ނަޝީދުގެ މެމްބަރުންގެ އުނދަގޫ ބޮޑު، ވަކިވުމަކީ ލިބުނު ފަސޭހައެއް: ކެލާ އިބުރޭ

ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް (ކެލާ އިބުރޭ)

އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މެމްބަރުން އެމްޑީޕީން ވަކިވުމަކީ ލިބުނު ފަސޭހައެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރައްވާ ކެލާ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފް (ކެލާ އިބުރޭ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ސިޔާސީ މަސައްކަތާ ގުޅޭ ގޮތުން "ސަން"އާ ވާހަކަަދައްކަވަމުން ޝަރީފް ވިދާޅުވީ ދެ ޚިޔާލެއްގެ ބަޔަކު ޕާޓީ ތެރޭ އުޅުން ވެގެންދާނީ ޕާޓީގައި ތިބޭ އެހެން މެމްބަރުންނަށް އުނދަގުލަކަށްކަމަށެވެ. އެއީ ޕާޓީ ހިންގަން ދަތިވާނެ ކަމެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެއް ފިކުރެއްގައި ނުވަތަ އެއް ބައެއްގެ ގޮތުގައި ތިބޭ ބައެއްކަމަށް ވެއްޖެޔާ އެނގޭނެ އެއްބަޔަކު އަނެއް ބަޔަކަށް މަސައްކަތްކުރަން،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އަސާސްތަކާ ޚިލާފުވާނަމަ ޕާޓީން ވަކިކުރުމުގެ ފުރުސަތު ވެސް އޮންނާނެކަމަށެވެ. އެއީ މައްސަލައެއް ނޫންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ތާއީދުކުރައްވާ މެމްބަރުން އެމްޑީޕީން ވަކިވުމުން ރިޔާސީ އިންތިޚާބުގައި މާ ބޮޑު ގެއްލުމެއް ލިބޭނެކަމަށް ގަބޫލުނުކުރައްވާކަމަށެވެ. އަދި އެއީ ޕާޓީއަށް ލިބޭނެ ނިކަމެތި ކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިކަން ޝަރީފް ސިފަކުރެއްވީ އެހެން ޕާޓީއަކުން ރިޔާސީ ރޭހުގައި ވާދަކުރުން ފަދަ ކަމެއްގެ ގޮތުގައެވެ.

"އެ ބޭފުޅުންގެ ސިޔާސީ ފިކުރު ހުރެއްޖަ ކަމުގައި ވެއްޖެނަމަ ރިޔާސީ ރޭހުގައި ވާދަކުރައްވަފާނެ. އެހެން ބަޔަކާއެކު އެއްބައިވެގެން ވެސް ނިކުމެދާނެ. އެހެންނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ދެން އޭގެ ސަބަބުން ޕާޓީގައި ދެން ތިބި ބަޔަކަށް ލިބޭނެ ހިތްވަރެކޭ އެއީ އެހެން ފިކުރެއްގެ ބަޔަކު ދިއުމަކީ،" އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ކިބައިން ނުފެނުނީ ޕްރައިމަރީން ނާކާމިޔާބވުމުން އެ ކަން ބަލައިނުގަތް މަންޒަރުކަމަށެވެ. އަދި އެ ކަން ގަބޫލުފުޅުކުރެއްވުމުގައި އެ މަނިކުފާނަށް ދަތިފުޅުވި މަންޒަރުކަމަށެވެ. ހަމައެއާއެކު އެމްޑީޕީގެ އެސެޓުތަކަކީ އެއްވެސް ބޭފުޅެއް އަމިއްލަ ތަކެެއްޗެއް ނޫންކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ރައީސްގެ ފަޅީގައި އޭނާ ހުންނެވި ސަބަބު ސާފުކޮށްދެއްވަމުން ޝަރީފް އިތުރަށް ވިދާޅުވީ ރައީސް ޞާލިހަށް ތާއީދުކުރާ މެމްބަރުން އެ ކަން ކުރަނީ ފާއިތުވި ހަތަރު އަހަރު އެ މަނިކުފާނަށް ތާއީދު ހައްގުވާކަން ދައްކުވައި ދީފައި ވާތީ ކަމަށެވެ.

comment ކޮމެންޓް