ޖިއްދާ (20 މެއި 2023): ސައޫދީ އަރަބިޔާގެ ޖިއްދާގައި ބޭއްވި އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ނިންމާލައިފިއެވެ.
ސަމިޓް ނިންމުމުގެ ގޮތުން ނެރުނު ބަޔާނަށް ދީފައިވާ ނަމަކީ "އިއުލާނު ޖިއްދާ" ނުވަތަ ޖިއްދާ ޑެކްލަރޭޝަން އެވެ. ޑެކްލަރޭޝަންގައި އެންމެ އިސްކަމެއް ދީފައިވަނީ ފަލަސްތީނުގެ މައްސަލައަށެވެ. ފަލަސްތީނުގެ ބިމާއި ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާއި ފަލަސްތީނުގެ މިނިވަން ދައުލަތުގެ މައްސަލައަކީ އަރަބި ގައުމުތަކުން އަދިވެސް އެންމެ ބޮޑު އިސްކަމެއްދޭ އަރަބި މަރުކަޒީ މައްސަލަކަމަށް މި ޑެކްލަރޭޝަންގައި ބުނެފައިވެއެވެ.
މުރާސިލުން ބުނާގޮތުގައި ފާއިތުވި ފަސްވަރަކަށް އަހަރު ތެރޭގައި ބޭއްވި އަރަބި ސަމިޓްތަކުން އިސްކަން ދީފައިނުވާވަރަށް ޖިއްދާގެ ސަމިޓްގައި ފަލަސްތީނުގެ މައްސަލައަށް އިސްކަންދިނެވެ.
ފަލަސްތީނުގެ މައްސަލައަށް 75 އަހަރުވެފައިވާއިރުވެސް އަދި ފަލަސްތީނުގެ މައްސަލަ އޮއްބާލައި ފަލަސްތީނު އިސްތިއުމާރުކޮށްގެން އޮވެ ފަލަސްތީނަށް އެއްވެސް ދުލެއްނުދީ އަރަބި ގައުމުތަކާ ގުޅުން އުފައްދަން އެމެރިކާގެ އެހީގައި އިސްރާއީލު ކުރާ މަސައްކަތްތަކަށް އަރަބި ގައުމުތަކުން ތާއީދުނުކުރާކަން މިޑެކްލަރޭޝަންގައި ސަރީހަކޮށް ހާމަކޮށްފައިވެއެވެ.
އަރަބި ގައުމުތަކުން އިސްރާއީލާ އާދައިގެ ގުޅުންތައް އުފައްދައި އިސްރާއީލާއެކު އޮންނަ ދުޝްމަންކަމަށް ނިމުން ގެންނާނީ 1976ގެ ހަނގުރާމައިގެ ކުރީގެ އިސްރާއީލު ހިފި ފަލަސްތީނުގެ ބިންތަކާއި އަރަބި އެހެން ބިންތަކުން އިސްރާއީލު ފާބައި ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމެނޭގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފައްދައިދިނުމުން ކަމަށް ވެސް މި ޑެކްލަރޭޝަންގައި ބުނެފައިވެއެވެ.
އަދި ފަލަސްތީނުގެ މައްސަލަ އޮއްބާލައި އޭގެ ބަދަލުގައި އެހެން މައްސަލައެއް ދައްކަން ކުރާ ކޮންމެ ކަމަކާ ދެކޮޅުހަދާނެކަމުގެ ކަށަވަރުކަން ހުރިހާ އަރަބި ގައުމުތަކުން ދީފައިވެއެވެ. މިއީ ސީދާ އެމެރިކާއާއި އިސްރާއީލަށް އަމާޒުކޮށް ނިންމާފައިވާ ނިންމުމެކެވެ.
ދެވަނައަށް ޖިއްދާ ޑެކްލަރޭޝަންގައި އިސްކަންދީފައިވަނީ ސޫރިޔާއަށް ކުރިމަތިވެފައިވާ ދާޚިލީ މައްސަލަތަކުން އަރައިގަތުމަށް ޓަކައި އެގައުމަށް އެހީތެރިވުމަށެވެ. މީގެތެރޭގައި ސޫރިޔާގެ ވެރިކަން ގަދަބާރުން ބަދަލުކުރުމަށް ދެކޮޅު ހެދުމާއި ސިޔާސީ ގޮތުން މައްސަލަ ހައްލުކުރުމަށާއި ސޫރިޔާގެ ރެފިއުޖީން އެނބުރި އެމީހުންގެ ގައުމަށް އައުމަށް އެހީތެރިވެދިނުން ހިމެނެއެވެ.
