"ޕާޓިކަލްސް"ގެ އެޕަށް ފައިސާ ނުދައްކާ ވާހަކަ އެމްޑަބްލިޔުއެސްސީ އިން ދޮގުކޮށްފި

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލޭ ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ކޮންޓްރެކްޓް އުސޫލުން "ޕާޓިކަލްސް" ކުންފުންޏާއި ހަވާލުކޮށްގެން ތައްޔާރު ކޮށްފައިވާ "ޓްރާންސްޕޯޓް މެނޭޖްމަންޓް އެޕްލިކޭޝަން" ގެ މަސައްކަތަށް ފައިސާ ނުދީ ހިފަހައްޓައި، އެ ކުންފުނީގެ މުވައްޒަފުން ނަހަމަ ގޮތުގައި ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދުމަށް މަސައްކަތްކޮށްފައި ވާކަމަށް ބުނާ ބުނުމަކީ ދޮގެއް ކަމަށް އެ ކުންފުނިން ބުނެފިއެވެ.

"ޕާޓިކަލްސް" ކުންފުންޏަކީ މޮބައިލް އެޕްސް، ވެބްސައިޓް އަދި ސޮފްޓްވެއާ ތަރައްޤީކުރާ ކުންފުންޏެކެވެ.

މީގެ ދެ ދުވަސް ކުރިން "ޕާޓިކަލްސް" ކުންފުނިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ އެމްޑަބްލިއުއެސްސީގެ އެދުމަށް ޓްރާންސްޕޯޓް މެނޭޖްމަންޓް ސޮފްޓްވެއާ/ އެޕްލިކޭޝަނެއް އުފައްދައިދިން ކަމަށެވެ. އެހެންނަމަވެސް ހިތާމައަކީ ކުދި ސޮފްޓްވެއާ ކުންފުނިތަކުން ކުރާ މަސައްކަތަށް ފައިސާ ދެއްކުމަށް އަބަދު އެދެން ޖެހުމަކީ ހިތާމަހުރި ކަމެއްކަމަށް އެ ޓްވީޓްގައި ބުނެފައިވެއެވެ.

މި މައްސަލަ ތަހުގީގުކޮށް ބަލާނެ ކަމަށް ބުނެ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ އެ ޓްވީޓަށް ޖަވާބުވެސް ވެފައެވެ.

މި ޓްވީޓާ ގުޅިގެން އެމްޑަބްލިއުއެސްސީން މިއަދު ކުރި އިއުލާނެއްގައި ބުނީ މި މައްސަލައާ ގުޅިގެން މީސްމީޑިއާ އަދި ޚަބަރު ފަތުރާ ބައެއް ވަސީލަތްތައް މެދުވެރިކޮށް ދައުރުވަމުންދާ ޚަބަރަކީ ވެސް ހަގީގަތާއި ޚިލާފު ޚަބަރެއް ކަމަށެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި މައްސަލަ އާއި ގުޅިގެން އެ ކުންފުނީގެ މުވައްޒަފުން އަދާކޮށްފައިވާ ދައުރާއި، ކޮންޓްރެކްޓަރާއި މިކުންފުންޏާއި ދެމެދު ކަން ހިނގާދިޔަ ގޮތް ބަލާފައިވާކަމަށާއި އެގޮތުން އެ ކުންފުނިން "ޕާޓިކަލްސް" އަށް ދޭންޖެހޭ ފައިސާ ނުދީ ހިފެހެއްޓުމަށް އެ ކުންފުނީގެ އެއްވެސް މުވައްޒަފަކު މަސައްކަތް ކޮށްފައި ނުވާކަމަށެވެ.

"ކުންފުނީގެ އެއްވެސް މުވައްޒަފަކު ނަހަމަ ގޮތުގައި ކޮންޓްރެކްޓަރު އަތުން ފައިސާ ހޯދުމަށް އެއްވެސް މުއާމަލާތެއް ހިންގާފައެއް ނުވާނެ" އެމްޑަބްިއުއެސްސީ

ހަމައެއާއެކު އެ ކުންފުންޏާއި "ޕާޓިކަލްސް" އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ބިލަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ މުއްދަތަށް ކޮންޓްރެކްޓަރަށް ފައިސާ ނުދެއްކި ލަސްވެފައި ނުވާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"މިފަދަ ހަގީގަތާ ޚިލާފު ޚަބަރުތައް ޚިލާފު ޚަބަރުތައް މީޑިއާގައި ފެތުރުމަކީ އެމްޑަބްލިއުއެސްސީ އާއި މެދު އާންމުންގެތެރޭގައި އޮންނަ އިތުބާރު ގެއްލި ޝައްކާއި ވަހުމް އުފައްދައި އަދި މި ކުންފުނީގެ ނަން ކިލަނބު ވެގެންދާ ކަމެއް." އެމްޑަބްލިއުއެސްސީ

އެއާއެކު އެމްޑަބްލިއުއެސްސީން ވަނީ ހަގީގަތާއި ޚިލާފު މިފަދަ ޚަބަރުތައް ނުފެތުރުމަށް އެދިފައެވެ.

comment ކޮމެންޓް