އާސަންދަ ބަޖެޓު ހުސްވަނީ، ބާކީ 200 މިލިއަން!

އާސަންދަ އޮފީސް

މި އަހަރަށް ދައުލަތުން އާސަންދައަށް ފާސްކުރި ބަޖެޓުން 870.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މި އަހަރަށް އާސަންދައަށް ބަޖެޓުކުރީ އެއް ބިލިއަން ރުފިޔާއެވެ. ނަމަވެސް، މި އަހަރުގެ ބާކީ 7 މަސް އޮއްވާ އާސަންދަ ބަޖެޓުގައި ބާކީ އިނީ އެންމެ 200 މިލިއަން ރުފިޔާއެވެ.

އާސަންދައަކީ އޭގެ ތާރީޚުގައި ވެސް ދައުލަތަށް ބޮޑު މާލީ ބުރައެއް ކުރިމަތިކުރުވި އެއްޗެކެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން ނިމިދިޔަ 2022 ވަނަ އަހަރަށް ބަލާއިރު ވެސް، އާސަންދައިގެ ގޮތުގައި ގާތްގަޑަކަށް ބިލިއަން ރުފިޔާ ޚަރަދު ނުކުރާ އަހަރެއް މަދެވެ.

- 2017 ވަނަ އަހަރު: 928 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި
- 2018 ވަނަ އަހަރު: 1.49 ބިލިއަން ރުފިޔާ ޚަރަދުކުރި
- 2019 ވަނަ އަހަރު: އެ އަހަރު ފާސްކުރި ބަޖެޓަށް ވުރެ 84 މިލިއަން ރުފިޔާ އިތުރަށް ޚަރަދުކުރި. ޖުމްލަ ޚަރަދު 1.3 ބިލިއަނަށް ވުރެ ބޮޑު
- 2020 ވަނަ އަހަރު: 1.21 ބިލިއަން ރުފިޔާ ޚަރަދުކުރި
- 2021 ވަނަ އަހަރު: ފާސް ކުރި ބަޖެޓަކީ 950.8 މިލިއަން ރުފިޔާ، އަހަރު ނިމުނު އިރު ޚަރަދު ކުރީ 1.56 ބިލިއަން ރުފިޔާ
- 2022 ވަނަ އަހަރު: ބަޖެޓު ކުރީ 730 މިލިއަން ރުފިޔާ، އަހަރު ނިމުނު އިރު ޚަރަދު ކުރީ 1.6 ބިލިއަން ރުފިޔާ.

މިހުރިހާ ކަމަކާއެކު، މި އަހަރު ވެސް އާސަންދައަށް ކަނޑައެޅި ބަޖެޓަށް ވުރެ ބޮޑު ތަނުން އިތުރަށް ޚަރަދުވާނެ ކަމަށް ބެލެވެއެވެ.

އާސަންދައިގެ ޚަރަދު ބޮޑުވެފައިވާއިރު، ރާއްޖޭގައި މިހާރު އާސަންދަ ދެމުން އަންނަނީ ފަގީރުންނާއި މުއްސަނދިންނަށް އެއް ހަމައަކުން ކަމަށާއި ރާއްޖޭގެ ސަބްސިޑީ ނިޒާމު މިހާރު ބައްޓަންވެފައި އޮތީ ދައުލަތަށް ބުރަ ބޮޑުވާ ގޮތަށް ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުޙައްމަދު ދީދީ މީގެ ގާތްގަޑަކަށް ހަ މަސް ކުރިން ވިދާޅުވިއެވެ.

އެކަން ޙައްލު ކުރުމަށްޓަކައި އާސަންދަ ދެމުން އަންނަ އުސޫލު ބަދަލުކުރުމުގެ ގޮތުން "ސޯޝަލް ޕްރޮޓެކްޝަން އެކްޓްގެ ބިލް" އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާނެ ކަމަށް އެ ފަހަރު މިނިސްޓަރު ވިދާޅުވި ނަމަވެސް އެކަމުގެ އަލި މަގެއް އަދި ނުއެއް ފެނެއެވެ.

އާސަންދައިގެ އިތުރުން، ރާއްޖޭގެ ޚަރަދު ކުޑަ ކުރުމަށް ބޭރުގެ މާލީ އިދާރާތަކުން ނަސޭހަތްތެރިވަމުން އަންނަ އިރު، އެކަމަށް މާ ބޮޑު އަޅާލުމެއް ސަރުކާރުގެ ފަރާތުން ދޭ ތަނެއް ނުއެއް ފެނެއެވެ.

comment ކޮމެންޓް