މި އަހަރުގެ ފުރަތަމަ ކުއާޓާގައި 10،000އަށްވުރެ ގިނަ ވެހިކަލުގައި ފުލުހުން ސްޓިކާ ޖަހައިފައިވާކަން ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާއްމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުމުލަ 10،617 ވެހިކަލެއްގައި ފުލުހުން ވަނީ ސްޓިކާ ޖަހައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ 5093 ސައިކަލާއި 3978 ކާރާއި 853 ޕިކަޕާއި 475 ވޭނާއި 107 ޖިޕުގެ އިތުރުން 111 ޓްރަކެވެ.
ގަވައިދާ ޚިލާފުވެގެން 543 ސައިކަލެއް ޓޯ ވެސް ކޮށްފައިވެއެވެ. އަދި 40 ކާރާއި އަށް ޕިކަޕާއި ހަތް ވޭނާއި 13 ބައިސިކަލުގެ އިތުރަށް ތިން ބެޓެރީ ސައިކަލު ވެސް ޓޯ ކޮށްފައިވެއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން 539 މަގުމަތީގެ އެކްސިޑެންޓް ވަނީ ތަހުގީގުކޮށްފައެވެ. އެ އެކްސިޑެންޓުތަކުގައި 77 މީހަަކަށް އަނިޔާވެފައި ވެއެވެ.
އެ އެކްސިޑެންޓްތަކުގެ ތެރެއިން 516 އެކްސިޑެންޓަކީ މާލޭ ސަރަހައްދުގައި ހިނގައިފައިވާ އެކްސިޑެންޓުތަކެވެ. އައްޑޫ ސިޓީގައި ހަ އެކްސިޑެންޓް، ފުވައްމުލަކު ސިޓީގައި ނުވަ އެކްސިޑެންޓް އަދި ކުޅުދުއްފުށީ ސިޓީގައި ތިން އެކްސިޑެންޓު ހިނގައިފައިވެއެވެ. އެހެން ރަށްރަށުގައި ހިނގައިފައިވަނީ ޖުމުލަ ފަސް އެކްސިޑެންޓެވެ.
ލައިސެންސް ސަސްޕެންޑް ކޮށްފައިވަނިކޮށް ވެހިކަލް ދުއްވައިގެން 284 މީހަކު ހިފަހައްޓައިފައިވެއެވެ. އަދި ލައިސެންސް ނުލައި 824 މީހަކު ވަނީ ދުއްވައިގެން ހިފަަހައްޓައިފައެވެ.
މިންގަނޑަށްވުރެ ބާރަށް ދުއްވައިގެން 443 މީހަކު ހިފެހެއްޓި އިރު މޯބައިލް ފޯން ހިފައިގެން ދުއްވައިގެން 243 މީހަކު ވަނީ ހިފަހައްޓައިފައެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ މައްސަލަތަކާއި މަސްތުވާތަކެތީގެ މައްސަލަތަކެވެ.