި "ޑެސްކް ޖޮބް" އަދާ ކުރާ އިދާރީ މަސައްކަތްތެރިންނަށް ވަޒީފާ ގެއްލުމުގެ ބިރު ބޮޑެވެ. އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އޭއައިގެ ސަބަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ އިދާރީ މަސައްކަތްތެރިންނާއި ގާނޫނީ ވަކީލުންނަށެވެ. ނަމަވެސް އިމާރާތް ކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތް ފަދަ މަސައްކަތްތަކަށް މިކަމުގެ އަސަރު ކުޑަ ކަމަށް އިގްތިސާދީ މާހިރުން ބުނެއެވެ.

އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގެ ވަޒީފާގެ ތިންބައިކުޅަ ދެބައި ކޮންމެވެސް މިންވަރަކަށް އޭއައި އޮޓޮމޭޝަނަށް ބަދަލުވެފައިވާ ކަމަށާއި، ހުރިހާ މަސައްކަތެއްގެ ހަތަރުބައިކުޅަ އެއްބައި އޭއައި އަށް މުޅިން ކުރެވިދާނެ ކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭއައި އިން ގެންނާނެ ކަމަށް ބުނާ އިންގިލާބީ ބަދަލު ގެނެސްފި ނަމަ މަސައްކަތްތެރިންގެ ބާޒާރަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވެދާނެ ކަމަށް އިގްތިސާދީ މާހިރުން ލިޔުއްވާފައިވެއެވެ.

އޭއައިގެ ޑިވެލޮޕަރު ވަނީ މި ޗެޓް ބޮޓުގެ ފަހަތުގައިވާ ސޮފްޓްވެއާގެ އެންމެ ފަހުގެ ވާޝަން، ޖީޕީޓީ ހަތަރެއް ދައްކާލާފައެވެ. ކޯޑިން ފަސޭހަކޮށް، އާދައިގެ ސްކޭޗަކުން ވެބްސައިޓެއް ހަލުވިކަމާއެކު އުފައްދައި، މަތީ މާކްސް ލިބޭ އިމްތިހާނުތަކުން ފާސްވުމުގެ ގާބިލުކަން މި ސޮފްޓްވެއާއަށް ލިބިގެންވެއެވެ.

އޭއައިގެ ސަބަބުން މަސައްކަތުގެ މާހައުލުތައް ބަދަލުވެދާނެ ކަމަށް ބެލެވޭ އިރު، އޭއައި ފުޅާ ދާއިރާއެއްގައި ބޭނުންކުރުމުން މަސައްކަތްތެރިންގެ އުފެއްދުންތެރިކަން އިތުރުވެ، 10 އަހަރުގެ ތެރޭގައި ދުނިޔޭގެ ޖީޑީޕީ އަހަރަކު ހަތް އިންސައްތަ އަށް އިތުރުވެގެންދާނެ ކަމަށް ގޯލްޑްމަން ސޭކްސް އިން ބުނެއެވެ.

comment ކޮމެންޓް