ޕީޕީއެމްގެ މިސްރާބު އަނދިރި، ޕާޓީ ވުޖޫދުން ވެސް ފޮހެވިދާނެ: މައުރޫފް

އެސްއެސްޓީވީއިން ގެނެސްދޭ 'ބާރު ހަތަރެއް'ގައި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފް -- ސަން ފޮޓޯ

މިހާރު އިދިކޮޅުގައި އޮތް ޕާޓީ ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެ ގޮތުގައި ކުރިއަށްދާނަމަ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު ވެސް ބޮޑުކަމަށް އެމްޑީޕީއާއެކު ކޯލިޝަންގައި އޮތް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެެވެ.

އެސްއެސްޓީވީއިން ކޮންމެ ރެއަކު ގެނެސްދޭ 'ބާރު ހަތަރެއް'ގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ޕީޕީއެމަކީ މިއަދު ވެސް އިދިކޮޅުގައި އޮތް އެންމެ ނުފޫޒު ގަދަ އެއް ޕާޓީކަމަށެވެ.

ނަމަވެސް މިއަދު ފެންނަނީ އެ ޕާޓީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 'ވަށައި އެނބުރޭ' މަންޒަރުކަމަށް އޭނާ ވިދާޅުވިއެވެ. އެެހެން އެއްވެސް މީހަކަށް އެ ޕާޓީން ކުރިއަށް ދިއުމުގެ ފުރުސަތު ނުފެންނަކަމަށާއި އެއީ އެ ކަން ހިނގައިގެން ވާނެ ގޮތެއް ނޫންކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ސިޔާސީ އެއްވެސް ބޭފުޅެއްގެ ވަށައިޖެހޭ އެއްޗެއް ކަމަކަށް ސިޔާސީ ޕާޓީއަކީ. އެހެންވީމާ ސިޔާސީ ޕާޓީއެއްގައި އެއިރެއްގައި ހުންނަ ލީޑަރު ވަށައި އެނބުރެން ވެއްޖެޔާ ސިޔާސީ ޕާޓީއެއް ޖެހޭނީ ހަމަ ކަފުންކުރަން. އެ ނޫން ގޮތެއް ނޯންނާނެ. އެ ބަޔަކު ދާނީ ހަމަ ދަށަށް،" މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ސިޔާސީ ގޮތުން ޕާޓީތަކަށް ޠަބީއީ ގޮތުން އަންނަ ބަދަލުތައް ކޮންމެ މީހަކު ވެސް ގަބޫލުކުރަން ޖެހޭނެކަމަށެވެ.

"ރައީސް މައުމޫން ޑީއާރްޕީ އުފައްދައިގެން ޑީއާރްޕީ ބައިބައިވެގެން ދިޔައީ. ހަމަ އެ ގޮތަށް ރައީސް މައުމޫނު ޕީޕީއެމް އުފައްދައިގެން ޕީޕީއެމް ބައިބައިވެގެން ދިޔައީ. ހަމަ އަޅުގަނޑުމެން ކުރިން އުންމީދެއް ނުކުރަން އެމްޑީޕީ ބައިބައިވެގެން ދާނެކަމަކަށް. އެކަމަކު މިއީ ސިޔާސީ ހަގީގަތް. މިއީ ސިޔާސީ ޠަބީއަތް،" ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮންމެ މީހަކު ވެސް ސިޔާސީ މަސައްކަތްކުރަނީ އެ މީހެއްގެ ކުރިއެރުމަށް ޓަކައި ކަމަށެވެ. އެއީ ފަހަރުގައި ރާއްޖޭގެ ރައީސްކަމުގެ މަގާމު ބޭނުންވެގެން، ނުވަތަ މަޖިލިސް މެމްބަރަކަން ހޯދުން، ނުވަަތަ މިނިސްޓަރުކަން ހޯދުކަމަށް ކުރާކަމަކަށް ވެދާނެކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ޕާޓީތައް ބައިބައިވާން ދިމާވާ މައްސަލަ ފެށެނީ ޕާޓީ ތެރެއިން ގިނަ ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި މަސައްކަތްކުރުމުންކަމަށެވެ. އެއީ މާޒީގައި ޑީއާރްޕީ ވެސް އަދި ޕީޕީއެމް ވެސް ބައިބައިވި ސަބަބުކަމަށް މައުރޫފް ވިދާޅުވިއެވެ.

އެސްއެސްޓީވީއިން ގެނެސްދޭ 'ބާރު ހަތަރެއް'ގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓްމަންޓުގެ ޗެއާ މުހައްމަދު އިސްމާއީލް -- ސަން ފޮޓޯ

'ބާރު ހަތަރެއްގައި' މައުރޫފާއެކު ބައިވެރިވަމުން ޕީޕީއެމްގެ އެކްޝަން ޑިޕާޓްމަންޓުގެ ޗެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވަނީ މައުރޫފްގެ ވާހަކަތަކަށް ރައްދު ދެއްވައިފައެވެ.

އެގޮތުން މުހައްމަދު ވިދާޅުވީ ޕީޕީއެމް ބައިބައިވާ ވާހަކައަކީ ސިޔާސީ ވާހަކަތަކެއް ކަމަށެވެ. ޕީޕީއެމްގެ ކުރިމަގު ސާފުކަމަށާއި އެ ޕާޓީ ބައިބައިވާނެ ފުރުސަތެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

"ޕީޕީއެމްގެ ކުރިމަގު އޮތީ އަލިކޮށް. ޕީޕީއެމްއާ ދޭތެރޭގައި ކަންބޮޑުވެގެން ޕީޕިއެެމްއާ ދޭތެރޭގައި ތަފާތު ވާހަކަތައް، ޕީޕީއެމްގެ ލީޑާޝިޕާ ދޭތެރޭގައި ތަފާތު ވާހަކަތައް މި ދައްކަނީ ޕީޕީއެމް އޮތްލެއް ވަރުގަދަ ކަމުން. ޕީޕީއެމް އެއްގޮތަކަށް ވެސް ބައިބައިނުވާނެ. ޕީޕީއެމް ބައިބައި ނުވެސް ކުރެވޭނެ،" އޭނާ ވިދާޅުވިއެވެ.

މުހައްމަދު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް އޮންނަތާ ފަސް އަހަރުވާން ގާތްވެފައިިވާކަމަށެވެ. ނަމަވެސް އަދިވެސް އެ ޕާޓީއަށް ބަދަލެއް އައިސްފައިިވޭތޯ އޭނާ ސުވާލުކުރެއްވިއެވެ.

comment ކޮމެންޓް