އަދި ސޫރިޔާގެ ބިންތައް ހިފައިގެންތިބި ބޭރުގެ ބާރުތައް (ތުރުކީއާއި އެމެރިކާ) އެބިންތަކުން ފައިބަންޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި އިސްރާއީލުން ސޫރިޔާއަށް ތަކުރާރުކޮށް ދެމުންގެންދާ އުދުވާނީ ހަމަލާތަކާ އަރަބިގައުމުތައް ދެކޮޅުކަން ހާމަކޮށް އިސްރާއީލުގެ އުދުވާން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އަރަބިން އެއްބާރުލުން ދޭނެކަމަށް ބުނެފައިވެއެވެ. ސޫރިޔާ އަރަބި ސަފަށް ގެނައުމުގެ ނިންމުން އަރަބި ގައުމުތަކުން ނިންމާފައިވަނީ މިކަން ނުކުރުމަށް ގޮވާލައި އެމެރިކާ އަރަބި ގައުމުތަކަށް ދިން އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމަށްފަހުގައެވެ.

ޖިއްދާގައި ބޭއްވި އަރަބި އިސްވެރިންގެ ސަމިޓް
ތިންވަނައަށް އިސްކަންދީފައިވަނީ ސޫދާނުގެ ސިފައިންގެ ދެލަޝްކަރުގެ ދެމެދުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށެވެ. މިކަން މިހާރުވެސް ސައޫދީ އިސްކޮށް އޮވެގެން ކުރަމުން އެބަގެންދެއެވެ.
ހަތަރުވަނައަށް އިސްކަން ދީފައިވަނީ ލީބިޔާގެ ވާދަވެރި ފަރާތްތަކުގެ މެދުގައި ހިނގަމުންދާ ސިޔާސީ ކޯޅުންތަކާއި ދެބަސްވުންތައް ހުއްޓުމަކަށް ގެނައުމަށާއި ލީބިއާގައި އިންތިޚާބުތައް ބޭއްވުމަށް އދ.އިން ކުރާ މަސައްކަތްތަކަށް އަރަބިން އެއްބާރުލުން ދިނުމަށެވެ. މިއަހަރު ނިމުމުގެ ކުރިން ލީބިޔާގައި ރިޔާސީ އަދި ބަރުލަމާނީ އިންތިޚާބު ބޭއްވުމަށް އދ.އިން ކުރާ މަސައްކަތްތަކަށް އަރަބި ގައުމުތަކުން ތާއީދުކޮށް އެއްބާރުލުން ދިނުމަށް އަރަބި ސަމިޓުން ނިންމާފައިވެއެވެ.
ފަސްވަނައަށް އިސްކަން ދީފައިވަނީ ޔަމަންގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރުމަށެވެ. ސައޫދީގެ އެހީތެރިކަމާއެކު ޔަމަންގެ ހޫޘީންނާ ދެކޮޅަށް ޔަމަންގެ ސަރުކާރުން ފެށި ދާޚިލީ ހަނގުރާމަ ވަގުތީގޮތުން މިހާރުވަނީ ހުއްޓުމަކަށް އައިސްފައެވެ. މިއާއެކު ސުލްހައިގެ ކަންކަން ކުރިޔަށްގެންގޮސް ޔަމަންގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމުގެ މަސައްކަތްވަނީ ފަށާފައެވެ. މިކަމަށް ސައޫދީއާއި ހޫޘީންނަށް އެހީތެރިވާ އީރާނުގެ އެއްބާރުލުންވެސް ލިބެއެވެ.
ހަވަނައަށް އިސްކަން ދީފައިވަނީ ލުބްނާނުގެ ވާދަވެރި ފަރާތްތަކުގެ މެދުގައި ސުލްހަ ގާއިމްކޮށް ލުބްނާނަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދިނުމެވެ.
ހަތްވަނައަށް އިސްކަން ދީފައިވަނީ ޗައިނާ އިސްކޮށް އޮވެގެން، އީރާނާއި ސައޫދީ ސުލްހަ ކުރުވުމަށެވެ. މިގޮތުން އީރާނާއި ސައޫދީ ސުލްހަ ކުރުވުމަށް ޗައިނާ އިސްކޮށް އޮވެގެންކުރި މަސައްކަތްތަކާއި އީރާނާ ސައޫދީން ގުޅުންތައް އަލުން ގާއިމްކުރުމަށް ޗައިނާ މެދުވެރިވެގެން ސޮއިކުރި އެއްބަސްވުމަށް އަރަބި ގައުމުތަކުން ތާއީދުކުރާކަން ހާމަކުރިއެވެ.
މީގެއިތުރުން ބޭރުގެ ބާރުތަކުން އަރަބި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެކި ނަންނަމުގައި ވަނުމަށް ކުރާ މަސައްކަތްތައް ޖިއްދާ ސަމިޓުން ކުށްވެރި ކުރިއެވެ. އަދި އަރަބި ގައުމުތަކުންވެސް އެއްގައުމު އަނެއްގެ ގައުމެއްގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެގެން ނުވާނެކަމަށް ބުނެފައިވެއެވެ.
ޖިއްދާގެ ސަމިޓްގައި އެންމެ ތާރީޚި ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ސޫރިޔާ އަލުން އެނބުރި އަރަބި ސަފަށް ގެނައުމާއެކު އަރަބި ސަމިޓްގައި ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދު ބައިވެރިވެވަޑައިގަތުމުން އެކަމަށެވެ.
ސޫރިޔާއާ ދެކޮޅަށް އެންމެ ބޮޑު ދުޝްމަންކަމެއް ގެންގުޅުނު އަރަބި ގައުމަކީ ގަތަރެވެ. ނަމަވެސް ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދުވެސްވަނީ ޖިއްދާގެ ސަމިޓްގެ ތެރެއިން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ބައްދަލުކުރައްވައި ދެބޭފުޅުން ސަލާމްގަލާން ކުރައްވައި ވަހަކަ ދައްކަވައި ހައްދަވާފައެވެ.
އެހެން ނަމަވެސް ސޫރިޔާއާމެދު ގަތަރުން ގެންގުޅޭ ހަރުކަށި ސިޔާސަތު (ސޫރިޔާގެ ބާޣީންނަށް އެހީތެރިވުމުގެ ސިޔާސަތު) ދޫކޮށްލައި ސޫރިޔާ އާއެކު ގުޅުންތައް ގާއިމްކުރަން ގަތަރުން އަދިވެސް އެއްބަސްވެފައެއް ނުވެއެވެ. ސޫރިޔާގެ ބާޣީންނަށް ކުރިން ތާއީދުކުރި ސައޫދީ އާއި ޔޫއޭއީ ފަދަ ގައުމުތައް މިހާރުވަނީ އެކަން ދޫކޮށް ބައްޝާރުގެ ސަރުކާރާ ގުޅުންތައް އުފައްދައި ސޫރިޔާއަށް އެހީތެރިވެދިނުމުގެ އައު ސިޔާސަތެއް ގެންގުޅެން ފަށާފައެވެ.
ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ވައްޓާލުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކުން ފެށި ދާޚިލީ ހަނގުރާމައަށް ދުނިޔޭގެ ކަންކޮޅުތަކުން އައިއެސް ޖަމާއަތުގެ ޓެރަރިސްޓުން ގެނައުމަށް އެހީތެރިވެދިން މައިގަނޑު ގައުމުކަމުގެ ތުހުމަތު ކުރެވެނީ ގަތަރުގެ މައްޗަށެވެ.
އައިއެސްގެ ހަނގުރާމަވެރިން ސަރަހައްދީ ރޮނގު ހުރަސްކޮށް ސޫރިޔާއަށް ވެއްދިކަމުގެ ތުހުމަތު ކުރެވެނީ ތުރުކީގެ މައްޗަށެވެ. އައިއެސް އާ ހަނގުރާމަ ކުރުމުގެ ނަމުގައި ސޫރިޔާއަށް އަސްކަރީ ގޮތުން ވަދެގަނެ ފަރުދާގެ އަނެއް ފަރާތުން އައިއެސްގެ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިންކަމުގެ ތުހުމަތު ކުރެވެނީ އެމެރިކާގެ މައްޗަށެވެ.
ޖިއްދާގެ އަރަބި ސަމިޓްގެ އިފްތިތާހީ ޖަލްސާއަށް ޔުކްރެއިންގެ ރައީސް ވްލަދިމީރު ޒެލްންސްކީއަށް ކުއްލި ދައުވަތެއް ދިނުމުން އޭނާ އެސަމިޓްގައި ތަގްރީރު ކުރައްވާފައިވެއެވެ. އަދި ރަޝިއާގެ ރައީސް ވްލަދިމީރު ޕޫޓިންއަށް ވެސް ސަމިޓަށް ޚިތާބެއް ފޮނުވުމުގެ ދައުވަތު ދިނުމުން ޕޫޓިންގެ ޚިތާބެއް އަރަބި ސަމިޓްގައި އިއްވާފައިވެއެވެ.
މިއީ ރަޝިއާއާއި ޔުކްރެއިންގެ ހަނގުރާމަ ހުއްޓުވުމަށްޓަކައި މެދުވެރިއެއްގެ ބައި އަދާކުރުމަށް ސައޫދީ ގެންގުޅޭ ސިޔާސަތުގެ ދަށުން ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ނިންމެވި ނިންމެވުމެއްކަމަށްވަނީ ބެލެވިފައެވެ.